މިމަހުގެ 20 ވަނަ ދުވަހު ހެންވޭރު، އަބަދަށްފެހި މަގާ ގުޅިފައިވާ ގޭގެއާ އިމާރާތްތައް ހިމެނޭ ގޮތަށް ބޮޑު ސަރަހައްދެއްގައި ރޯވި އަލިފާނަކީ މި ފަހުން ވެރިރަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ. އަދި 700 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. ގުދަންތަކާއި އިމާރާތްތަކާއި ގޭގެ ވަނީ އަނދާ އަޅިއަށް ވެފައެވެ. އެ ބޮޑު ހުޅުން ލިބުނު މާލީ ގެއްލުމުގެ ހިސާބެއް އަދި ނުހޯދެ އެވެ.
ވަރަށް ނުރައްކާތެރި އަދި ހިތާމަވެރި އެ ހާދިސާއާއި ގުޅިގެން މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ވަރަށް ގިނަ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސަރުކާރުން އޮތީ ފަށާފަ އެވެ. ބައެއް ގަވާއިދުތައް ހަދާ އަމަލު ކުރަން ވެސް މިހާރު އޮތީ ފެށިފަ އެވެ.
އެ ހާދިސާއަށް 11 ދުވަސްވީ އެވެ. މިއަދު އަނެއްކާވެސް ހަމަ އެހާ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބަޔަކު މީހުން ފިހި މާލީ ބޮޑެތި ގެއްލުންތައް ލިބުނީ އެވެ. މިއަދުގެ ބޮޑު ހުޅު އައީ މާލޭގެ ހުޅަނގު ދެކުނު ޓީޖެޓީއާ ކައިރިން ސިނާއީ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގެ ތެޔޮ ބައުޒަރަކުން ތެޔޮ އަޅަން ކައިރި ކުރި ލޯންޗެއްގައި ރޯވީ އެވެ.
ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އަލިފާނުގެ ހާދިސާގެ ރިޕޯޓް ކުރީ މެންދުރުފަހު 3:40 އެހާކަންހާއިރު އެވެ. ލޯންޗުގައި ރޯވި އަލިފާންގަނޑު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޕެޓްރޯލް ބައުޒަރުގައި ރޯވެ ބޮމެއްހެން ގޮވައި އަނދައިގަނެ އިތުރު ދެ ބައުޒަރެއްގަައި ރޯވި އެވެ. ވަރުގަދަ ހުޅުގަނޑާއި ބޯ އޮލަ، ކަޅު ދުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލޯންޗުގެ ބޮޑު ބައެއް އަނދައި މޫދުގެ އަޑިއަށް ދިޔަ އެވެ. އޭގެ ފަހުން ގަޑިއެއްހާއިރު އެނދި ވަރުގަދަ އަލިފާނުގައި ތިން ބައުޒަރުވެސް ވަނީ އަނދަ ހުލިވެފަ އެވެ.
މި ހާދިސާގައި ނުވަ މީހަކަށް ގެއްލުންވެގެން ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ހަތް މީހުނަކީ ފިހިފައިވާ މީހުނެވެ. އެ މީހުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ.
އަނެއް ދެ މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑަށް އަނިޔުާވެ ކަށިގަނޑެއްގައި ރެނދެއްލި އެވެ. ދެން ހުރި މީހާ ނާވާ ހާސްވީ އެވެ. ފިހުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑުން ބޮޑު ބައެއް ފިހިފައި ވެއެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ސީރިއަސް ގެއްލުމެއް ނުލިބެ އެވެ. -- އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ލޯންޗާއި، ބައުޒަރުތަކުގައި ރޯވި ވަރުގަދަ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ސިފައިންނާއި ފުލުހުންނާއި އާންމުން ވެސް ގުޅިގެން ދޮޅު ގަޑިއެއްހާއިރުގެ މަސައްކަތުންނެވެ. އެ މަސައްކަތް ހިނގި އިރު އެ ސަަރައްދުގައިވާ ކަނޑު އުޅަނދުތަކާ، އެއްގަމު ވެހިކަލްތައް ވަނީ ދުރު ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސް ސަލާމާތީ ވަރުގަދަ ފިޔަވަޅުތައް ވެސް އަޅާފަ އެވެ.
އދ. ގެ ދަތުރުފުޅަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. އެ މަނިކުފާނު މިއަދު ހެނދުނު ފުރަތަމަ ވަޑައިގެންނެވީ ހެންވޭރު އަލިފާނުގައި އަނދައިގެން ގޮސްފައިވާ ސަރަހައްދު ބައްލަވާލައްވާށެވެ. އޭހެ ފަހުން މެންދުރު ފަހުގެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވެސް ރައީސް ސޯލިހު ވަޑައިގެން ގެއްލުންތައް ބައްލަވައި ލެއްވިއެވެ. އަދި އަލިފާން ނިވާލުމަށް ސިފައިންނާ ފުލުހުން ކުރި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ހިނގި ބޮޑު އަދި ނުރައްކާތެރި އެ ހާދިސާގައި އެ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވުނު ނަމަ ބޮޑު ކާރިސާއަކަށް އެކަނމް ބަދަލުވެގެން ދިޔައީހެވެ. އެ ހާދިސާތައް މަދު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް މިމަހުގެ 20 ވަނަ ދުވަހުގެ ހާދިސާއާއި ގުޅިގެން އަޅަމުން ގެންދާ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ. އެ މަނިކުފާނު ވަނީ ސަރުކާރުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ހުރިހާ ރައްޔިތުންގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފަ އެވެ.
ތެޔޮ ބައުޒަރުތަކުން ފުރިފައިވާ ސިނާއީ ސަރަހައްދުގައި ހިނގި އަލިފާނުގެ މި ހާދިސާއަކީ އިތުރަށް ސަމާލުވުމަށް ދިން ވަރުގަދަ އިންޒާރެކެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމަށް މަގުފަހިވާނެ އެތައް ކަމެއް އެ ސަރަހައްދުގައި ވެއެވެ. މިއީ ޓީޖެޓީ ކައިރިން ހިނގި މިފަދަ ތިން ވަނަ ހާދިސާ އެވެ. ރައީސް މައުމޫންގެ ދައުރުގައި ޓީ ޖެޓީގެ ތެޔޮ ދޯންޏެއްގައި ރޯވެ ބަޔަކު ފިހިފައި ވެއެވެ. އަދި ހަމަ އެ ދުވަސްވަރު އެ ސަރަހައްދުގައި ހުރި ނީލަން ފިހާރާގައި ރޯވި އެވެ.
މިއަދު ވެސް ތެޔޮ ބައުޒަރުތަކާއި، ލޯންޗުފަހަރާއި، ދޯނިތަކުން ފުރިފައިވާ އެ ސަރަހައްދުގައި އެއްވެސް ރައްކާތެރިކަމެއް ނެތެވެ. އަދިވެސް އާންމުން އެ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރަމުން ދެއެވެ. ވަދެ ނިކުމެ އުޅުމުގައި ސެކިއުރިޓީ ޗެކެއް ނުކުރެ އެވެ. ސަލާމާތީ ފިޔަވަޅުތަކެއް ނެތެވެ.