ކޯސްޓް ގާޑް

ކުއްޖާ ގެއްލުން: ބޮޑު ސަރަހައްދެއް ބަލައިފި

Oct 18, 2021
1

ގަދައިގައި މާލެއިން ފުރައި ހޮނިހިރު ދުވަހު ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖެހި ލޯންޗުން ކަނޑަށް ގެއްލުނުތާ 24 ގަޑިއިރަށްވުރެ ގިނަ އިރުވެފައިވާއިރު އަދިވެސް ކުޑަ ކުއްޖާގެ އެއްވެސް ހިލަމެއް ނުވާ ކަމަށް ކޯސްޓުގާޑުން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 5:00 ޖަހާ އެހާކަންހާއިރު އައި ކޮޅިގަނޑެއްގެ ތެރޭ ރާުޅުގައި ޖެހި ލޯންޗު ބަންޑުން ޖެހީ ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނު ބޭރަށެވެ. ލޯންޗް ބަންޑު ޖަހާލި ހާދިސާގައި އެކަކު މަރުވެފައި ވެއެވެ. އެއީ ގެއްލުނު ކުޑަ ކުއްޖާގެ މަންމަ، މ. ގްރީން ޕީކު، މަރިޔަމް ނާހިދާ އެވެ.

މި ހާދިސާއަށް ފަހު ކުޑަ ކުއްޖާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ރެޔާ ހަމައަށް 60 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށް ކޯސްޓުގާޑުން މައުލޫމާތު ދެ އެވެ. އަދި އެ ސަރަހައްދަށް އަދިވެސް ވަރަށް ކަނޑުގަދަ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މީހަކު ގެއްލުމުން ބޭނުންކުރާ ހުރިހާ ވަސީލަތެއް ކުއްޖާ ހޯދުމުގެ މަސައްކަތުގައި ބޭނުންކުރަމުން އަންނަ ކަމަށާއި ނަމަވެސް ކަނޑުގަދަވެފައި ވައި ގަދަވުމުގެ ސަބަބުން ހުރަސްތަކެއް އެޅުމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މާލޭން ފުލިދޫއަށް 12 މީހުނާއެކު ދަތުރު ކުރީ "ޑްރީމް ސްޕީޑް 2" އެކެވެ. އެ ލޯންޗު ބަންޑުން ޖެހީ އޮޅުވެލި ކައިރިން ނެގި ރާޅެއްގައި ޖެހިގެނެވެ. އެ ހާދިސާގައި ތިން މީހުން ކަނޑަށް ވެއްޓުނެވެ. އެއީ ލޯންޗުގެ އެންމެ ފަހަތުގައި ތިބި ނާހިދާ އާއި އޭނާގެ ދެ ކުދިންނެވެ. އޭގެެ ތެރެއިން އެއް ކުއްޖަކު ސަލާމަތްވި އެވެ. ކަނޑުން ނެގުނު ނަމަވެސް ނާހިދާ މަރުވީ އެވެ. ގެއްލުނީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅެވެ.