އެއް ރޫޓެއް، ޑްރަގް ޓްރެފިކްގެ އެތައް ހޮރެއް!

މަސްތުވާތަކެއްޗާއެކު ދަތުރު ކުރާ ބޭރުގެ ބޮޑެތި ބޯޓު ފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތުމަކީ އާ ކަމެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ވެސް ބޭރު ބޯޓުތައް ރާއްޖެ ސަރަހައްދުން ހިފަހައްޓާފައި ވެއެވެ. މިދިޔަ ހަފުތާގައި ވެސް އޭގެ ބޯޓެއް ހިފަހައްޓައި ހަތް މީހުން ހައްޔަރު ކުރި އެވެ. އެފަދަ އޮޕަރޭޝަންތަކުގައި ވަރަށް ކާމިޔާބު ކަމާއެކީ އެ ބޯޓުތަކުން މަސްތުވާތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެ އެވެ.

މި "ރޫޓް" ގައި ނުދައްކާ އޮތް ވާހަކައަކީ ނުވަތަ ލަފާކޮށްލަން ނޭނގެނީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އިން ދަތުރު ކުރާ އެފަދަ ބޯޓު ފަހަރުގެ ތެރެއިން ކޯސްޓްގާޑާއި ފުލުހުންގެ "ރާޑަރަށް" ނާރާ ދެމިގަންނަނީ ކިތައް ބޯޓު ކަމެވެ. އެ ވާަހަކަތަކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑުވެފައި ދިފާއީ ބާރުގެ ވަސީލަތްތައް މަދުވުމުން އެއީ ނުވާނެ ކަމެކޭ ވެސް ނުބުނެވޭނެ އެވެ. އެހެންވެއްޖިއްޔާ އުފެދޭ ސުވާލަކީ އެ ބޯޓުތަކުގައި އެތައް ސަތޭކަ ކިލޯގެ މަަސްތުވާތަކެތި ޓްރެފިކް ކުރާ އިރު އެ ބޯޓުފަހަރުން ދިވެހި ވެލިމަލައަށް ދޫކޮށްލަނީ ކިހާ މަސްތުވާ އެއްޗެއްސެއް ހެއްޔެވެ. އޭގެ ނުރައްކާ އޮތީ ކިހާ މިންވަރަކަށް ހެއްޔެވެ؟

އަތުލައިގަތުމަށްފަހު މިހާރު ކ. ގުޅީފަޅު ކައިރީ ބާއްވާފައި އޮތް މަސްތުވާތަކެތި ޓްރެފިކް ކުރާ އީރާންގެ ބޯޑު ބޯޓަށް ފުލުހުންނާއެކު އެރުމަށްފަހު މި ސުވާލުތަކުގެ ޖަވާބު ލިބޭތޯ ބެލީމެވެ. މި ބޯޓަކީ މަސްތުވާތަކެތި ހިފައިގެން ހަތް މީހުންނާއެކު ދަތުރު ކުރަނިކޮށް ބ. އަތޮޅުގެ ހުޅަނގުން 126 މޭލު ބޭރުން މިދިޔަ އަންގާރަ ދުވަހު އަތުލައިގަތް ބޯޓެވެ.

ޑްރަގް ހޯދީ ބޯޓު ބައެއް ކަނޑާ ނަގައިގެން

އީރާންގެ މި ބޯޓަކީ ދިވެހި އާދައިގެ އޮޑިދޯނި ފަހަރައި ބައްތެއްޔާއި ވައްތަރު އުޅަނދެއް ނޫނެވެ. އެހާ ދިގު ނޫން އެތެރެއަށް ގޮނި ބޮޑުކޮށް އަދި ވަރަށް އުސްކޮށް ބަނދެފައިވާ ޒާތެއްގެ ކިއްސަރަކަށް އޮތް ބޯޓެކެވެ. ދިވެހި ނޫސްވެރިން މި ބޯޓަށް އަރުވަން ޖެހުނީ އަރިމަތީގައި ހަރުކޮށްފައި ހުރި ލަކުޑި ކުޑަ ދޮރުތަކުގެ ތެރެއިންލައިގެން އުނދަގުލުންނެވެ.

