ފާއިތުވި ދެ އަހަރެއްހާ ދުވަހު ރާއްޖޭގައި އޮތް ހަލަބޮލިކަން މިވަގުތަށް މާޒީވެ، މުޅި ގައުމު ދަނީ ހަމަޖެހުމުގެ ނޭވާއެއް ލަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހަ މަސް ވީއެވެ. ސަރުކާރަށް މިވީ ދުވަސްތަކުގައި އެއްވެސް ހަރަކާތެއްނެތި، ނިދާފައިތިބި ކަމުގެ ތުހުމަތުތައް އަމާޒުވާ ދިމަ ދިމާވެސް އެބަހުއްޓެވެ. އަދި "ކޮމިޝަން ސަރުކާރު" އާއި "ފޯރަމް ސަރުކާރު" މިއީ ރައީސް އަބްދުﷲ ޔާމީން ޒައާމަތާ ވަރުން އަޅުވާ ކިޔާ ނަން ނަމަވެ.
ނަމަވެސް، ހަމަ ޔަގީނުންވެސް ހަރަކާތްތެރިކަން ކުޑަކަމަށް ބުނާ ބުނުން ހައްގުނުވާ ބޭފުޅަކު އެބަ ހުއްނެވި އެވެ. އެ ބޭފުޅަކީ ރާއްޖޭގެ ހާރިޖީ ވަޒީރެވެ. ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެންމެ ނިކަމެތި ހާލަތުގައި އޮތް އެއް ދާއިރާއަކީ ހާރިޖީ ދައިރާކަން މުޅި ރާއްޖެ ދަންނާނެ އެވެ. ގިނަ ގައުމުތަކާއި ޒަމާނުއްސުރެ އޮންނަ ގުޅުންތައް ހީނަރުވެ، ބައިނަލްއަގުވާމީ މުޖުތަމައުގައި ގައުމުގެ އަގުވަނީ ވެއްޓިފަ އެވެ. ސޯލިހުގެ ކެބިނެޓުގައި ހަމައެކަނި ސުވާލު ނުއުފެދުނު މަގާމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން، އަތުރުކުރި އޮޅާލައިގެން ޝާހިދު މަސައްކަތް ފެއްޓެވި މަންޒަރު ފެނިގެން ދިޔަ އެވެ.
"ދަތުރުއަޅަނީ" އެއް ނޫން، ނަތީޖާ ނެރެނީ
އަވަށްޓެރި އިންޑިއާއާއެކު އޮންނަ ގުޅުމާމެދު ކޮންމެ ގޮތަކަށް ސުވާލު އުފެއްދިނަމަވެސް، އިންޑިއާއަކީ ރާއްޖޭގެ ކުރިއެރުމާ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. ކޮންމެ ސަބަބަކާހުރެ ނަމަވެސް ކުރީގެ ސަރުކާރުން އެ ރަހުމަތްތެރިކަމަށް އިހުމާލުވެފައިވަނިކޮށް ޝާހިދު ވަނީ "އިންޑޯ-މޯލްޑިވްސް" ގުޅުން މުޅީން އެހެން ހަރުފަތަކަށް އުފުލާލައި ދެއްވައިފަ އެވެ.
މޭޒު ދޮށުގައި އިންނަވައިގެން ނޫނީ ޕާޓީ ހަރަކާތްތަކުގެ ތެރެއިން ޕޯޑިއަމްތަކުގައި ސިޔާސީ ވާހަކަ ދައްކައިގެން އެހެން ގައުމުތަކާ އޮންނަ ހާރިޖީ ގުޅުން ބަދަހި ނުކުރެވޭނެ ކަން ކުރިންވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވަނީ ސާބިތުކޮށްދެއްވާފަ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކަށް އެތެރެއިން ހައްލު ހޯދެން ނެތް އިރު، އެ ހުރިހާ ކަމެއް ބަންޑެލި ކުރައްވައިގެން ޝާހިދު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ދިވެހިންގެ އަޑު އިއްވަވައިފަ އެވެ.
ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ފޮރިން މިނިސްޓަރު ވަނީ ތަފާތު 12 ގައުމަކަށް ދަތުރުކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ތިން ގައުމަކަށް ޒިޔާރަތްކު ރައްވައިފި އެވެ. "ދައުލަތުގެ ހަރަދުގައި ދަތުރު އަޅަނީ" ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށް ޝާހިދު ސަމާލުކަމެއް ނުދެއްވަ އެވެ.
ޖަވާބު ދެއްވާފައިވަނީ އެ ދަތުރުތަކުން ނެއްރުވި ނަތީޖާތަކުންނެވެ. ބައްދަލު ކުރެއްވި ދުނިޔޭގެ ނުފޫޒު ގަދަ ބޭފުޅުންގެ ދިގު ލިސްޓުންނެވެ.
އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އިން ފެށިގެން، އަލުން ގުޅެން އަމާޒުހިފާފައިވާ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑްގެ އިތުރުން އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް ވެސް އެ ލިސްޓުގައި ހިމެނޭކަމީ ރާއްޖެއަށް ލިބިފައިވާ ފަހުރެކެވެ.
