ކައްޓެޅީގެ ލޯ އިފުރީތަށް: މީކޮން ވާހަކައެއް؟

ފުވައްމުލަކުން: އާމިނަތު ފައުޒާ
Jun 18, 2019

ކައްޓެޅިއެއް ފެނުނަސް ބޭނުނަސް އަދި އޭގެ މަސް ކެވުނަސް ކޮންމެ ކޮންމެ ދިވެއްސަކަށް ނޭނގިދާނެ އެވެ. އެކަމަކު ކަނޑުގެ އެންމެ ފުނުގައި އުޅޭ ކައްޓެޅިއަކީ ގަދަ ރާޅު ނަގާ އަދި އެހެން ރަށްރަށާ ތަފާތު ނާޒުކު ތިމާވެއްޓެ އޮތް މި ފުވައްމުލަކު މީހުންގެ ހިތާ އެންމެ ކައިރިގައިވާ ދިރުމެވެ. އެއީ "ފުވައްމުލަކު ކައްޓެޅި" އެވެ.

ސައިންސްގެ އަތްފުނާ އެޅުމުން އެއް ކަމެއް ޔަގީންކޮށް ދެއެވެ. ކައްޓެޅި އަކީ އަތޮޅުން ބޭރު މާކަނޑުގެ ވަރަށް ފުނުގައި ވަރަށް ތަފާތު މިޒާޖެއް، އަދި މުޅީން އެހެން ފާޑެއްގެ މަހެކެވެ.

ޒާތްޒާތުގެ ކުދިމަހާއި ކަކުނި ފާނޑުގެ ސޫފިތައް ކައި އުޅޭ ކައްޓެޅި އައިނުގެ ގޮތުގައި 750 މީޓަރާއި 100 މީޓަރާއި ދެމެދުގެ ފުނުގައި އުޅެ އެވެ. އެއަށްވުރެ މަތީން އައިން ފެނުމަކީ ހާލުން ހާލުން ނޫނީ ވާކަމެއް ނޫނެވެ. އެކަމަކު އެއަށް ވުރެ ތިލައިން ކައްޓެޅީގެ ބައިގަނޑެއް ފެނިދާނެ އެވެ. ކައްޓެޅީގެ ދެ ވައްތަރެއް އުޅެ އެވެ. އެއް ވައްތަރަކީ ލަކެއް ޖެހި ކައްޓެޅި އެވެ.

ރާއްޖޭގައި ކައްޓެޅިއަށް ދެވި ހިފާފައި އާބާދީއެއް އޮތީ މި ފުވައްމުލަކުގަ އެވެ. މިރަށަށް ކައްޓެޅި ހާއްސަ ވަނީ އެހެންވެ އެވެ. އެކަމަކު ރާއްޖޭގެ އެހެން ހިސާބުތަކުން ފުނަށް، ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ހާއްސަކޮށް އެ ފާޑަށް ރޭގަނޑު ކުރާ ކެޔޮކަމުގައި ކައްޓެޅި ބޭނެ އެވެ.

ހާލުން ހާލުން އެ ގޮތަށް ބޭނުނު ނަމަވެސް ސީދާ އެ ދާގޮތަށް ގޮސް ކައްޓެޅި ބާނައިގެން ލެފުމުގެ ގާބިލު ކަމެއް ލިބިފައިވާ މަސްވެރިން އުޅެނީ މި ރަށުގަ އެވެ. އެއަކީ މިރަށު މީހުނަށް ސައިންސުން ބުނެދޭން ޖެހޭ ކަމެއް ވެސް ނޫނެވެ.

"ރާއްޖޭގެ މާކަނޑުތައް ހިމެނޭ އެހެން ދިމާ ދިމާލުން ކަނޑުގެ ފުނުގައި ކައްޓެޅި އުޅޭ ބައެއް ފަހަރާ ބޭނެންވެސް ބޭނެ އެވެ. އެކަމަކު ހުރިހާ ގޮތަކުން ބެލިއަސް ކައްޓެޅި ބޭނުމުގައި އެންމެ ފާހަގަ ކުރެވެނީ ފުވައްމުލަކު މީހުނެވެ. އެ މީހުން ސީދާ ގޮސް ކައްޓެޅި ބާނައިގެން ވަކި ގަޑިއަކަށް ރަށަށް އާދެ އެވެ. އަދި މޫސުމާ އޮއިވަރާއި ގުޅުވައި ދަހިކޮށް ކައްޓެޅި ބޭނޭނެ ސަރަހައްދުތައް ކިޔައި ދިނުމަކީ ފުވައްމުލަކުގެ މީހުނަށް އުނދަގޫ ކަމެއް ނޫނެވެ." މަސްވެރިކަމާބެހޭ ތަޖުރިބާކާރަކު އޭނާ "ރަސް އައިނަ" ށް ލިޔުއްވާފައިވާ މަޒުމޫނުގެއްގައި ލިޔުއްވާފައި ވެއެވެ.

