އެމްއެންޑީއެފް

15 މީހުން ތިބި ބޯޓެއް އަޑިއަށް ހިނގައްޖެ، މީހުން ވަނީ ސަލާމަތްކޮށްފަ

މާލެ އިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް ދިޔަވެ އެ ބޯޓު އަޑިއަށް ހިނގައްޖެ އެވެ.

ބޯޓު ދަތުރުކުރަމުން ދިޔައިރު އޭގައި 15 މީހުން ތިއްބެވެ. ނަމަވެސް ބޯޓު އަޑިއަށް ދިއުމުގެ ކުރިން އެ އެންމެން ވަނީ ލޯންޗެއްގައި ބ. އޭދަފުށްޓަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފް އިން ބުނީ "އާލާ" ނަމަކަށް ކިޔާ ބޯޓަށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެ އިދާރާގެ ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ ފަތިހު 5:22 ހާއިރު ކަމަށެވެ. އޭރު ބޯޓު އޮތީ އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުގަ އެވެ.

މައުލޫމާތު ލިބުމާ އެކު އޭދަފުށީގައި އޮތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ދަތުރުކޮށް އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

ޅ. މާފިލާފުށީގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އުޅަނދެއް ބޯޓު ކައިރިއަށް ދަތުރުކުރި ނަމަވެސް ބޯޓު މިހާރު އަޑިއަށް ގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެ އެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ އޭދަފުށްޓާ އެއް މޭލު ބޭރުންނެވެ.