ބޯޓަށް އެރުމަށްފަހު ފީވެފައިވާ ލަކުޑި ސިޑިއަކުން ބޯޓުގެ އެންމެ މަތީ ބަޔަށް ގެންދިޔަ އެވެ. އެތަން ހުންނަނީ ރަތާއި ނޫ ކުލަލާފައިވާ ކުޑަ ވަރެއްގެ ކޮޓަރިއެއް ހެނެވެ. އެތަނުގައި ބޯޓުގައި އުޅުނު މީހުން ގެންގުޅުނު ބާލީސްތަކާއި ބައެއް ހެދުންތަކާއި ފައިވާނާއި އަލަނާސި ދަޅުތަކެއް ވެސް ހުއްޓެވެ. އެނޫނަސް އެފަދަ އެތައް ސާމަނެއް އެތަނަށް އެއްކޮށްފައި ހުއްޓެވެ. އެއީ އެ މީހުން ބަހައްޓާފައި ދިޔަ ގޮތަށް ވުރެ ބޮޑަށް ބެލެވެނީ ފުލުހުން ބަލައި ފާސް ކުރުމަށް ފަހު އެއްޗެހި ގަނޑުކޮށް އެއްތަނަކަށް ޖަމާކޮށްފައި ހުރީ ހެނެވެ.

ބޯޓުގެ އެހެން ދިމަ ދިމާއަށް ދިޔުމުން ލޮލުގައި އަޅައިގަންނަނީ ބޯޓުގެ އަރިމަތިން ހުރިހާ ދިމާލަކުން ވެސް ކޮމްޕާޓްމަންޓުތައް ގޮޅި ގޮޅިއަށް ކަނޑާ ނަގާފައި ހުންނަ ހުރުމެވެ. ހަމަ އެގޮތަށް ބޯޓުގެ ބަނޑުފިލާ ވެސް ވަނީ އެކި ދިމަ ދިމާލުން ގޮޅިތައް ކަނޑާ ނަގައިފަ އެވެ. އޭގެ ކޮންމެ "ހޮރެއް" ހުރީ ފަސޭހައިން ކޮންމެ އެއްޗެއް ވެސް ފޮރުވޭ ކަހަލަ ގޮތަށް ތައްޔާރު ކޮށްފަ އެވެ.

ބޯޓުގެ އެތެރެ ނޫސްވެރިންނަށް ދައްކަމުން ދިޔަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ އަހްމަދު ޝާކިރު ވިދާޅުވި ގޮތުގައި އެ ގޮޅިތަކަކީ މަސްތުވާތަކެތި ފޮރުވާފައި ހުރެދާނެ ކަމަށް ބެލެވޭ ތަންތަނެވެ. ނަމަވެސް މަސްތުވާތަކެތި ފެނުނީ ބޯޓުގެ އެތެރޭބައިގައި ވަކިން އޮންނަ ޑެގެއް ކަހަލަ ތަނަކުންނެވެ. ފުލުހުން އެތަން ކަނޑައި ނެގުމުން އޮތް ބޮޑު ހުސް ޖާގައިގެ ތެރެއިން މަސްތުވާތަކެތި ހުރި އެއް ކިލޯގެ 50 ޕެކެޓު ފެނުނެވެ.

"ފޮރުވިފައި ހުރެދާނެހެން ހީވާ ދިމަ ދިމާތައް ދެ ޝީޓް ދޭތެރޭގައި ހުރި ދިމަ ދިމާ ކަނޑާ ބެލިން. ބޯޓުގެ ސައިޑުތަކުން ވެސް ކުރީގެ އޮޕަރޭޝަންތަކުން ވެސް އެފަދަ ޖާގަތަކުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރުމުން އެތަންތަން ވެސް އަޅުގަނޑުމެން ބެލިން. އެކަމަކު މަސްތުވާތަކެތި ފެނުނީ ކުރިމަތީ ހުރި ބައިން އެކަނި،" ޝާކިރު ވިދާޅުވި އެވެ.

