ވިޔަފާރި

އެމްއެޗްއޭއިން އަގު ބޮޑުކޮށް ލެކްޓޯޖެން ނުވިއްކާނެ

May 3, 2019
1

ކުޑަކުދިންނަށް ދޭ، އިންފެންޓް ފޯމިއުލާއެއް ކަމަށްވާ "ލެކްޓޯޖެން" އެމްއެޗްއޭއިން އަގު ބޮޑުކޮށް ނުވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ ބާޒާރުގައި ލެކްޓޯޖެން އަގު ބޮޑުވެ، ގިނަ ބައެއްގެ ޝަކުވާ ލިބެމުން ދާތީ، އެމްއެޗްއޭ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދުނިޔޭގެ އެންމެ ބޮޑު ފުޑް އެންޑް ބެވެރޭޖް ކުންފުނި، ނެސްލޭ (NESTLE) ގެ އުފެއްދުމެއް ކަމުގައިވާ، ކުޑަކުދިންގެ އިންފެންޓް ފޯމިއުލާ "ލެކްޓޯޖެން (LACTOGEN)" ގެ އަގު ރާއްޖޭގެ ބާޒާރުގައި އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމަށާއި އަދި ލެކްޓޯޖެން ފަސޭހައިން ބާޒާރުގައި ލިބެން ނެތްކަމަށް ބުނެ، މި ކުންފުންޏަށް ޢާންމު ރައްޔިތުންގެ ފަރާތުން ގިނަ ޢަދަދެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އަދި ނެސްލޭ ކުންފުނިން އުފައްދާ ކުޑަކުދިންގެ ކާނާ ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ލައިސަންސް ލިބިފައިވާ ދިވެހިރާއްޖޭގެ ސޯލް އޭޖެންޓަކީ، އެ ކުންފުނި ކަމަށާ، ލެކްޓޯޖެން އަކީ ރާއްޖޭގެ މާކެޓްގައި އެންމެ މަޤްބޫލު ކުޑަކުދިންގެ ކާނާ ކަމުގައިވާތީ، އާންމު ރައްޔިތުންނަށް އެ އުފެއްދުން އަތްފޯރާ އަގެއްގައި ފަސޭހައިން ލިބޭނެގޮތް ހަމަޖެއްސުމަށް މި ކުންފުނިން ހާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، ލެކްޓޯޖެންގެ ލޭބަލްގައި، "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށްދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އާ ހިލާފު ކަންތައް ތަކެއް ހުރިކަމަށްބުނެ، އެ އުފެއްދުން ރާއްޖެ އެތެރެކުރުމަށް ހުއްދަދެވެން ނެތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާ އިން ނިންމަވާފައިވާތީ، މި ކުންފުންޏަށް ލެކްޓޯޖެން ރާއްޖެ އެތެރެނުކުރެވޭތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ލެކްޓޯޖެން ސްޓޭޖް 2 އަދި 3 މި ކުންފުނިންވަނީ އެއްކޮށް ހުސްވެފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ލެކްޓޯޖެން މިވަގުތު އަގުބޮޑުކޮށް ވިއްކަމުން ދަނީ އެ ކުންފުނިން ނޫންކަމުގައި މިކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށާ، ނެސްލޭ ކުންފުނިން އުފައްދާ ކުޑަކުދިންގެ ކާނާ ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ލައިސަންސް ލިބިފައިވާ ދިވެހިރާއްޖޭގެ ސޯލް އޭޖެންޓަކީ، އެމްއެޗްއޭ ކަމުގައިވީނަމަވެސް، އެ އުފެއްދުން މިހާރު ދިވެހިރާއްޖެ އެތެރެކޮށް އިތުރު ކުންފުނި ތަކުން މި ކުންފުނިން އެތަކެތި ވިއްކަމުން ދިޔަ އަގަށްވުރެ ގާތްގަނޑަކަށް 60 ޕަސެންޓް ބޮޑު އަގެއްގައި ވިއްކަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"މިކަމުގެ ކަންބޮޑުވުން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް މި ކުންފުނިންވާނީ ހުށަހަޅާފައެވެ. ލެކްޓޯޖެންގެ ލޭބަލިންގައި އިސްވެ ހަވާލާދީފައިވާ ގަވާއިދާ ތަޢާރުޟުވާ ކަންތައްތަކެއް ހުރިކަމަށް ބުނެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެ އުފެއްދުން މި ކުންފުނިން ދިވެހިރާއްޖެ އެތެރެކުރުމަށް ހުއްދަ ދީފައިނުވާއިރު، އިތުރު ކުންފުނިތަކުން އެ އުފެއްދުމުގެ ލޭބަލްއަށް އެއްވެސް ބަދަލެއް ނުގެނެސް އެ އުފެއްދުން ދިވެހިރާއްޖެ އަށް އެތެރެކޮށް ވިއްކަމުންދަނީ ކޮން އުޞޫލެއްގެ ދަށުންކަން މި ކުންފުންޏަށް ސާފުވެފައިނުވާ ވާހަކަ ދަންނަވަމެވެ،" އެމްއެޗްއޭއިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ލެކްޓޯޖެން އަކީ ދުނިޔޭގެ ބާޒާރުގައި 100 އަށްވުރެ ގިނަ އަހަރުވަންދެން ވިއްކަމުންދާ އަދި ރާއްޖެ ފިޔަވައި އެއްވެސް ގައުމަކަށް އެތެރެކުރުމަށް ހުރަހެއް ދިމާވެފައިނުވާ އުފެއްދުމަކަށްވާތީ، ރާއްޖެ ފަދަ ކުޑަ މާކެޓަކަށް ހާއްސަކޮށްގެން ލެކްޓޯޖެންގެ ލޭބަލް ބަދަލުކުރުމަކީ އިތުރު ހަރަދުތަކެއް ހިނގާނެ އަދި ދަތިކަމެއްކަމުގައި ނެސްލޭ ކުންފުނިން މި ކުންފުންޏަށް ވަނީ އަންގާފައިވެ އެވެ.

" ލެކްޓޯޖެން އަކީ ޢާންމު ރައްޔިތުންނަށް މުހިންމު އުފެއްދުމަކަށްވާތީއާއި މި ކުންފުނީގެ ކަސްޓަމަރުން އެ އުފެއްދުން ހޯދުމަށް މިކުންފުނީގައި އެދެމުންދާތީ، ކުރިއެކޭވެސް އެއްގޮތަށް ހެޔޮ އަގުގައި ފަސޭހައިން ރައްޔިތުންނަށް މި އުފެއްދުން ފޯރުކޮށްދިނުމަށްޓަކައި، ނެސްލޭ ކުންފުންޏާއިއެކު މި ކުންފުނިން މަޝްވަރާކޮށް އެ އުފެއްދުމުގެ ލޭބަލްއަށް ބަދަލު ގެނައުމަށްފަހު އެ އުފެއްދުން ރާއްޖެ އެތެރެކޮށް ވިއްކުމަށް ނަގަންޖެހޭ ސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދަ ނެގުމަށްޓަކައި މި ކުންފުނިން މިހާރުވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅާފައެވެ،" އެމްއެޗްއޭއިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ސަރުކާރުގެ ކަމާބެހޭ އިދާރާ އިން މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ ލިބުނުހައި އަވަހަކަށް ކުރިއެކޭވެސް އެއްގޮތަށް ހެޔޮ އަގުގައި ފަސޭހައިން ރައްޔިތުންނަށް މި އުފެއްދުން ފޯރުކޮށްދިނުމަށް މި ކުންފުނިން މަސައްކަތްކުރާނެ ވާހަކަ މި ކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.