ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ދެ މީހަކު ޕީޖީން އެދިގެން ދޫކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ދެ މީހަކު، ޕީޖީ އޮފީހުން އެދިގެން ބަންދުން ދޫކޮށްލައިފި އެވެ.

ދޫކޮށްލި ދެ މީހުންނަކީ ގދ. ވާދޫ، ބެރޫމާގެ، އަހްމަދު ޝައްފާފް (26 އ) އަދި ށ. ޅައިމަގު ފިއުޗަ، މުހައްމަދު އަނަސް (25 އ) އެވެ.

މި ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ދެ މީހުންވެސް ދޫކޮށްލީ، ޕީޖީން އެދިގެން ޝަރުތުތަކެއް ކުރުމަށްފަހު އެވެ.

މި ދެ މީހުން ބަންދުން ދޫކޮށްލިއިރު ދެ މީހުންގެ މައްސަލަ ދައުވާ ކުރަން ކޯޓަށް ހުށަހަޅާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދޫކޮށްލި ދެ މީހުން ހައްޔަރުކުރި މައްސަލައިގައި ފެނުނު މަސްތުވާތަކެތީގެ ބަރުދަނަކީ ވަރަށް މަދު އަދަދެކެވެ.

"އެކަމުގެ މައްޗަށް ރިއާޔަތްކޮށް ބަންދުން ދޫކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެދިފައިވާތީ، މިކަމުގެ މައްޗަށް ރިއާޔަތްކޮށް ޝަރުތުކުރުމަށްފަހު ބަންދުން ދޫކުރުމަށް ނިންމާފައިވެ އެވެ" ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ބަންދު އަމުރުގައި ލިޔުއްވާފައިވެ އެވެ.