އެއް ރޫޓެއް، ބޮޑު ޓްރެކް ރެކޯޑެއް

އީރާންގެ ބޯޓުގައި ނޫސްވެރިން ފޮޓޯ އާއި ވީޑިއޯ ނަގަމުން ދިޔަ އިރު ހަވާސާގައި އެ އޮޕަރޭޝަންގެ އިސްކޮށް ހަރަކާތްތެރިވި އެހެން ފުލުހަކާ ވާހަކަ ދެކެވުނެވެ. އޭނާގެ ފަރާތުން އެނގުނު ގޮތުގައި އީރާންގެ ހަމަ މި ބޯޓަކީ މިއީ މީގެ ކުރިން ވެސް ދެ ގައުމަކުން ހިފެހެއްޓި ބޯޓެކެވެ. ދެ ފަހަރު ވެސް ހިފެހެއްޓީ މަސްތުވާތަކެތީގެ ޓްރެފިކް ކުރުމުގެ ތެރޭގަ އެވެ.

އެކަމަކު ހައިރާންވާވީ އެހެންވެއެއް ނޫނެވެ. މިއީ ރާއްޖޭގެ ކަނޑުގެ ގާތްގަނޑަކަށް އެއް ސަރަހައްދަކުން ހަމަ އީރާންގެ ބޯޓެއް ހިފެހެއްޓި ފުރަތަމަ ފަހަރެއް ނޫނެވެ. މާޗް 12، 2014 ވަނަ އަހަރު ވެސް ކަނޑުމަގުން ރާއްޖެ ސަރަހައްދަށް އެރުވި 24 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. އެ ފަހަރު ވެސް ހިފެހެއްޓީ އީރާންގެ ބޯޓެކެވެ. އަދި ހިފެހެއްޓީ ވެސް ބ. އަތޮޅާއި އއ. އަތޮޅާ ދެމެދުންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭގައި ވެސް އެފަދަ ބޮޑު އޮޕަރޭޝަނެއްގައި ރިކޯޑު އަދަދަކަށް މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. އެ ފަހަރު 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ އދ. އަތޮޅާ ދިމާލުންނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ތެރޭގައި އެއަށް ވުރެ ވެސް ތަފާތު ހާދިސާއެއް ހިނގި އެވެ. ނަމަވެސް އެހެން ސަރަހައްދަކުންނެވެ. ހއ. އިންނަފިނޮޅު ފަރަށް އަރައިގެން އެހީވާން ދިޔަ އިރު އެ ބޯޓުގައި ރޯކޮށްލައި ފަޅުވެރިން ފަތައިގަތީ ފިލާށެވެ. އޭގެ ތެރޭގައި 115 ކިލޯ މަސްތުވާތަކެތި ހުއްޓެވެ.

އެ ކޭސް ފިޔަވާ މީގެ ކުރިން ދިމާވި ގިނަ މައްސަލަތައް ހިނގާފައި ވަނީ ގާތްގަނޑަަކަށް ހަމަ އެއް ސަރަހައްދެއްގަ އެވެ. އަދި ތިން ފަހަރަށް އީރާނުގެ ބޯޓެއް ހިފެހެއްޓި އިރު ތިން ހާދިސާގައި ވެސް ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބީ ޕާކިސްތާނާއި އީރާންގެ މީހުންނެވެ. ބައެއް މައްސަލަތަކުގައި ދިވެހިންގެ ބައިވެރިވުން ވެސް އޮވެ އެވެ. އެހެންވެ ސުވާލަކީ މި ހުރިހާ ބޯޓުތަކެއްގެ ކަނެކްޝަނަކީ ކޮބައިތޯ އެވެ؟

