ލައިފްސްޓައިލް

އަގުބޮޑު އަނބުގަސްތަކަށް ތިން ގާޑާއި ނުވަ ކުއްތާ!

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ސްޓޭޓްގެ ޖަބަލްޕޫރުގައި ހައްދަފައިވާ ދުނިޔޭގެ އެންމެ އަގު ބޮޑު އަނބު "މިޔަޒާކީ" އަޅާ ގަސްތައް ބެލެހެއްޓުމަށް ނުވަ ގާޑުންނާއި ތިން ކުއްތާ އަބަދު ވެސް ތިބެ އެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ސަންކަލްޕް އާއި އޭނާގެ އަންހެނުން ރާނީ ޕަރިހާރް އިންދި އަނބު ގަސް ތަކެކެވެ.

ދަނބު ފާޑެއްގެ ކުލައަކަށް ހުންނަ މި އަނބުގަސްތައް އިންދިއިރަކު އެމީހުންނަކަށް މީގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުބޮޑު އަނބު އަޅާ ގަސްތައް ހުރިކަމެއް ނޭނގެ އެވެ. އެ ފަހަރު އެމީހުން 150 އަނބުގަސް އިންދި އެވެ. އޭގެ ތެރެއިން މިޔަޒާކީ އަނބު އަޅަނީ އެންމެ ހަތަރު ގަހުގަ އެވެ.

"މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އަހަރެމެން ޗެންނާއީ އަށް ދިޔައިން ތަފާތު ކުލައެއްގެ ކުރުނބާ އަޅާ ރުއް ހޯދަން. ޗެންނާއީ އަށް ކުރި ދަތުރުގައި އަހަރެމެންނާ ރޭލުން ބައްދަލުވީ މީހަކު މީގެ ވަރަށް ކުދިކުދި ގަސްތަކެއް އަހަރުމެންނަށް ދީފަ ބުނި އަހަރެމެންގެ އަމިއްލަ ދަރިން ފަދައިން ރަނގަޅަށް ބަލަހައްޓައްޗޭ މި ގަސްތައް. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ އަނބެއް އަޅާ ގަހެކޭ ވެސް ބުނި،" ސަންކަލްޕް ޕަރީހާރް ބުންޏެވެ.

އެންމެ ކުރިން މިއީ ކޮން ވައްތަރެއްގެ އަނބެއް ކަމެއް ސަންކަލްޕް އާއި އޭނާގެ އަންހެނުންނަކަށް ވެސް ނޭނގެ އެވެ. ނަމަވެސް ގަސް ބޮޑުވެ ފޯދި އަނބު އެޅުމުން މިއީ އެހެންޏާ ނުދެކޭ ޒާތުގެ އަނބެއްކަން އެމީހުންނަށް ވެސް ޔަގީންވި އެވެ.

އަނބު އަޅަން ފެށުމާއެކު ސަންކަލްޕް މެންނަށް ދެން ކުރިމަތިވީ ވަގުންގެ އުނދަގުލެވެ. އެމީހުންނަށް އެއްވެސް އަނބެއް ބިންނަން ނުލިބި ކޮންމެ ފަހަރަކުވެސް ހުރިހާ އަނބު ގެންދަނީ ވަގަށެވެ. އެހެންވެ މިފަހަރު އަނބު އެޅުމާއެކު އެމީހުން ވަނީ އަނބުގަސްތައް ރައްކާތެރި ކުރުމަށް ގާޑުނާއި ކުއްތާ ހޯދާފަ އެވެ.

"މިދިޔަ އަހަރުގެ އަނބު މޫސުމުގައި ވަގުތުންގެ އުނދަގޫ ވަރަށް ބޮޑުވި. އެހެންވެ މިފަހަރު ސެކިއުރިޓީ ވަރުގަދަ ކުރީ. މިދިޔަ އަހަރު ގެންގުޅުނީ އެންމެ ކުއްތާއެއް. މިފަހަރު ނުވަ ކުއްޖާ އާއި ތިން މީހުން ގާޑުންގެ ގޮތުގައި އެބަ ގެންގުޅެން،" ސަންކަލްޕް ބުންޏެވެ.

ސަންކަލްޕް ބުނި ގޮތުގައި އަދި އެންމެ އަނބެއް ވެސް އޭނާ ނުވިއްކަ އެވެ. ނަމަވެސް 21،000 ރުޕިސް (283 ޑޮލަރު) އަށް އަނބެއް ގަންނަން މީހަކު ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އަދި އެންމެ އަނބެއް ވެސް ވިއްކާކަށް ސަންކަލްޕް އާއި އޭނާގެ އަންހެނުން ބޭނުމެއް ނޫނެވެ. އެމީހުން ބޭނުންވަނީ އަނބު އޮށް އިންދައިގެން އިތުރު ގަސްތައް ފަޅުވާށެވެ.

ސަންކަލްޕް ބުނީ މި އަނބަށް ކިޔަނީ މިޔަޒާކީ ނަމަވެސް އޭނާ މި އަނބަށް ނަންދީފައި ވަނީ ދާމިނީގެ ނަމުންނެވެ. އެއީ އޭނާގެ މަންމަގެ ނަން ކަމަށާއި އެހެން މީހުން ކޮންމެ ނަމެއް ކިޔަސް އޭނާ ކިޔާނީ ދާމިނީ ކަމަށް ސަންކަލްޕް ބުންޏެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި މިޔަޒާކީ އަނބު މިދިޔަ އަހަރު ވިކިފައިވަނީ 2.70 ލައްކަ އިންޑިއާ ރުޕީސް އަށް ކިލޯ އެކެވެ. މިއީ ގާތްގަނޑަކަށް 3641 ޔޫއެސް ޑޮލަރެވެ.

މިޔަޒާކީ އަނބަކީ އެންޓިއޮކްސިޑަންޓްސް އާއި ބީޓާ-ކެރޮޓީން އަދި ފޮލިކް އެސިޑް އިން މުއްސަނދި ވެފައިވާ މޭވާ އެކެވެ. ދެ ލޮލަށް ވަރުބަލިކަން ލިބިފައިވާ މީހުންނަށް މިއީ ވަރަށް ރަނގަޅު މޭވާއެއް ކަމަށް ވެއެވެ.

މިޔަޒާކީ އަނބަކީ ޖަޕާނުގެ މިޔަޒާކީ ސިޓީގައި ހައްދާ އެއްޗެކެވެ. ގާތްގަނޑަކަށް 350 ގްރާމް ބަރުދަނުގައި ހުންނަ މި އަނބުގެ 15 ޕަސެންޓު ނުވަތަ އެއަށް ވުރެ ގިނައީ ހަކުރުގެ ބައެވެ.