ފުވައްމުލަކާ ގުޅޭ ކައްޓެޅީގެ ޒާތަކީ ކޮބާ؟

މި ރަށުގެ މަސްވެރިން ރޭގަނޑު ނަނު ފައްތައިގެން ދިގުމިނަށް 40 ސެންޓި މީޓަރު ހަމަވާ ކައްޓެޅި ބާނަ އެވެ. އޭގެ ބޮޑެތި ސައިޒުތައް ވަރަށް މަދުން ނޫނީ ނުލިބެ އެވެ. އަދި މި ރަށުގައި އެއިން ގަރުދިޔަ ކައްކައިގެން ކާން ބޭނުން ކުރެއެވެ. ކެއުމުގެ އެހެން ބާވަތްތަކަށާއި އެހެން ގޮތްތަށް ހަދައިހެން ވެސް ބޭނުން ކުރެ އެވެ. އެކަމަކު އާދަވެ މިރަށުގެ އެންމެނަށް ވެސް ކަމުދަނީ ކައްޓެޅީގެ ގަރުދިޔަ އެވެ.

ބޭނުމަށް ފަހު ބޭނުން ނުކޮށް ނުވަތަ ގަނޑު ނުކޮށް ރޮލާ ދޫކޮށްލައިފިނަމަ ވަރަށް އަވަހަށް ކުނިވާ ކައްޓެޅިއަކީ މަސް މީރު އެކަމަކު ވަރަށް ކަށި ގިނަ މަހެކެވެ. ކައްޓެޅީގެ ގަރުދިޔައާއެކު މީރުކޮށް ބަތް ކައިލުން ހިސާބަކަށް ނިދި އަންނަ ގޮތް ވާކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ބައެއް މީހުންނަށް "އެހެން ގޮޮތެއް" ވެސް ވާ ކަމަށް މި ރަށުގައި ކިޔައި އުޅެ އެވެ.

ކައްޓެޅީގެ އާންމު ބައްޓަމާއި ސިފައަކީ ދިގުފަތި ބައްޓަމެވެ. ލޮލާއި އަނގަ ވެސް ބޮޑުވެފައި އުލަށްވާ ފާޑުގެ ދަތްތަކެއް ހުރެ އެވެ. ހުޅުނބު ތުނި ކައްޓެޅީގެ ކުލައަކީ ގަދަ މުށި ކުލައެވެ. ދިރި ދިރި އޮންނަ އިރު އަދި ކަނޑުގައި އުޅޭ އިރު ވައިލެޓް ކުލަ ގަދަވެފައި ވިދުމެއް ހުރެ އެވެ. މަރުވުމުން، އެ ކުލަ އޮބި މުޅީންމެ މުށިކުލައަށް ބަދަލުވަނީ އެވެ. ބައްޓަމާ ގުޅޭ ގޮތަށް ދިމަ ދިމާއަށް ބެހިފައިވާ ރީތި ކޮތަރި ބައެއް ވެއެވެ. ކޮތަރިބައިގައި ވެސް ކެނޑުންތަކާއި ކުލަ ތަފާތު ކަމެއް އެކި ދިމަދިމާގައި ހުރެ އެވެ.

އެންމެ ގިނައިން ކައްޓެޅި ބާނަނީ އިރުވައިގަ އެވެ. އެ މޫސުމުގައި ގިނައިން ބާނާތީ އަގު ހެޔޮކޮށް ކައްޓެޅި ލިބުނު ނަމަވެސް ބައެއް ތަދު މޫސުންތަކުގައި ކައްޓެޅީގެ އަގު ހާހުން މައްޗަށް އަރަ އެވެ.

ކައްޓެޅީގެ ލޯ އިފްރީތަށް!

ކައްޓެޅީގެ ވާހަކަ ވަރަށް ގިނައިން ކިޔައިދީފައި ހުރެއެވެ. ކައްޓެޅިއާބެހޭ ގޮތުން އަލުން ކިޔައިދޭނެ ވާހަކަ ވެސް ވަރަށް މަދެވެ. އެކަމަކު މިރަށަށް ހާއްސަވެފައިވާ ކައްޓެޅިއާ ބެހޭ ގޮތުން މިރަށުގެ އަށް އަވަށުގެ ބައެއް މީހުން ކިޔައި އުޅޭ ފޯކްލޯރް، ކުދި ވާހަކަތައް ވެސް ހުރެ އެވެ. އެ ވާހަކަތައް އެހާ އާންމެއް ނޫނެވެ. މިއީ އޭގެ އެއް ވާހަކަ އެވެ.

މެދަށް އަޑި މި ރަށުގައި ހޯދަޑުގައި ކައްޓެޅީގެ މަސްވެރިކަމުގައި ދިގު ހަޔާތެއް ހޭދަކޮށްފައިވާ އަލީ އަހުމަދު ދީދީ (އަލިބެ) ބުނި ގޮތުގައި މާ އިހުއްސުރެ ދެކެވެމުން، ދެކެވެމުން އައި ވާހަކައެއް ބުނާ ގޮތުގައި ކައްޓެޅި އެންމެ ފުރަތަމަ ފެންނަން ފެށީ މި ރަށުގެ ފަރުމަތިންނާއި އޭގެ ބޭރަށް ޖެހިލާއި ހޭ ފަށާއި އުރަފަށުންނެވެ.