ރާއްޖޭގެ މާކެޓަށް ވުރެ ސައިޒު ބޮޑު

ކަނޑުމަގުން ހިނގާ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކުގައި ފުލުހުންނާއި ކޯސްޓްގާޑުން އަބަދުވެސް ބޭރުގެ ފަރާތްތަކުން މައުލޫމާތު އެއްކޮށް އެ ފަރާތްތަކުގެ ލަފައާއި އިރުޝާދު ހޯދަ އެވެ. ކަމާ ބެހޭ މައުލޫމާތު އެނގޭ ބޭފުޅަކު "އަވަސް" އަށް ވިދާޅުވި ގޮތުގައި ބޭރުގެ ކައުންޓާޕާޓްސް ތަކުން މައުލޫމާތު ދޭ ގޮތުގައި ޑްރަގް ޓްރެފިކް ކުރާ ފަރާތްތަކުން ގިނަ ފަރަށް ރާއްޖެ ބޭނުން ކުރަނީ ޓްރާންސިޓް ޑެސްޓިނޭޝަނެއްގެ ގޮތުގަ އެވެ.

އޭގެ އެއް ހެއްކަކީ ބޭރު ބޯޓު ފަހަރުތަކުން ސަތޭކައިން ކިލޯ ބަރު ކޮށްގެން އައުމެވެ. މިހާތަނަށް ރާއްޖޭގެ ސަރަހައްދުން ފެނުން ގިނަ ބޯޓުތަކަކީ ސްރީލަންކާ އާއި އިންޑިޔާ އަދި ޕާކިސްތާން ސަރަހައްދުތަކަށް މަސްތުވާތަކެތި ފޯރުކޮށްދޭ ސަޕްލައި ބޯޓުތަކެކެވެ. ގިނަަ ފަހަރަށް އެއިން ކޮންމެ ބޯޓެއްގައި ވެސް އެތައް ސަތޭކަ ކިލޯ މަަސްތުވާތަަކެތި ބަރުކޮށްގެން ދާއިރު އެއީ ރާއްޖެގެ ޑްރަގް މާކެޓްއަށް ބަލާއިރު މާ ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވެ އެެވެ.

"ރާއްޖޭ ސަރަހައްދުން މި ފެންނަ 100 ކިލޯއަކީ ރާއްޖެއަށް ބަލާއިރު އެކަށީގެންވާ އަދަދެއް ނޫން. އޭގައި ފައިސާ ހިމެނޭ މިންވަރަށް ބަލާއިރު ވެސް ރާއްޖޭގެ އާންމު ކްރައުޑްތަކަށް އެފޯޑަބަލް އަދަދެއް ވެސް ނޫން. އެކަމަކު ބައެއް ބޯޓުތަކުގައި ދިވެހިންގެ އެއްވެސް އިންވޯލްމަންޓެއް ނެތެކޭ ވެސް ނުބުނެވޭނެ،"

ފަހުގެ ތާރީހެއްގައި އެންމެ ގިނައިން ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ފެނުނީ ޑައިވިންއަށް ދިޔަ ބަޔަކު ރިޕޯޓުކޮށްގެން 1 ޓަނުގެ މަސްތުވާތަކެތި ފެނުނު ފަހަރެވެ. ފުލުހުން އަމިއްލައަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އެންމެ ގިނަ މަސްތުވާތަކެތި ފެނިފައި ވަނީ ދާދި ފަހުން ގދ. އަތޮޅުގެ ފަޅު ރަށަކުންނެވެ. އެއީ ރީތިކޮށް ޕެކްކޮށްފައި ހުރި 149 ކިލޯގެ މަސްތުވާތަކެއްޗެވެ.

އިންޑިޔާ ކަނޑުގެ ވަރަށް ސްޓްރެޓީޖިކް ލޮކޭޝަނެއްގައި އޮންނަ މި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް ދައުލަތުން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭކަން މިކަންކަމުން ސާފުކޮށް އެބަ އެނގެ އެވެ. އަދި ފަޅު ރަށްރަށާއި ކަނޑުގެ އަޑީގައި އެފަދަ ބޯޓު ފަހަރުތަކުން އައިސް ފޮރުވާ ތަކެތި ހޯދުމަށާއި އެކަމަށް ބޮޑަށް ސަމާލުވެތިބުމަށް އިތުރު ވަސީލަތްތައް ގާއިމް ކުރަން ޖެހޭކަން މި ހާދިސާތަކުން ރަނގަޅަށް އެނގެ އެވެ.