އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ސަހަރަންޕޫރުގައި ހުންނަ 15 އަހަރުވީ އަނބު ގަހަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ މިއީ އާދައިގެ އަނބު ގަހަކަށް ނުވާތީ އެވެ. ދުރު ހިސާބުތަކުން މި ގަސް ބަލަން މި އަވަށަށް މީހުން މިހާރު ދަނީ ޒިޔާރަތް ކުރަމުންނެވެ. މި ގަސް އެހާ ޚާއްސަ ގަހަކަށް ވެފައިވަނީ މި ގަހުގައި 121 ވެރައިޓީއެއްގެ އަނބު އަޅާތީ އެވެ.
އެހެން އަނބުގަހާ މުޅިން ތަފާތު މި އަނބުގަހުގައި މިގޮތަށް އަނބު އަޅަނީ އިންޑިޔާގެ ހޯޓިކަލްޗަރިސްޓުންތަކެއް މީގެ ފަސް އަހަރު ކުރިން އަޖުމަ ބަލަން ވެގެން މި ގަހަށް ހެދި އެކްސްޕެރިމެންޓެއްގެ ނަތީޖާ އިންނެވެ.
މި އެކްސްޕެރިމެންޓްގެ މަގްސަދަކީ އާ ވައްތަރު ތަކުގެ އަނބުތައް އަޅާނެ ގޮތް ގޮތް ހޯދުމެވެ.
އަނބު ހޯޓިކަލްޗާ ކުރުމަކީ މި އޭރިއާގައި ހުންނަ އަނބުގަސްތަކަށް އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މިއީ ތަފާތު ވައްތަރުގެ އަނބުތައް ހައްދަން ގެންގުޅެންޖެހޭނެ ގޮތްތައް އަޖުމަ ބެލުމަށް ކުރާ ކަމެއް ކަމަށް ހޯޓިކަލްޗާ އެންޑް އެކްސްޕެރިމެންޓް އެންޑް ޓްރެއިނިން ސެންޓަރުގެ ޖޮއިންޓް ޑިރެކްޓަރު ރާޖޭޝް ޕްރަޝާދު ވިދާޅުވި އެވެ.
"ތަފާތު ވެރައިޓީ ތަކުގެ އަނބު ގަހުގެ ގޮފިތައް ކަނޑައިގެން ގެނެސް ރަނގަޅަށް ވަރުގަދަޔަށް ހެދިފައި ހުންނަ އަނބު ގަހެއްގެ ގޮފިތަކުގައި ޕްލާންޓް ކުރަނީ. މި ކަން ބަލަހައްޓަން ޚާއްސަކޮށް ނާސަރީ އިން-ޗާޖެއް ވެސް ބަހައްޓާފައި ހުންނާނެ. މިގޮތަށް އަޖުމަ ބަލަން އެކި ކަހަލަ އަނބު ގަހުގެ ގޮފިތައް ޕްލާންޓްކުރި ގަހެއްގައި މިހާރު އަނބު އަޅައިގެން މި އުޅެނީ،" ޑިރެކްޓަރު ވިދާޅުވި އެވެ.
ރިސާޗަރުން ބުނަނީ އާ އަނބު ގަސްތަކުގައި ވެސް މިގޮތަށް އެކްސްޕެރިމެންޓްތައް ހަދަމުން ގެންދާ ކަމަށެވެ. އެއީ ރަހަމީރު ތަފާތު އަނބުތައް އަޅާނެ ކަމަށް ބެލެވޭތީ އެވެ.
އޮފިޝަލުން ބުނާ ގޮތުގައި އަނބު ކެއުމަށް ލޯބިކުރާ އަދި އަނބު ގަސް ހައްދާ މީހުން މިކަހަލަ އެކްސްޕެރިމެންޓްތައް ހެދުމަށް އެމީހުން ހިތްވަރުދެ އެވެ.