ޓިއޯލޯ އަލިފާން

ދެ އިމާރާތެއްގެ އަލިފާން: ބޮޑެތި ގެއްލުން

ވެރިރަށް މާލޭގެ ހެންވޭރުގައި މިރޭ ވަރަށް ބޮޑު އަދި ވަރަށް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ އިމާރާތަކަށާއި ތަކެއްޗަށް ބޮޑެތި ގެއްލުން ވެއްޖެ އެވެ. މިރޭ ގާތްގަނޑަކަށް 9:30 އެހާކަން ހާއިރު ފުރަަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށް ވާގޮތަށް ހުންނަ "ކެފޭ ޓިއޯލޯ" ގެ ނަމުގައި ކެފޭއެއް ހިންގަމުން އައި ދެ ބުރި އިމާރާތުގަ އެވެ. އެ ވަގުތަކީ ރޭގަނޑުގެ ކާފިއު ފެށޭތީ ކޭފޭތައް ބަންދު ކުރަމުން ދިޔަ ގަޑި އެވެ.

އެތާނގައި ހިފި އަލިފާން ނިއްވާ ނުލެވި މުޅިތަން އަނދާ ހުލިވަމުން ދަނިކޮށް އެ އިމާރާތާ ޖެހިގެން ހުންނަ އިންޑިއާ ބޭންކު، އެސްބީއައި، އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީހާއި އެފަދަ ބޮޑެތި އެހެން ކުންފުނިތަކުގެ އޮފީސްތައް ހިންގާ، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެން މަތީ ބުރިއާއި ޓެރަހުގައި އަލިފާން ރޯ ގެއްލުންތައް ވެފައި ވެއެވެ. އެ ބިލްޑިިންގުގައި ރޯވެ އަނދަމުން ދިޔައިރު "ކެފޭ ޓިއޯލޯ" ވަނީ މުޅިން އަނދާ ހުލިވެ ދަގަނޑު ފުރޭމް ގަނޑަކަށް ވެއެވެ. މީހަކަށް އަނިޔާއެއް ގެއްލުމެއް ނުވެ އެވެ.

ގިނަ އަދަދެއްގެ ސިފައިނާއިނާއި އަދި ސިފައިންގެ ފަޔާ ފައިޓަރުން ގިނަ އަދަދެއްގެ ފަޔާލޯރި އާއި އެހެނިހެން އާލާތްތަކާއެކު މަސައްކަތްކޮށް އަލިފާން މުޅިން ކޮންޓްރޯލް ކުރެވުނުއިރު ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. އަލިފާން ކޮންޓްރޯލް ކުރުމަށް ތިން ގަޑިއެއްހާއިރު ވަނީ ހޭދަވުމަށް ފަހު އެވެ. އޭރު ދަންވަރު 12:30 ވެފައި ވެއެވެ.

އަލިފާނުގެ މި ހާދިސާ ހިނގުމާއެކު އެ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމް އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް ވަޑައިގެންނެވި އެވެ. އަދި ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލް އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވަނީ ވަޑައިގެންފަ އެވެ.

ޓިއޯލޯ އަލިފާނުގެ ލައިވް ބްލޮގް

ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ "ޓިއޯލޯ އަލިފާން" ގެ ހާދިސާގެ ތަހުގެއް ފަށާފައިވާ ކަމަށެވެ. އަލިފާން ރޯވާން ދިމާވި ސަބަބު އެނގިގެން ދާނީ ތަހުގީގަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކަމާ ގުޅުންހުރި އިދާރާތަކާއެކު އަޅުގަނޑުމެންގެ ތަހުގީގު މިހާރު ވަނީ ފަށާފައި،" އަލިފާންގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައިގެން ސީޕީ ހަމީދު މިރޭ ވިދާޅުވިއެވެ.

ބޮޑު މި އަލިފާނާ ގުޅިގެން ބޯހިޔާވަހިކަން ގެއްލޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ކަލާފާނު ސުކޫލު ވަނީ ތައްޔާރުކޮށްފައެވެ. އަވަސްއާ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ގުޅިގެން ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ގެއްލުން ކުޑަކުރެވޭނެ ކަމަށް. ބޯހިޔާވަހިކަން އެއްވެސް އާއިލާއަކަށް ނުގެއްލި މި ހާދިސާއިން އަރައިގަނެވޭނެ ކަމަށް،" މާރިޔާ ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ގަދަގޭ މުހައްމަދުފުޅު ބިލްޑިންގަކީ އޮފީސް އިމާރާތެވެ. އެހެން ކަމުން ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހޭ އާއިލާތަކެއް ތިބޭނެ ކަމަށް ނުބެލެވެއެވެ.

