ހަބަރު

އިންޒާރެއް ދިން މީހަކު ވީއައިއޭގައި ހިފަހައްޓައިފި

May 4, 2019
3

ވިސާ ނުދިނުމުން އިންޒާރުކުރި ފަތުރުވެރިއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިފަހައްޓައިފި އެވެ.

އެނގިފައިވާ ގޮތުގައި ސްރީލަންކަން އެއާލައިންސް އިން މިއަދު ރާއްޖެއަށް އަައި ޖޯޑަންގެ ފަތުރުވެރިއަކަށް ވިސާ ނުދޭން އިމިގްރޭޝަން އިން ނިންމުމުން އޭނާ ރުޅިގަދަވެ، އިންޒާރު ދީފައި ވެއެވެ. އެ މައްސަލާގައި އޭވިއޭޝަން ސެކިއުރިޓީ އިން ވަނީ އޭނާ ވަގުތުން ހިފަހައްޓާ ސެކިއުރިޓީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މިކަަން އިމިގްރޭޝަން އާއި ފުލުހުން ވެސް ވަނީ "އަވަސް" އަށް ކަށަވަރުކޮށްދީފަ އެވެ. އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އޭއާޕޯޓުގައި މީހަކު އެއްބާރުލުން ނުދީގެން މައްސަލަތަކެއް އުޅޭ ކަމަށެވެ. އަދި އޭނާ "ޓެމްޕޮޕަރީ ހޯލްޑިން" އަށް ލާ ހިފަހައްޓާފައިވާ ކަމަށެވެ.

"އޭނާގެ ވިސާ ހިފެހެއްޓީ ފުރިހަމަވާން ޖެހޭ ބައެއް ކަންކަން އޭނާގެ ކިބައިގައި ފުރިހަމަ ނުވާތީ، ވަރަށް ގިނަ ފަހަރަށް އެކަހަލަ ގޮތަަކަށް ރިކްއާމަންޓްސް ފުރިހަމަ ނޫން މީހުންގެ ވިސާ ރިޖެކްޓުކޮށްފައި ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެއާޕޯޓުގައި ހިފަހައްޓާފައި ހުރި މާދަމާ އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންނެވެ.