ފަސް ދުސްވަސް ކުރިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރިން ޑިންގީއެއް އަނދިރީގައި ދަތުރު ކުރަމުން ދިޔައެވެ. ހަމަ އެރޭ އެ ސަރަހައްދުން ދުއްވި ލޯންޗެއް ޑިންގީގައި ޖެހުނެވެ. އެ އަނދިރީގެ ތެރޭގަ އެވެ. އަދި މުޅި އެކްސިޑެންޓާ ގުޅޭ އެންމެނަށް އަނިޔާވި އެވެ. އެހެންވެ ކަނޑުމަތީގައި ހިނގި މުޅި މި ހާދިސާ ވެސް އޮތީ އަނދިރި ކަމެއްގެ ތެރޭގަ އެވެ. އަދިވެސް ކަންކަން މުޅީން ސާފެއް ނުވެއެވެ.
އެނގެނީ އަނދިރީގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ބ. އޭދަފުށީ މުސްތަރީގެ، ނަސްރުﷲ އަބްދުﷲ 42، ކަނޑަށް ގެއްލިފައިވާ ކަމެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އެރޭ 7:00 ޖަހައި އިރުކޮޅެއްގެ ތެރޭގައި ކަމަށް ހަބަރުތަކުން ފެންނާތީ މިހާދިސާ އައީ އިރުއޮއްސި ރަނގަޅަށް އަނދިރިވެފައި ވަނިކޮށް ކަމަށް ޔަގީން ކުރެވެ އެވެ. އެކި މީހުނާ ހަވާލާދީ އައިސްފައިވާ ހުރި ވާހަކަތަކަށް ބެލުމުން އެއީ އެ ވަގުތަކީ 6:30 އެހާކަންހާއިރު ކަމަށް ވެސް ބެލެވެ އެވެ.
އިރާކޮޅުގެ ކެޔޮޅު ކަމަށް ނޫނީ ނައިޓް ފިޝިންއަށް ނުކުތް މި ޑިންގީގައި އިތުރަށް ތިބީ ދެ މީހުނެވެ. ލޯންޗުގައި ތިބީ ދެ މީހުންނެވެ. އެހެންކަމުން މުޅި އެކްސިޑެންޓުގެ ތެރެއަށް ވަނީ ފަސް މީހެކެވެ. ލޯންޗުގައި ބިދޭސީއަކު ހުއްޓެވެ.
ލޯންޗު ދުއްވާފައި ވަނީ އޭދަފުށި ޝަބްނަމްގޭ، މުހައްމަދު މުސްތަފާ އެވެ. އޭނާއަކީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަން ނުވަތަ ނޫންކަން މިހާތަނަށް ސާފުވެފައި ނުވާއިރު ދަތުރު ކުރި ރޫޓުގެ ވަނަވަރު އޭނާއަށް އެނގެނީ ކިހާ ވަރަކަށް ކަމެއް ވެސް ސާފެއް ނުވެއެވެ.
ބ، ދަރަވަންދޫން މަހަށް ނުކުތް ޑިންގީގައި ތިބީ ނަސްރުﷲ އާއި އަބްދުއް ސަމީއު އާއި ދަރަވަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މުހައްމަދު ނަޒީފެވެ. އެ ދެ މީހުންނަކީ ނަސްރުﷲ އަންހެނުންގެ ދެ ބޭބެ އެވެ. ނަސްރުﷲ ގެ ދެ ޅިޔަނުންނެވެ. ނަސްރުﷲ އަކީ ބްރައިޓް ބްރަދާސްގައި ވަޒީފާއެއްގައި މާލޭގައި އުޅެމުން އައި މީހެކެވެ. އޭނާގެ އަންހެނުންގެ ރަށް ދަރަވަންދޫއަށް ދިޔައީ ބޮޑު ޗުއްޓީއާ ދިމާކޮށެވެ. އެހެން ކަމުން ރޭ ވެފައި އޮއްވާ އެފަދަ ގަޑިއެއްގައި އެމީހުން ނުކުމެފައި ވަނީ ޗުއްޓީ ކުރުކޮށްލުމުގެ ކެޔޮޅު ކަމެއްގައި ކަމަށް ބެލެވެ އެވެ.
އިރު ފޮހޭން ދާ ވަގުތު ދަރަވަންދޫން ފުރައިގެން ދޮންފަނު ފަޅުތެރޭން ކައިރީގައި އޮންނަ އަނގަފަރު ފަޅާ ދެމެދުގެ ސަރަހައްދުގައި ކޮޔޮޅަން ކުރުމަކީ އޮންނަ ކަމެކެވެ. ނަސްރުﷲ މެން ވެސް ޑިންގީ ދުއްވީ އެ ސަރަހައްދުގަ އެވެ. އަނދިރި ކަމުގެތެރޭން ނުރައްކާތެރި ކުއްލި އެކްސިޑެންޓް އައި އިރު އަދި އެ މީހުނަށް މަސްވެރިކަން ކުރާކަށް ނުއެއް ފެށެ އެވެ. ބެލެވެނީ ރަނގަޅު ދިމާއެއް ބަލަން ދުއްވަމުން ދިޔައީ ކަމަށެވެ. އަދި އެގޮތަށް ބަލަމުން ސަރަހައްދުން ދުއްވަމުން ދަނިކޮށް ޑިންގީގައި ޖެހުނީ ކަމަށެވެ.
ނަސްރުﷲ އާއި ދެޅިޔަނުން ތިބި ޑިންގީގައި ޖެހުނީ އެ އަތޮޅު ކަމަދޫން ފުރައިގެން ދަތުރުކޮށް، ހަމަ އެ ރޫޓުން އޭދަފުއްޓަށް ދިޔަ ލޯންޗެކެވެ.
ޑިންގީގައި ލައިޓެއް ނެތި އަނދިރީގެ ތެރޭގައި
ނަސްރުﷲ ވަނީ ކަނޑަށް ގެއްލިފަ އެވެ. ޑިންގީން ސަލާމަތްވި އޭނާގެ ދެ ޅިޔަނުންނާ ހަވާލާދީ ދަރަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގު ވިދާޅުވާ ގޮތުގައި ޑިންގީ ދުއްވަމުން ދިޔައިރު ލޯންޗެއް އަންނަކަން އެ މީހުނަށް އެނގުނީ ސްޕީޑުގައި ދަތުރުކުރި ލޯންޗު ޑިންގީއާ ގާތްގަނޑަކަށް ފަންސާހަކަށް ފޫޓާ ކައިރިވެފައި ހުއްޓާ ހަމަ ކުއްލިއަކަށެވެ. ހަވާލާއެއްގެ ވާހަކަ އޭނާ ވިދާޅުވެ ދެއްވާ ގޮތުން ލޯންޗު އައީ ވަރަށް ބާރަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޯންޗު އަންނަ ތަން ފެނުމުން ޑިންގީ ދުއްވަން އިން ސަމީއު އަނބުރާލަން އުޅުނެވެ. އެކަމަކު އޭރު ލޯންޗު މާ ކައިރިއަށް އައިސްފައި އޮތުމުން އެކަން ނުކުރެވި ލޯންޗު ދިޔަގޮތަށް ޑިންގީގައި ޖެހި ވިއްސަ ވިއްސައިގެން ދިޔައީ އެވެ.
ޝަފީގުގެ ހުރިހާ ވާހަކައެއް ވެސް އައިސް ވަނީ ޑިންގީގައި ތިބި މީހުނާ ހަވާލާދީ އެވެ؛ އޭނާ ވިދާޅުވި ގޮތުގައި ލޯންޗުން ސަލާމަތް ނުވެވި އެކްސިޑެންޓަކަށް ބަލުވި އިރު ނަސްރުﷲ އިނީ ޑިންގީގެ ފަހަތުގަ އެވެ. ލޯންޗުގެ މައްޔާ އަރާފައި ވަނީ ނަސްރުﷲ އިން ދިމާއިންނެވެ. އަދި ލޯންޗުގައި ޖެހުނު ވަގުތު ނަސްރުﷲ ވިއްސައިގެން ގޮސް އަނދިރި ކަނޑަށް ވެއްޓުނީ ކަމަށް ބެލެވެ އެވެ. އޭގެ އިރުގަނޑެއް ފަހުން ވެއްޓުނީ ކަމަކަށް ނުބެލެވެ އެވެ.
އެހެން ނަމަވެސް ދެ ޅިޔަނުންނަށް ވެސް އަދި ލޯންޗުގައި ތިބި ދެ މީހުނަށް އެކްސިޑެންޓުގެ ވަގުތުގައި ކަން ވީ ގޮތާއި ނަސްރުﷲ އަށް ވީގޮތް ސީދަލަށް، ސާފުކޮށް ބުނެދޭކަށް ނޭނގުނެވެ. އޭގެ ސަބަބުން އެމްއެންޑީއެފްގެ ސާޗް އޮޕަރޭޝަނަށް ވެސް އަނދރި ކަމެއް އެޅިފައި ވެއެވެ.
އެއް ކަމެއް ޔަގީންނެވެ؛ އެކްސިޑެންޓަށް ފަހު ނަސްރުﷲ އެއްވެސް ހިލަމެއް ނުވެއެވެ.
މިވެސް ޝަފީގު ވިދާޅުވާ ވާހަކައެކެވެ: އެކްސިޑެންޓް ހިނގުމާއެކު ލޯންޗުގެ ކައްޕި، މުސްތަފާ ވަގުތުން ގުޅީ ލޯންޗު ނިސްބަތްވާ ކުންފުނީގެ އޮފީހަށެވެ. އަދި އޭގެ ފަސް މިނެޓެއްހާއިރު ފަހުން ކުންފުނީގެ އެހެން ލޯންޗެއް އެ ސަރަހައްދަށް ދިޔަ އެވެ. އެހެން ނަމަވެސް އެއީ ލަފައެކެވެ. އެ ލޯންޗު ގޮސްފައިވަނީ ކިހާއިރަކު ކަމެއް ސީދާ ނޭނގެ އެވެ. އަދި އެއީ ކޮންތާކު އޮވެފައި އައި ލޯންޗެއް ކަމެއް ވެސް ނޭނގެ އެވެ.
މުސްތަފާ ގުޅުމުން އެހީތެެރި ވެދޭން ދިޔަ ލޯންޗުގެ ކައްޕި އަހުމަދު ޒަހީން ކިޔައިދޭ ގޮތުގައި އޭނާ ދިޔައިރު އެކްސިޑެންޓްވި ލޯންޗާއި ޑިންގީ ވެސް އޮތީ އަނގަފަރު ފަޅުގެ އިރުމަތިން ކަނަށްވާ ހިސާބުގަ އެވެ. އެހެން ކަމުން އެކްސިޑެންޓްވީ ތަން ކަމަށް އެމްއެންޑީއެފުގެ ކޯސްޓްގާޑުން ލަފާކޮށްފައިވާ ހިސާބާއި ޒަހީނާ ލަފާ ކޮށްފައިވާ އަނގަފަރުގެ އިރުމަތީ ކަނާ ގުޅުވައިލުމުން އެކްސިޑެންޓް ހިނގާފައި ވަނީ ވިލު ނުވަތަ ފަޅުތެރޭގެ ހޭލާ ހިސާބުން ނެއްޓި ކަނޑުތެރޭގައި ކަން މުޅީން ޔަގީނެވެ.
ޒަހީން ބުނާ ގޮތުން އޭނާއަށް ދެވުނު އިރު ފެން މަތީގައި ޑިންގީ އޮތެވެ. އޭގައި ނަޒީފާއި ސަމީހުއް ހުއްޓެވެ. ނަސްރުﷲ އެއް ނެތެވެ. އަދި އޭނާ ފުރަތަމަ މަސައްކަތް އެ ދެ މީހުން ލޯންޗަށް އަރުވާށެވެ. އަރުވަން އުޅުނީ އެކްސިޑެންޓްވި ލޯންޗަށެވެ.
