މަސްކޮޅު ކިރާލަދީ، އޭރަށް މުއްސަނދިވޭ!

މަސްވެރި ރާއްޖެ - މިކަން ނުކުރާ ޒަމާނެއް ނޭނގެ އެވެ. ފަލި ޖަހާފައި ގޮސް ވެސް ދިވެހިންގެ ހަގީގީ އައިޑެންޑިޓީ ޖޮބް އަދާކުރި އެވެ. އޭގެފަހުން ފަލިޖެހި އޮޑިފަހަރުގެ ވަތަށް ބޭލީ އިންޖީނެކެވެ. އެކަމަކު އެޒަމާން ފަސްދީ ހިނގައްޖެ އެވެ. ޒަމާނާއެއްކޮށް މުޅި ރާއްޖެ ބަދަލުވި ނަމަވެސް އޭރުވެސް އަދި މިހާރުވެސް މަސްވެރިންގެ އޮތީ އެންމެ ޝަކުވާ އެކެވެ. މަސްވެރިންގެ މަސައްކަތަށް، ބާނާ މަހަށް "ހަމަ އަގެއް" ނުލިބެ އެވެ. މަހެއް ނުކިރެ އެވެ. ގަނޑުފެނެއް ނުލިބެ އެވެ. މަސް އައިން މޫސުމަށް ތިލަވި ނަމަވެސް ބާނާ މަސްކޮޅު ފައިސާ އަށް ބަދަލުވާ ގޮތެއް ފަސް ސަރުކާރު ދިޔައިރު ވެސް ނުދެއްކުނެވެ. މަސްވެރި ކަމަށް އުފެއްދި ކުންފުނި މިފްކޯ ފެންނަނީ އާދަޔާ ހިލާފަށް ލަސް، ކޮރަޕްޝަންގެ ބޮޑު ހާޔެއްގެ ގޮތުގަ އެވެ. މަސް ގަންނަ ވަސީލަތްތައް ބާވެ، މަސް ކިރުވާ ބޯޓު ފަހަރު ދަބަރަށްވެ ފޫވެއްޓުނު އިރުވެސް އާ ކޮށެއް ނުލެވުނެވެ. މަސް ރައްކާ ކުރާނެ ކޮށާރުތައް ދަމިލަ ޖަހައި ދަބަރު ހިލުނުއިރުވެސް އަލެއް ނުވި އެވެ. މަސްވެރި މޫސުން ލައިގަތުމުން މަސް ގަތުމުގައި "ލިމިޓް އެޅުވުން ނޫން" ހައްލެއް ނުދެކުނެވެ.

އެކަމަކު އެނގޭ ކަމަކީ މި ޝަކުވާ ތަކަށް ވެސް ހައްލެއް އޮންނާނެ ކަމެވެ. މަސް ގަތުމުގައި ލިމިޓު އެޅުވުން ނޫން ކޮންމެވެސް ގޮތެއް އޮންނާނެ އެވެ. ބާނާ މަސްކޮޅު އެއްކޮށް ކިރުވަން ފަށައިފިނަމަ ލިބޭނެ މޮޅެއް ވެސް އޮންނާނެ އެވެ. އެކަމަކު އެގޮތަކީ ކޮބައި ހެއްޔެވެ؟ އެކަން ނުވަނީ ކީއް ވެގެން ހެއްޔެވެ؟ މަސް ގަތުން ލިމިޓް ކުރީމަ ވަނީ ކިހިނެއް ހެއްޔެވެ؟ ލިމިޓް ދޫކޮށްލީމާ މަސްވެރިޔާގެ ޖީބަށް އަންނަ ތާޒާ ކަމަކީ ކޮބައި ހެއްޔެވެ؟

ރަނގަޅު މަސްވެރިކަން؛ ހަތަރު މަހު

ޓޫރިޒަމަށް އަހަރުގެ ފަހުކޮޅު މައި ސީޒަން އަންނަ ގޮތަށް މަސްވެރިކަމުގެ ސީޒަން ލައްވާ ލަނީ އަހަރު ކުރީކޮޅަށެވެ. މި އަހަރު ކުރީކޮޅު އެ ލައްވާލީ އެ މަސްވެރިކަމެވެ. މަސް އައިންތައް ރާއްޖެ ސަރަހައްދަށް ލައްވެ، ތިލަވަނީ އަހަރުގެ ކުރީ ކޮޅު އެވެ. އެންމެ އިހުޒަމާނުގައި ވެސް ހައްސަ ބާނައިގެން އަންނަނީ އެ ދުވަސްވަރުވެ. މައްސަލަ ގޯސްވެ މަސް ނުކިރިގެން މަސް ކޮޅު ހއ. އަތޮޅު އޮފީހަށް އުކާލި ނާތަހުޒީބު މަންޒަރު ފެނުނީ ވެސް މި ދުވަސްވަރު އެވެ. މަސްވެރިން އިހުތިޖާޖުގެ މައި ސީޒަނަކީ ވެސް އެއީ އެވެ.

މިފްކޯގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ތިލަވި މަސް އައިންތައް މުޅިން އަދި ވެސް އޮބާ ނުދެ އެވެ. ނިމިދިޔަ ހަފުތާގައި މިފްކޯ އިން މަސް ކިރުމުގެ ލިމިޓް އެއްކޮށް ދޫކޮށްލުމާ ހަމައަށް ދުވާލަކު 300 އާއި 500 މެޓްރިކް ޓަނުގެ މަސް ގަންނަމުން ދޔަ އެވެ. މިއީ ފައިސާގެ ގޮތުން ބަލާނަމަ ދުވާލަކު އަށް މިލިއަނެއްހާ ރުފިޔާގެ މަހެވެ. ނަމަވެސް މަސްވެރިކަން ހުރި ގޮތުން މިފްކޯގެ ކެޕޭސިޓީއާ ނުބައްދަލު އަދަދަކަށް މަސް ގަންނަން ޖެހުމާއެކު ފެކްޓްރީތައް ކޮށިއަރާ އެއްކޮށް ހުއްޓިގެން ދެ އެވެ

މިހެން ދިމާވާ ސަބަބަކީ ސަރުކާރުގެ މަސް ކުންފުނީގައި ރަނގަޅު ކެޕޭސިޓީއެއް ނެތުމެވެ. ހަގީގަތަކީ މިހާރު މަސްވެރި އޮޑި ފަހަރު ތަރައްގީވެފައިވާ ވަރާ ގާތަށް ވެސް ސަރުކާރު ދަތުރު ކުރަމުންނެއް ނުދެ އެވެ. މިހާތަނަށް މިފްކޯ އޮތީ އެއިރެއްގައި އޮންނަ ސަރުކާރަކުގެ ވެރިންނާއި އެ ކުންފުނީގެ މެނޭޖުމަންޓުގެ ވެރިންގެ އަމިއްލަ ޖީބަށް "ހިޔާނާތު ފައިސާ އަޅައިދޭ" ތަނެއްގެ ގޮތުގަ އެވެ.

ކުންފުނި ސަސްޓޭނަބަލްކޮށް ވިޔަފާރި މޮޑެލްއެއްގެ ގޮތުގައި ހިންގަން ސްޓްރެޓެޖިކް ޕްލޭނެއް -- ގައުމީ ތަރައްގީގެ އޮނިގަނޑެއް -- ހެދިފައެއް ނެތެވެ. ކޮންމެ ސަރުކާރެއް އަންނަ ގޮތަށް ހިތަށް އެރިކަމެއް ކުރަނީ އެވެ. މިހެން ކުރަން ކުރަން ތިއްބައި ކުންފުނި ދަބަރަށްވެ ބާވެ ހަފުސް ވަނީ އެވެ. ސަރުކާރުގެ މަސް ކުންފުނީގައި ތިން "ފެކްޓްރީއެއް" ރަށްތަކެއްގައި ހިންގަ އެވެ. އެއީ ކޫއްޑޫ އާއި ފެލިވަރު ކަމެއް ނުކޮށް އޮންނަ ކަނޑުއޮތް ގިރި އަދި އިތުރުން އައްޑޫ ފެކްޓްރީ އެވެ.

ދާދި ފަހުން ހެސްކިޔާފަ މަސް ބޭނި އިރު ދެކުނުގެ މިފްކޯގެ ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 288 ޓަނެވެ. އަދި މި ފެކްޓްރީގެ ކޯލްޑް ސްޓޯރުގެ ކެޕޭސިޓީއަކީ 2،000 ޓަނު މަސް ގަތުމުގެ ގާބިލް ކަމެވެ. އަދި އައްޑޫ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއަކީ 1،500 ޓަނު ގަތުމުގެ ގާބިލް ކަމެވެ. މި ސަރަހައްދުގެ ފްރީޒިން ކެޕޭސިޓީގެ ގޮތުގައި ދުވާލަކު 50 ޓަނު ގަތުމުގެ ގާބިލްކަން އެބަހުއްޓެވެ. ދެން އޮތީ ދަޅުގައި މަސް ބަންދުކުރާ ފެލިވަރެވެ. ފެލިވަރު ކޯލްޑް ސްޓޯރު ކެޕޭސިޓީއަކީ 750 ޓަނެވެ. މިއީ މުޅި މިފްކޯގައި މަސް އައިސްކޮށް ބެހެއްޓުމާއި ގަނޑުކޮށް ރައްކާ ކުރުމުގެ ކެޕޭސިޓީ ހުރި ވަރެވެ. ދެން މިފްކޯގެ މަސް ގަންނަ ބޯޓު ފަހަރެވެ. މިފްކޯގައި މަސް ގަންނަ އަދި މަސް ރައްކާ ކުރެވޭ އޮންނަނީ ޖުމްލަ 12 ބޯޓެވެ. މަސް އުފުލާ އާރްއެސްޑަބްލިއު ހަރު ކޮށްފައިވާ ތިން ބޯޓު އޮވެ އެވެ. މީގެ ބޯޓަކަށް އެވްރެޖުކޮށް ސްޓޯ ކުރެވެނީ 34 ޓަނުގެ މަހެވެ. އަދި ދާދިފަހުން މަސް އެކްސްޕޯޓް ކުރަން މިފްކޯއިން ގަތް "ޖަޒީރާ 102" ބޯޓު ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 100 ޓަނު އަދި އެ ކުންފުނީގެ "މަހާކަލަމިންޖާ" ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 50 ޓަނު މަސް ގަތުމުގެ ގާބިލް ކަމަކެވެ. މިއީ މުޅި މިފްކޯގައި ހުރި ފުލް ކެޕޭސިޓީ އެވެ.