މާކަނޑުގެ 750 މީޓަރާއި 100 މީޓަރާއި ދެމެދުގެ ފުނުގައި އުޅުމުގެ މިޒާޖެއް އޮތް ކަމަށް ސައިންސް ޔަގީން ކޮށްދޭ މި މަހާ ގުޅޭ މީއީ އަދި އަޑު ނީވޭ ފޯކްލޯރެކެވެ. އާ ވާހަކަ އެކެވެ.

"... އިހުއްސުރެ ކިޔައި އުޅޭ ގޮތުން ކައްޓެޅި އަކީ ކުރިން ފަރުމަތީން މީހުން ލާނދާއެއްލައިގެން ހިފި އެއްޗެއް!"

ހައިރާނެއް ނުވާނެ ހެއްޔެވެ؟ އުމުރުން މިހާރު 67 އަހަރުވެފައިވާ އަލިބެ ކިޔައިދޭ ގޮތުން މާފަހަކުން މަޑުމަޑުން ބޭރަށް ޖެހެމުން ގޮސް ކައްޓެޅި ފުންކަނޑަށް ފޭބީ އެވެ. މާކަނޑުގެ ފުނަށް ފީނައިގަތީ އެވެ.

"މާ ފަހުން އޭތި [ކައްޓެޅި] ކަނޑަށް އެރުނީ. ވަކި ތާރީހެއް ނޭނގެޔޯ... އެއީ ވަރަށް އިހު ޒަމާނުގައިވީ ކަމެކޯ!؟" އޭނާ ބުންޏެވެ.

އަލިބެ ބުނާ ގޮތުގައި އޭނާގެ ޅަފުރާގައި މިރަށުގައި އެންމެ ގިނައިން ކައްޓެޅި ބާނާ އުޅުނީ ދޫޑިގަމު އަވަށު އިބްރާހީމް ނަމަކަށް ކިޔާ މީހެކެވެ. އެ އިބްރާހިމާ ހަވާލާދީ އަލިބެ ބުނި ގޮތުގައި "އެއްދުވަހު އިބްރާހީމް ކައްޓެޅި ބާނަން ބޭނުންކުރާ ދަލުން ކައްޓެޅި ހިފުމުގެ މަސައްކަތުގައި އުޅެނިކޮށް ޖިންނީންގެ ތެރޭގައި ހިމެނޭ އިފުރީތަކަށް ފެނުނީ" އެވެ.

"އެ އިފުރީތު އައިސް އިބްރާހީމް ކައިރި 'ކައްޓެޅީގެ ދެ ލޯ މަށަށް' އެހެން ބުނީޔޯ!؟" ހަނދާނުގައި އޮތް ގޮތަށް އަލިބެ ކިޔައިދިނެވެ.

އަލިބެ ކިޔައިދިން ގޮތުގައި އެ އިބްރާހިމް ބުނާ ގޮތުން ވިއްޔާ އޭނާ ކައްޓެޅީގެ ދެ ލޯ ނަގާފައި އިފުރީތާ ދިމާއަށް އެއްލީ އެވެ. އަދި އެ އިފުރީތު އެ ލޯ ބޯލުމުން ފަރުމަތީގައި އުުޅެމުން އައި ކައްޓެޅި އެ ދުވަހަށްފަހު ފެންނަން ފެށީ މާކަނޑުގެ އަޑީންނެވެ. -- ދެތިކި ޕީ

އަލިބެގެ މި ވާހަކަ އިބްރާހިމަކާ ހަވާލާއެއް ނުދީ އިހުގައި ބައެއް އެހެން މީހުން ވެސް މިގޮތަށް މިކަމެއް ހިނގި ކަމަށް ކިޔަ އެވެ. އެހެން އޮތް އެއްވެސް ރިވާ އެއްގައި އިބްރާހިމެއް ނާދެ އެވެ. އެކަމަކު ކައްޓެޅީގެ ލޯ އިފުރީތު ބޯލީއޭ ބުނެ އުޅެ އެވެ.

ކައްޓެޅިއާ ބެހޭ ހުރިހާ ވާހަކައެއް ކިޔާނެ ގޮތަކަށް ކިޔަން، ލިޔާނެ ގޮތަކަށް ލިޔަން ދޫކޮށްލާށެވެ. ކޮންމެ ގޮތަކަށް އޮތަސް މިރަށުގެ ހުރިހާ އެންމެނަށް ވެސް އެންމެ މީރީ ކައްޓެޅީގެ މަހެވެ. އަދި މިރަށުގެ އެންމެނަށް އެންމެ ހާއްސައީ ވެސް ކައްޓެޅި އެވެ.