ރައީސް އޮފީސް

ފުލުހުންނާއި ސިފައިންގެ ބާރުތައް ހަނިކުރާކަށް ނޫޅޭ

ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިހެން ބުނެފައިވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއަ ގުޅިގެން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާއިރު ސިފައިންނާއި ފުލުހުންގެ ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން އިދާރާއެއް ހިންގާން ނިންމާފައިވާ ކަމަށް ބުނެ އާންމުވި ރިޕޯޓަކާއި ގުޅިގެންނެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުން ކަމަށެވެ. އަދި އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތަށް އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން އިދާރާއެއް ހިންގާނެ ކަމަށްބުނެފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ނިންމާފައި ވަނީ ވަރަށް މުހިންމު މަގުސަދެއްގައި ކަމަށާ މި މަސައްކަތް ކުރަމުން ގެންދާ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ދޮގު މައުލޫމާތާއި ހަބަރު ފެތުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނައަށް މަގުފަހިކޮށް ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެއްދުމެއް ކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުންނެވެ. އަދި މި ރިޕޯޓުގައިވާ ފަދައިން އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން މިފަދަ އިދާރާއެއް ހިންގާނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޔާން | މެއި 20، 2021

ރައީސް އޮފީހުން ވަނީ އިންޓެލިޖެންސް އޮޑިޓް ކޮމެޓީގެ މައިގަނޑު މަގުސަދުތައް ސާފުކޮށްދީފައެވެ.

އެ އޮފީހުން ބުނީ ކޮމިޓީގެ މައިގަނޑު މަގްސަދަކީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ގާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުން ކަމަށެވެ.

އަދި ޓެރަރިޒަމްގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރު ބެލުމާއި އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި ތަންފީޒުކުރުމުގައި ގޮންޖެހުންތަކާއި އަދި މި ނިޒާމުގައި އިސްލާހު ކުރަންޖެހޭ ކަންކަން ދެނެގަތުންވެސް ހިމެނޭ ކަމަށެވެ.