މި ހިސާބުތަކުން ދައްކާ ގޮތުން މުޅި މިފްކޯގެ ބޯޓުތަކާއެކު ފްރީޒިން ކެޕޭސިޓީއަކީ 500 އެއްހާ ޓަނެވެ. އަދި ކޯލްޑް ސްޓޯރޭޖުގައި 4،000 މެޓްރިކް ޓަނު އެބަހުއްޓެވެ.

މިފްކޯ ކާރުހާނާ ތަކުގެ ކެޕޭސިޓީ
މިފްކޯގެ ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 288 ޓަނެވެ. އަދި މި ފެކްޓްރީގެ ކޯލްޑް ސްޓޯރުގެ ކެޕޭސިޓީއަކީ 2،000 ޓަނު މަސް ގަތުމުގެ ގާބިލް ކަމެވެ. އަދި އައްޑޫ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއަކީ 1،500 ޓަނު ގަތުމުގެ ގާބިލް ކަމެވެ. މި ސަރަހައްދުގެ ފްރީޒިން ކެޕޭސިޓީގެ ގޮތުގައި ދުވާލަކު 50 ޓަނު ގަތުމުގެ ގާބިލްކަން އެބަހުއްޓެވެ. ދެން އޮތީ ދަޅުގައި މަސް ބަންދުކުރާ ފެލިވަރެވެ. ފެލިވަރު ކޯލްޑް ސްޓޯރު ކެޕޭސިޓީއަކީ 750 ޓަނެވެ. މިއީ، މުޅި މިފްކޯގައި މަސް އައިސްކޮށް ބެހެއްޓުމާއި ގަނޑުކޮށް ރައްކާ ކުރުމުގެ ކެޕޭސިޓީ ހުރި ވަރެވެ.

ދެން އޮތީ މަސްވެރިންނެވެ. މަސްވެރިންގެ މަސް ބޭނުމުގެ ކެޕޭސިޓީ އެވެ. ރާއްޖޭގެ ކަނޑުމަހުގައި ހަރަކާތްތެރިވާ އޮޑި ފަހަރުގެ އަދަދު 600 އަށް ވުރެ ގިނަ ވާނެ ކަމަށް ބެލެވެ އެވެ. މީގެތެރެއިން މިފްކޯއަށް ދުވާލަކު 60 އާއި 100 ދޯނި މަސް ކިރަ އެވެ. ރާއްޖޭގެ މަސް އޮޑިފަހަރު ތަރައްގީވެ ސައިޒު ބޮޑު ވެގެން ދިޔަވަރުން މިފްކޯގެ އެންމެ ބޯޓެއްގެ މަސް މިހާރު މީގެ ދޯންޏަކުން ބާނަ އެވެ. މިހާރު ދޯންޏެއްގެ އެވްރެޖު ސައިޒަކީ 85 ފޫޓާއި 120 ފޫޓެވެ. ދޯންޏަކަށް ފަސޭހަ ކަމާއެކު 12 އާއި 60 ޓަނު މަސް އަޅާލެވެ އެވެ. މިފްކޯއަށް މަސް ކިރަން އެކަނި ވަތުގައި އައިސް އުފައްދާ އާރްއެސް ޑަބްލިއު ހަރުކުރި 24 ދޯނި ހަރަކާތްތެރިވެ އެވެ. މީގެ ދޯންޏެއްގައި އެވްރެޖުކޮށް 22 އާއި 35 ފަޅުވެރިން މަސައްކަތް ކުރެ އެވެ. މަސްވެރިންގެ ކެޕޭސިޓީ މިވަރުގައި ހުރިއިރު މި އަހަރު ދާދިފަހުން ގިނައިން މަސް ބޭނި ދުވަސްވަރު ދުވާލަކު 400 އާއި 500 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރުވި އެވެ. މިއީ މިފްކޯގެ ފެސިލީޓީތައް ކޮށިއަރައިގެންދާ ވަރުގެ އަދަދެކެވެ.

