ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފި

ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ދައްކާލަން ސަރުކާރުން ބާއްވާ، ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މި މައުރަޒަކީ ރާއްޖޭގެ އިގްތިސޯދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދޭން އިކޮނޮމިކް މިނިސްޓްރީ އިން ބާއްވާ މައުރަޒެކެވެ. ދިވެހި މި މައުރަޒުން އުފެއްދުންތައް ކުރިއެރުވުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ހޯދައި ދޭނެ އެވެ،

މަައުރަޒުގައި ބައިވެރިވާނެ ހަ ދާއިރާއެއް ކަނޑައަޅާ އެ ދާއިރާތައް މިނިސްޓްރީން މިއަދު ވަނީ އާއްމުކޮށްފަ އެވެ.

  • ވަކިވަކި ފަރުދުންގެ ދާއިރާ
  • ރަށުފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
  • ވިޔަފާރިތަކުގެ ދާއިރާ (ގާނޫނުގައި ބަޔާންކުރާ ވިޔަފާރިތަައް)
  • ތައުލީމުދޭ މަަރުކަޒުތަކުގެ ދާއިރާ
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
  • ކްލަބު ޖަމިއްޔާތަކުގެ ދާއިރާ

މި އަހަރުގެ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ބާއްވާނީ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. މި މައުރަޒުގައި ހިމެނޭ ހަ ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކުން ވެސް ތަކެތި ބައިވެރި ކުރެވޭނެ އެވެ. އަދި މުބާރާތުގައި ވާދަކޮށް ބައިވެރި ކުރުމުގެ އިތުރުން އުފެއްދުންތައް ދައްކާލުމާއި ވިއްކުމުގެ ބައިގައި ވެސް ބައިވެރިވެ އެވެ.

މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ދަށުން ގާއިމް ކޮށްފައިިވާ ބިޒްނަސް ސެންޓަރުތަކުން ލިބޭނެ އެވެ. މައުރަޒުގައި ބައިވެރިކުރަން ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ޖޫން މަހުގެ 30 ގެ ނިޔަލަށެވެ.