ބޯޓެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީ ގްރޫޕްގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.
މި ގްރޫޕުގައި ހިމެނެނީ އިންޑިއާ، އިންޑޮނީޝިއާ މީހުން ހިމެނޭހެން ޖުމްލަ 10 މީހުންނެވެ. މީގެތެރެއިން ހަތް މީހުންނަކީ އިންޑިއާ މީހުންނެވެ. އަނެއް ތިން މީހުންނަކީ އިންޑޮނީޝިއާ މީހުންނެވެ.
- އިންޑޮނޭޝިއާގެ ނަސްވަން އާދިލް (30އ)
- އިންޑޮނޭޝިއާގެ އެޑްރިއަންސަޔާ (25އ)
- އިންޑޮނޭޝިއާގެ މުހައްމަދު އިގްބާލް މަކްރޫމް (30އ)
- އިންޑިއާގެ ޕްރަބާކަރަން ނަގަރާޖަން (35އ)
- އިންޑިއާގެ ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)
- އިންޑިއާގެ ގަނޭޝް ބޮމްމާލީ (22އ)
- އިންޑިއާގެ ޑަތުކިލޭ ދަރްޝަން ވިޖޭ (22އ)
- އިންޑިއާގެ ޕީޓާ ވިނީ (28އ)
- އިންޑިއާގެ ސަރަން ޕަދްމަން (28އ)
- އިންޑިއާގެ ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް މީހެއްގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ. އަދި އަނެއް ފަސް މީހުންގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ އެއް ދުވަހެވެ. އެއް ދުވަހަށް ބަންދުކުރުމަށް އަމުރުކުރި މީހުންގެ ބަންދު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން އެކަކު އިތުރު ތިން ދުވަހަށް އަދި އަނެއް ހަތަރު މީހުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ބޭރު 10 މީހުން ހައްޔަރުކުރިއިރު، ރާއްޖެއަށް 30 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިންޑިޔާއިންވެސް ވަނީ މި ފަހުން ގްރޫޕެއް އަތުލައިގެންފަ އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި އެ ގައުމުގެ ކޯސްޓްގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) އިން މި މަހުގެ ފަސް ވަނަ ދުވަހު ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ރާއްޖެއަށް ދަތުރުކުރަން އޮތް ޓަގު ބޯޓަކުން ގާތްގަނޑަކަށް 30 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.