އިންޑިއާ އިން ދިން 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާ، ތައިލަންޑަށާއި ޔޫއޭއީއަށް ވިސާ ނަގަން ނުޖެހޭގޮތަށް ކުރެވުނު މަޝްވަރާތައް ކާމިޔާބުކުރީ ޝާހިދުގެ މޭސްތިރިކަމުގެ ދަށުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، ޓެރަރިޒަމާއި ދީނީ ހަރުކަށި ފިކުރު ފެތުރިގެން ދިއުމުގެ ބިރުވެރިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ވަކާލާތު ކުރެއްވި އެވެ. އެފަދަ ސަމިޓުތަކުގައި ވެސް ޝާހިދު އަވަދިނެތި އުޅުއްވާތަން ފުލުފުލުގައި ފޮރިން މިނިސްޓްރީން ނެރޭ ބަޔާންތަކުން ސާފުވެ އެވެ. ގިނަ ގައުމުތަކެއްގެ ވެރިން އެއްތަނަކަށް ޖަމާވާ ބައްދަލުވުންތަކުގެ ފުރިހަމަ ބޭނުން ހިއްޕަވައިގެންނެވެ. އެކި ދަތުރުފުޅުތަކާއި، ބައިވެރިވެވަޑައިގެންނެވި ބައްދަލުވުންތަކުގެ ހަވާސާގައި މިހާތަނަށް 60 އަށް ވުރެ ގައުމުތަކުގެ އިސް ބޭފުޅުންގެ ފައިންޕުޅު ޝާހިދަށް ވަނީ ފެނިވަޑައިގެންފަ އެވެ. ގައުމުތަކުގެ ރައީސުންނާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާއި، ދުނިޔޭގެ ބަސްވިކޭ ވަރުގަދަ ޝަހުސިއްޔަތުތައް ވެސް ހިމެނެ އެވެ.
ގައުމުތަކުން ހިލޭ އެހީ ދިން ގޮތުގެ ތަފްސީލް
- އިންޑިއާ އިން 771 މިލިއަން ރުފިޔާ (50 މިލިއަން ޑޮލަރު)
- ޔޫއޭއީން 771 މިލިއަން ރުފިޔާ (50 މިލިއަން ޑޮލަރު)
- އެމެރިކާ އިން 308 މިލިއަން ރުފިޔާ (20 މިލިއަން ޑޮލަރު)
- އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތް ދަތުރުގައި އިތުރު 100 މިލިއަން ރުފިޔާ
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ޝާހިދު ކުރައްވާ ދަތުރުފުޅުތަކުން ލިބޭ ހަގީގީ ފައިދާ ވަޒަންކުރަން ދަތިވާނެ އެވެ. ސަބަބަކީ މާލީ އެހީގެ ގޮތުގައި މިހާތަނަށް ސަރުކާރަށް ލިބިފައިވާ 1.9 ބިލިއަން ޑޮލަރު އެއީ ހަމައެކަނި މާލީ އެހީ އެވެ. ޝާހިދު އިސްވެ ކުރައްވާ މަޝްވަރާތަކުގެ ތެރެއިން ގައުމުތަކުން ރާއްޖޭގެ އެކި ދާއިރާތަކަށް ލިބޭ ލުއިތަކެއްގެ ތެރެއިން މުސްތަގުބަލުގައި ކުރާނެ ފައިދާ، މާލީ ގޮތުން މިނެ ކިރައިގެން ދެއްކޭނެ ފުރުސަތެއް އެމަނިކުފާނަށް ލިބިވަޑައެއް ނުގަންނަވާނެ އެވެ.
ބައެއް ދަތުރުފުޅުތަކުގެ ހަގީގީ މަގުސަދާއި އެކަމުން ލިބޭނެ ފައިދާތައް އާންމުންނަށް ފަހުމްވާން ދަތިވެދާނެ އެވެ. އެންމެ ފަހުން ޝާހިދު ވަޑައިގެންނެވި ރޫމޭނިއާ އަކީ މިހާރު އީޔޫ ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ގައުމެވެ. ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އީޔޫން ނަގާ ޑިޔުޓީ ކުޑަކުރުމަށް ރާއްޖޭން މަސައްކަތްކުރަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. ރޫމޭނިއާގެ އިސްވެރިންނާއެކު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން އީޔޫގެ އެހެން ގައުމުތަކާ ހަމައަށް އެ ވާހަކަ ގެންދިއުމަކީ ޝާހިދުގެ މައިގަނޑު އަމާޒެވެ. އެންމެ ގައުމަކަށް ކުރެއްވި ދަތުރުފުޅަކުން 20 އަށް ވުރެ ގިނަ ގައުމަށް ރާއްޖޭން ދޭން ބޭނުންވި މެސެޖު ފޯރުކޮށްދެވުނީ އެވެ.
ޗައިނާ "ބޮޑު" ދަތުރު
މިހާތަނަށް ތަފާތު 12 ގައުމަކަށް 16 ދަތުރުފުޅު ކުރައްވާފައިވާ ރާއްޖެއަށް މިވަގުތު އެންމެ މުހިންމު މަންޒިލަށް ޝާހިދު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައި އެވެ. ޗައިނާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ނަތީޖާ ރާއްޖެއަށް ކޮންމެހެން ވެސް ބޭނުންތެރިވެ އެވެ.
ކުރީގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ 1.4 ބިލިއަން ޑޮލަރުގެ ބިޔަ ލޯނު އަނބުރާ ދެއްކުމަށް ލުއިތަކެއް ހޯދުމަށެވެ. ދިވެހި ސަރުކާރުގެ ހުރި ކަންބޮޑުވުންތައް ޝާހިދުގެ އެ ދަތުރުފުޅުގެ ތެރެއިން އަޑުއަހާނެކަމަށް ޗައިނާ ސަރުކާރުން ވެސް ދާދި ފަހުން ވަނީ ބުނެފަ އެވެ.
އެހެނަސް، މިވީ މަދު ދުވަސް ކޮޅުގެ ތެރޭގައި ޝާހިދު ނެރުއްވާފައިވާ ނަތީޖާތަކުން، އެ ދަތުރުފުޅުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ބުރައަކަށް، ލުއިތަކެއް ހޯއްދަވައި ދެއްވާނެކަމަށް ކުރެވޭ އުއްމީދު ބޮޑެވެ.