ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފައިވާއިރު ބޯޓުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް އެތަނުން އެކަކު ބުނެފި އެވެ.
ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ބޭރުގެ ބޯޓެއް ހިފަހައްޓައި 10 މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުންނެވެ.
ފުލުހުން ބުނި ގޮތުގައި ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 7 ކިލޯއަށް ވުރެ ގިނަ ތަކެތި އެ ބޯޓުން ފެނުނެވެ.
މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބައިވެރިވެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑޮނޭޝިއާގެ ރައްޔިތުން ކަމަށްވާ ނަސްވަން އާދިލް (30އ) އާއި އެޑްރިއަންސަޔާ (25އ) އާއި މުޙައްމަދު އިޤްބާލް މަކްރޫމް (30އ) ގެ އިތުރުން އިންޑިއާއާގެ ރައްޔިތުން ކަމަށްވާ ޕްރަބާކަރަން ނަގަރާޖަން (35އ) އާއި ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ) ގަނޭޝް ބޮމްމާލީ (22އ) އާއި ޑަތުކިލޭ ދަރްޝަން ވިޖޭ (22އ) އާއި ޕީޓާ ވިނީ (28އ) އާއި ސަރަން ޕަދްމަން (28އ) އަދި ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ) އެވެ.
މީގެ ތެރެއިން ނަސްވަން އާދިލް ވަނީ އެ ބޯޓުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބަންދު މަޖިލީހުގައި ބުނެފަ އެވެ.
އޭނާ އެހެން ބުނި ނަމަވެސް އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. ބޯޓުން ހައްޔަރު ކުރި އެންމެވެސް ތިބީ ބަންދުކޮށްފަ އެވެ.