މީހުން ގެއްލުން

"ގެއްލުނީ އާއިލާގެ އެންމެ ލޯބި މީހާ"

ކަނޑުމަތީގެ ހާދިސާއެއްގައި މިދިއަ ބުރާސްފަތި ދުވަހު ގެއްލިފައިވާ ބ. އޭދަފުށީ ނަސްރުﷲ އަބްދުﷲ އާ ބެހޭ ގޮތުން އޭނާގެ ބޭބެ ބުނަނީ އެއީ އެ އާއިލާގެ ކޮންމެ މީހަކު އެދޭ ކަމެއް ޝަކުވާއާ ނުލައި ކޮށްދެމުން އައި މީހެކެވެ. އަދި އެއީ އަބަދުވެސް ވަރަށް މަސްބާނަން ފޯރި ހުންނަ މީހެކެވެ. ކޮންމެ ޗުއްޓީއެއްގައި ވެސް މަސްދަތުުރުތައް ނުގޮސް ޗުއްޓީ ނިންމައެއް ނުލަ އެވެ. އޭނާ ގެއްލުމުން އެ އާއިލާ އޮތީ ވަރަށް ބޮޑު ހިތާމައެއްގެ ތެރޭގަ އެވެ. އެކަމަކު އާއިލާއިން އުންމީދު ކަނޑައެއް ނުލަ އެވެ. ދިރިހުއްޓާ ނަސްރުﷲ ފެންނާނެ އެވެ.

"ނަސްރުﷲ އަކީ އަޅުގަނޑުމެންގެ އާއިލާގެ އެންމެ ހަގު މީހާ. އެހެންވެ އާއިލާގެ އެންމެން ވެސް ވަރަށް ލޯބިވާނެ އޭނަ ދެކެ،" މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަނޑުމަތީގައި ހިނގާދިޔަ އެކްސިޑެންޓުގައި ގެއްލުނު ނަސްރުﷲގެ ބޭބެ ބުންޏެވެ.

އޭދަފުއްޓަށް އުފަން ނަސްރު ކައިވެނި ކޮށްގެން އުޅެނީ އެ އަތޮޅު ދަރަވަންދޫ މީހަކާ އެވެ. މިހާރު 15 އަހަރުވެފައިވާ އެ ކައިވެންނަށް 11 އަހަރާއި 13 އަހަރުގެ ދެ ކުދިން އެއްބަތިއްބެވެ. ކައިވެންޏަށް ފަހު ނަސްރުﷲ ދިރިއުޅުން އޮތީ މާލޭގަ އެވެ. ނަސްރުﷲ ގެއްލުނު ހާދިސާ އައީ މި ބޮޑު ޗުއްޓީގައި އަންހެނުންގެ ރަށް، ދަރަވަންދޫއަށް ގޮސް މަހަށް ނުކުމެ އުޅެނިކޮށެވެ.

"ނަސްރު ޗުއްޓީއަށް ރަށަށް އައުމުގެ ކުރިން އެންމެން ގާތު ބުނި. މިފަހަރު ހިނގާށޭ އަންހެނުން ނަޝްވާގެ ރަށަށް ޗުއްޓީއަށް ދާން. އެހެން ކިޔާފަ އައީ މިދިޔަ އަންގާރަ ދުވަހު. ދެން މިކޮޅު [އޭދަފުށީ] ގައި ތިބި އެންމެން ވެސް އެކޮޅަށް [ދަރަވަންދުއަށް] ދިޔައީ. ދެ އާއިލާ ވެސް ވަރަށް ގުޅޭނެ. މިކަމެއް މިވީ ރަށަށް އައިތާ ދެވަނަ އަށްވީދުވަހު."

ނަސްރުﷲގެ ބޭބެ ބުނި ގޮތުގައި އެ މީހުންގެ މަންމަ ނިޔާވި އިރު ނަސްރު ވަރަށް ކުޑަ އެވެ. އޭރުން ފެށިގެން އާއިލާގެ އެންމެންގެ ވެސް ހާއްސަ ލޯތްބެއް އޮންނަ މީހަކަށް ނަސްރުﷲ ވެ އެވެ. އަދި ކުއްލި ހާދިސާއެއްގައި އޭނާ ގެއްލުމުން އާލާގެ ހުރިހާ މެންބަރުންގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފަ އެވެ.

"އެ ދުވަހު ނަސްރުގެ ދައްތަ ތިން ހަތަރު ފަހަރަކަށް ބުނި ނުދާށޭ މާ ވަރުބަލިވެފަ ނޫންހޭ ތިހިރީ... އެއީވެސް އޭނަ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން..." ބޭބެ ބުންޏެވެ. "އަޅުގަނޑުމެން އެންމެ ދެރަވަނީ އޭނާގ ކުދިންނާ ދޭތެރޭ ވިސްނޭ ވަރުން ނަސްރުއަކީ ކުދިންނަށް ވަރަށް ރަނގަޅު ވަރަށް ގާތްކޮށް އުޅުނު ބައްޕައެއް."