ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަމާއި ކުރިމަތިލާން ޖެހިފައިވާއިރު އެންމެ މުހިންމު ކަމަކީ ސަލާމަތީ ހިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުން ކަމަށް ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިތުރު ދަރިވަރުންތަކެއް ސިފައިން ގައުމުގެ ދިފާއީ ބާރާ ގުޅުނު މި ދަނޑިވަޅަކީ ސަރަހައްދީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ ފެންވަރުގައިވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށާ ހާއްސަކޮށް ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަމާވެސް ކުރިމަތިލާންޖެހިފައިވާ ވަގުތެއްގައި ކަމަށެވެ.
އެއީ މިއަދު މުޅި ދުނިޔެވެސް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކެއް ކަމަށް ވިދާޅުވެ މިކަމުގައި ކުޑަ ގައުމެއް ބޮޑު ގައުމެއް ތަފާތެއް ނެތް ކަމަށް ވިދާޅުވިއެވެ.
"އެހެންކަމުން މިފަދަ ފިކުރީ އޮއިވަރުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ އެ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމަކީ މުހިންމު ކަމެއް. މި ދެންނެވި ގޮންޖެހުންތަކާ ކުރިމަތިލާއިރު އެންމެ މުހިންމު ކަމަކީ ސަލާމަތީ ހިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުން. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު މި މަހުގެ 17 ވަނަ ދުވަހު އެކުލަވާލައި މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިހާރު ވާނީ ފަށާފައި،" ރައީސް ވިދާޅުވިއެވެ.
އަދި އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތައް ގުޅިގެން މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށްވުރެ ރަނގަޅަށް ވަޒަންކުރެވި އެފަދަ ކަންކަމާ ކުރިމަތިލުމުގެ ގާބިލުކަން، ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގައި އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.