ބޯޓެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ބިދޭސީ ގްރޫޕެއް ހައްޔަރުކޮށްފި އެވެ.
މި ގްރޫޕުގައި ހިމެނެނީ އިންޑިއާ، އިންޑޮނީޝިއާ މީހުން ހިމެނޭހެން ޖުމްލަ 10 މީހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 10 މީހުންގެ ތެރެއިން ހަތް މީހުންނަކީ އިންޑިއާ މީހުންނެވެ. އަނެއް ތިން މީހުންނަކީ އިންޑޮނީޝިއާ މީހުންނެވެ.
މި ގްރޫޕް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުން މީގެތެރެއިން ހަ މީހެއްގެ ބަންދަށް ކޯޓުން ޖެހީ އެންމެ ދުވަހެކެވެ. އަނެއް ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވެ އެވެ. އެއް ދުވަހަށް ބަންދު ކުރި މީހުން، އެއް ދުވަހަށް ބަންދު ކުރީ އެ މީހުންނަށް ތަރުޖަމާނެއް ހޯދަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ބޭރު 10 މީހުން ހައްޔަރުކުރިއިރު، ރާއްޖެއަށް 30 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިންޑިޔާއިންވެސް ވަނީ މި ފަހުން ގްރޫޕެއް އަތުލައިގެންފަ އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި އެ ގައުމުގެ ކޯސްޓްގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) އިން މި މަހުގެ ފަސް ވަނަ ދުވަހު ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ރާއްޖެއަށް ދަތުރުކުރަން އޮތް ޓަގު ބޯޓަކުން ގާތްގަނޑަކަށް 30 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.