ނަމަވެސް އަނިޔާވެފައިވާ ކައްޕި، މުސްތަފާ އާއި ބަންގްލަދޭޝް ފަޅުވެރިޔާގެ ހާލު ދެރަވާން ފެށުމުން ޑިންގީގައި ތިބި މީހުން ނެގީ ޒަހީންގެ ލޯންޗަށެވެ. އަދި މުސްތަފާ އާއި ބިދޭސީ މިހާ ވެސް ޒަހީންގެ ލޯންޗަށް ބަދަލު ކުރީ އެވެ. އަދި އޭގެ އިރިކޮޅެއްގެ ފަހުން އެ ދިމާ ކަނޑުތެރެއަށް ޑިންގީ އަޑިއަށް ގޮސް ގެއްލުނީ އެވެ.
ޒަހީން ކިޔައިދޭ ގޮތުގައި ޑިންގީގައި ނެވިގޭޝަން އެއްވެސް ލައިޓެއް ނެތެވެ. އެހެންވެ އެކްސިޑެންޓްވި އޭނާގެ ކުންފުނީގެ ލޯންޗަށް ވެސް އެ ގަޑީގައި އެ ދިމާލުގައި ޑިންގީއެއް އޮތް ކަމެއް ނޭނގޭނެ އެވެ. އޭނާ ބުނާ ގޮތުން ޑިންގީގައި ލައިޓް ހުރިތޯ އޭނާ ސުވާލު ވެސް ކުރި އެވެ. އަދި ލައިޓް ނެތް ކަމަށް ޑިންގީގައި ތިބި ދެ މީހުން ވެސް ބުންޏެވެ.
ޒަހީންގެ ވާހަކައިން ވެސް ފާހަގަވީ ލޯންޗު ގޮސް ޖެހުނީ ޑިންގީ އަނބުރާލަން އުޅެނިކޮށެވެ. އަދި އޭނާ ދިޔައިރު ވެސް ނަސްރުﷲ ގެއްލިފައި ވުމާއި އޭގެ ފަހަށް ވަގުތުކޮޅެއް ފާއިތުވެފައި ވުމުން ނަސްރުﷲ ކަނޑަށް ގެއްލިފައި ވަނީ ސީދާ އެ ސަރަހައްދުގެ ކޮން ހިސާބަކަށް ކަމެއް ސާފެއް ނުވެ އެވެ. އެ ހިސާބު ބުނެދޭކަށް އެކަކަށް ވެސް ނޭނގި އެ ދިމާ ވަނީ އަނދިރިވެފަ އެވެ.
ދެ ފަރާތުން ދެކެވިފައިވާ ވާހަކައަށް ބަލާއިރު ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ ޑިންގީގައި ނެވިގޭޝަން ލައިޓެއް ނެތުމުން ލޯންޗު ދުއްވި މުސްތަފާއަށް ޑިންގީއެއް ދަތުރު ކުރަމުން ދިޔަ ކަން ނޭނގިގެނެވެ. އަދި ބާރު ދުވެއްޔެއްގައި ލޯންޗެއް އަންނަ ކަން ޑިންގީގައި ތިބި މީހުނަށް ވެސް އެނގުނުއިރު ވަގުތު ފާއިތުވެފައި އޮތުމެވެ.
ފުލުހުން ދިޔައީ ބައި ގަޑިއިރު ފަހުން
ނަސްރުﷲ ބުނާ ގޮތުން ޑިންގީން އެކަކު މަދުކަން އެނގުނީ ފެންނަން ތިބި ދެ މީހުން އޭނާގެ ލޯންޗަށް އަރުވައި ފަހުން އެ މީހުނާ ސުވާލުތައް ކުރަން ފެށުމުންނެވެ. އަދި އެހިސާބުން ނަސްރުﷲ ނެތް ކަން އެނގުމުން ފުލުހަށް ގުޅައި ރިޕޯޓް ކުރީ ވެސް އޭނާ އެވެ. އޭނާ ބުނާ ގޮތުން ފުލުހުންނަށް ދެވުނީ އޭނާ ގުޅިތާ ގާތްގަނޑަކަށް ބައިގަޑިއިރު ފަހުންނެވެ. އެ ވަގުތުތަކުގައި ނަސްރުﷲ ފެނޭތޯ މަސައްކަތް ކުރީ އެވެ. ލައިޓެއް ދިއްލައިގެން ލޯންޗުގައި ދުއްވާ ވެސް ހެދި އެވެ. އަދި އަޑު ހަރުކޮށް ނަސްރުﷲ އަށް ގޮވާ ވެސް ހެދި އެވެ.
އެންމެނަށް ވެސް ބޮޑެތި އަނިޔާ
މި ހާދިސާގައި ނަސްރުﷲ ގެއްލިފައިވާއިރު މިހާތަނަށް އެނގިފައިވާ ގޮތުން ލޯންޗު ޖެހުނީ އޭނާގެ އިން ދިމާއިންނެވެ، އެހެންވީމާ ގެއްލިފައި ވިޔަސް އޭނާއަށް ވެސް އަނިޔާތަކެއް ވެފައިވާނެ އެވެ. ގައިމު ވެސް ޑިންގީގައި ދެން ތިބި ދެ މީހުނަށް އެކިވަރުގެ އަނިޔާވެފައި ވެއެވެ. ނަޒީފުގެ ކަނާތު ފައިން ބައެއް ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު ކަނާތު ލޯ މަތިން ބޮޑު ބަަޔަކަށް އަނިޔާވެ ދުޅަވެފައިވެ އެވެ. ޑިންގީ ދުއްވި ސަމީއުގެ ކަނާތު ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި ދޭތެރެއިން ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވެ އެވެ.
ޝަފީގާއި ޒަހީން ބުނާ ގޮތުން އަދި މިހާތަނަށް އަޑުތައް ފެތުރިފައިވާ ގޮތުން އެކްސިޑެންޓްގެ ޝޮކާއެކު އެ ދެމީހުން ތިބީ ހާދިސާގެ ތަފުސީލުތައް ކިޔައި ދެވޭ ވަރަށްވުރެ ބޮޑަށް ނަފުސާނީ ގޮތުން ގެއްލުން ލިބިފައިވާ ހާލާތައްގަ އެވެ. އެހެންވެ ސީދަލަށް މުޅި ހާދިސާގެ އަސްލު އެނގޭ ވަރަށް ވުރެ ހާދިސާ އަނދިރި އެވެ.
މުސްތަފާއަށް ބޮޑެތި އަނިޔާތަކެއް ލިބި އައިޖީއެމްއެޗަށް ގެނެސް ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ވާތު ލޮލާއި ދިމާއިން ތިރީގެ ކަށިތައް މުގުރި ދުޅަވެފައި ވެއެވެ. މޫނުމަތި ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާއިރު ދުލުމުގެ ނާރުތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ. އޭނާގެ މޫނުގެ އޮޕަރޭޝަނެއް ކުރަން އިއްޔެ ތައްޔާރުވި އެވެ. ނޫނީ މިހާރު އެ އޮޕަރޭޝަން ވާނީކޮށްފަ އެވެ.
އިއްޔެ އައިޖީއެމްއެޗުން ބުނެފައިވާ ގޮތުންނަމަ މުސްތަފާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އޭނާއަށް ވާހަކަ ދެއްކޭ ވަރެއް ނުވެ އެވެ. އަދި އެ ހާދިސާގެ މައުލޫމާތެއް އޭނާގެ ފަރާތުން ލިބޭ ގޮތެއް ވެސް ނުވެ އެވެ. އޭނާއާއެކު ލޯންޗުގައި ހުރި ބަންގްލަދޭޝް މީހާވެސް ވަނީ ޒަހަމްވެފަ އެވެ. އޭނާގެ ވާތު ކަންފަތް އެކަށް އިރައިގެން ގޮސް އޮތީ އެލިފަ އެވެ. ނަމަވެސް އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އޭނާގެ ކަންފަތް ފަހައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު އެންމެ ރަނގަޅެވެ.