މިރޭ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސިފައިންގެ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ. ދެން އެމަނިކުފާނު މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރެއްވީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި އިދިކޮޅުން މުޒާހަރާ ކުރަމުން ގެންދާތީއެވެ.

"ވަރަށް ހިތާމަކުރަން މިއަދު ވެސް މާލޭގައި ބަޔަކު މުޒާހަރާ ކޮށްފި. އަޅުގަނޑުމެންގެ ތެރޭ ތިއްބެވި ވަރަށް އިސް ބޭފުޅުން މާސްކު ވެސް ނާޅާ އުޅުއްވި މަންޒަރު ފެންނިގެން ހިނގައްޖެ. އެއީ ވަރަށް ހިތާމަވެރި ކަމެއް،" އިދިކޮޅުން ބޭއްވި ސައިކަލް ބުރަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ބަލި ކޮންޓްރޯލް ނުކުރެއްވިއްޖެ ނަމަ އަލުން ފުލް ލޮކްޑައުންއަކަށްވެސް ދާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ލޮކްޑައުން އަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ގައިޑްލައިންތަކަށް ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދީގެން ކަމަށް ވިދާޅުވި އެވެ. އެކަން ނުކުރާނަމަ ހުރިހާ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނޫންނަމަ އެހިސާބަށް ދާންވެސް ޖެހިދާނެ. ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް އަޅުގަނޑު ޖެހޭނީ ކުރަން،" ރައީސް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލު ހާމަވާނީ ތަހުގީގުގެ ފަހުންނެވެ.

ގަދަގޭ މުހައްމަދުފުޅު ބިލްޑިންގަކީ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތަކަށްވާތީ އެ އިމާރާތުގައި އޮފީސް ހިންގާ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް ބެލެވެއެވެ. އަދި އަލިފާން ނިންވަން ފެން ޖެހުމުގެ ސަބަބުން ވެސް ލިބޭ ގެއްލުންތައް އިތުުރުވާނެއެވެ.

އަލިފާނުގެ ބޮޑު ތިން ހާދިސާ

އަލިފާނުގެ ބޮޑު ހާދިސާއެއް މިރޭ ހިނގާދިޔައިރު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެ ސިޓީގައި އަލިފާނުގެ ބޮޑު ތިން ހާދިސާ ހިނގާފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ވަނީ އަލިފާނުގެ ބޮޑު ދެ ހާދިސާ ހިނގާފައެވެ.

އެއް ހާދިސާއަކީ މާލޭގެ ހުޅަނގު ދެކުނު ފަރާތު ޓީޖެޓީއާ ކައިރިން ސިނާއީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި ހަތް މީހަކު ވަރަށް ބޮޑަށް ފިހިފައިވެއެވެ. އަދި ތެޔޮ ބައުޒަރުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

މީގެ އިތުރުން ލޯންޗެއް ވެސް އެއްކޮށް އަދައިގެން ގޮސްފައި ވެއެވެ.

އަނެއް ހާދިސާއަކީ މާލޭގެ ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.

އަބަދަށް ފެހި މަގުގައި ހުރި ކެމިކަލް ގުދަން ގޮވައި، ރޯވި ބޮޑު އަލިފާންގަނޑުން އެ މަގުގައި ހުރި އެތަށް ގެއެއް ވަނީ އަނދާ އަޅިއަށްވެފަ އެވެ. އަދި އުމުރުން 46 އަހަރުގެ އައިޝަތު ޝައުނާ ވަނީ އަލިފާނުގައި އަދައިގެން މަރުވެފައެވެ.

މި ހާދިސާގައި 31 އިމާރާތެއް ވަނީ އަނދާފައެވެ. އޭގެ ތެރެއިން ބައެއް އިމާރާތްތައް ބޭނުން ނުކުރެވޭ ވަރަށް އަދައިގެން ގޮސްފައިވެއެވެ. އަލިފާނުގެ ގެއްލުމުގެ އަގު 31 މިލިއަން ރުފިޔާއަށް އަރައެވެ.