މި ހާދިސާގެ ތަހުގީގެއް ފުލުހުން އެބަ ކުރެ އެވެ. އެކަމަކު ޕްރެލިމިނަރީ ސްޓޭޖެއްގައި އޮތުމުން މާ ގިނަ މައުލޫމާތު ނުދެ އެވެ.
ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިޔަށް
ނަސްރުﷲ ހޯދަން ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ހަރަކާތްތެރިވަމުންނެވެ. އެ އޮޕަރޭޝަންގައި ހެލިކޮޕްޓަރު ބޭނުން ކޮށްގެން ވައިގެ މަގުންނާއި ޑައިވަރުންނާއި ރޮބޮޓް ބޭނުން ކޮށްގެން ކަނޑުގެ އަޑި ބަލަމުން ދެ އެވެ. ކޯސްޓްގާޑާއި މެރިން ފުލުހުންގެ ލޯންޗުތަކާއި ކައިރި ރިސޯޓްތަކުގެ އުޅަނދު ފަހަރާއި ބައެއް އަމިއްލަ މީހުންގެ އުޅަނދު ފަހަރުން ވެސް ނަސްރުﷲ ހޯދަން ހުއްޓާ ނުލައި ދުއްވަ އެވެ.
ދެވަނަ ލޯންޗުގެ ކައްޕި، ޒަހީނު ފުލުހަށް ގުޅައި ޑިންގީ އާއި ލޯންޗު އޮތް ކަމަށް ރިޕޯޓް ކުރި ސަރަހައްދު ކަމަށްވާ އަނގަފަރު ފަޅުގެ ވަށައި އަދި ދޮންފަނާއި އެ ފަޅާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން 10،000 މީޓަރަށްވުރެ ބޮޑު ސަރަހައްދެއް އެ ހިސާބުން އެމްއެންޑީއެފުން ކަވަރު ކޮށްފައިވާއިރު ކޯސްޓްގާޑް ޑްރައިވަރުން ވަނީ އެއިން ކޮންމެ ސަރަހައްދެއްގައި ވެސް 30 މީޓަރަށްވުރެ ފުނަށް ފީނާފަ އެވެ. އަދި ބ. ކެންދޫއިން ފެށިގެން 12 ނޯޓިކަލް މޭލް ހުޅަނގަށް އަދި އެ ހިސާބުން 10 ނޯޓިކަލް މޭލް ދެކުނަށްވާ ކަނޑުގެ ސަރަހައްދު ވެސް ދަނީ މިހާރުވެސް ބަލަމުންނެވެ.
އެ ސަރަހައްދަށް އެމްއެންޑީއެފުން ކަވަރު ކުރި އިރު ވެސް ނަސްރުﷲ ގެ އިތުރުން އެ ދިމާއަށް އަޑިއަށް ދިޔަ ޑިންގީގެ ނިޝާނެއް ވެސް ނުފެނުނެވެ. އެހެންވެ ހާދިސާ ހިނގާފައި ވަނީ ދޮންފަނު ކައިރީގައި އޮންނަ އަނގަފަރާ ކައިރިން ކަނޑުތެރޭން ކޮން ދިމާއަކުން ކަން އަދި ނަސްރުﷲ ވެއްޓުނު ސީދާ ކޮން ސަރަހައްދަކަށްކަން ކަށަވަރު ކުރެވޭވަރަށް ވުރެ އަނދިރި އެވެ. އޭނާ ހޯދުމުގައި ދަތިވި މައިގަނޑު ސަބަބަކަށް އެކަން ވެއެވެ.