މިވަރުގެ މަސްވެރިކަމެއް އަންނަ ކޮންމެ ފަހަރަކު މަސް ނުކިރުމުގެ މައްސަލަ ދިމާވަނީ މިހެންވެ އެވެ. ކަނޑުމަސް އެކްސްޕޯޓް ކުރާނަމަ މަހުގެ މައިބަދަ ވަކި ޓެމްޕަރޭޗާއެއްގައި ބަހައްޓަން ޖެހެ އެވެ. މިވަރަށް މަސް ބަހަށްޓަން ބޭނުންވާ މަސް ފިނިކޮށާރު ނުވަތަ ބްރޭންގެ ކެޕޭސިޓީއެއް މިފްކޯގައެއް ނެތެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ރައްޔިތުން މަޖިލީހުގައި ވިދާޅުވި ގޮތުގައި މަސް ފިނިކޮށްފައި ބަހައްޓާ ބްރޭން ކެޕޭސިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި މި ކެޕޭސިޓީ މައްޗަށް ޖެއްސުމުން މިހާރު ދިމާވާ މައްސަލަ ހައްލުވާނެ އެވެ. ނަމަވެސް އެއީ ގަބޫލު ކުރަން ވަރަށް ދަތި ވާހަކަ އެވެ. މަސްވެރިން މިހާރު ތަރައްގީ ވަމުން އަންނަ ގޮތަށް ބަލާއިރު ހުވަދު އަތޮޅުގައި އެކަނި 85 ފޫޓަށްވުރެ ބޮޑު 24 ދޯންޏެއް ބަންނަމުން އެބަދެ އެވެ. އެ ދޯނި ފަހަރު ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފެނަށް ބާލާނެ އެވެ. މި ހިސާބުން މިހާރު ބްރޭންއަށް އިތުރު ކުރާ ކެޕޭސިޓީ ވެގެންދާނީ ބޭކާރު ކަމަކަށެވެ. އެހެންވެ މި ނޫން އިތުރު އިންވެސްޓްމަންޓްތައް މިފްކޯއަށް ގެންނަން ޖެހޭ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.

މި އިންވެސްޓްމަންޓް ނުގެންނަމަ މަސްވެރިންނަށް ދޭން ބުނި "ހަމަ އަގު" ދުވަހަކު ވެސް ނުދެވޭނެ އެވެ. އެހެން ނޫން ނަމަ ކޮންމެ ފަހަރު މަސް ގަންނަ އަދަދު ޖެހޭނީ ލިމިޓް ކުރާށެވެ. މަސްވެރިކަން އެންމެ ރަނގަޅު ވަގުތުގައި މަސް ގަންނަ އަދަދު ލިމިޓް ކުރުމުން ވަނީ ކިހިނެއް ހެއްޔެވެ؟ މަސް ގަންނަ އަދަދު ލިމިޓް ނުކުރާނަމަ މަސްވެރިންގެ އާމްދަނީ ކިހާ މައްޗަކަށް ޖެހޭނެ ހެއްޔެވެ؟

ލިމިޓް ނުކުރުން - ވެދާނެ ކަމެއްތަ؟

މި ފަހުން އައި މަސްވެރިކަމުގައި މިފްކޯއިން ދެ ފަހަރެއްގެ މަތިން މަސް ގަތުމުގެ ލިމިޓެއް އެޅުވި އެވެ. ފުރަތަމަ އެޅުވީ ފަސް ޓަނުގެ ލިމިޓެކެވެ. ނަމަވެސް މަސްވެރިން އިހުތިޖާޖު ކުރަން ފެށުމުން ދުވާލަކު ދޯންޏަކުން ހަތް ޓަނު މަސް ގަންނަން ފެށި އެވެ. ދުވާލަކު ހަތް ޓަނުގެ މަސް ގަންނަނަމަ މަސްވެރިންނަށް ކިހާވަރެއްގެ އާމްދަނީއެއް ލިބޭނެ ހެއްޔެވެ؟ ހަފުތާއެއްގެ މައްޗަށް ފަސް ދުވަހު މަސް ކިރުވި ނަމަވެސް މިވަރުން ޖުމުލަ 35 ޓަނުގެ މަސް ކިރުވޭނެ އެވެ. މިވަރަށް ކިރުވޭނަމަ 17ރ. މަސް ކިލޯއެއް ގަތް ނަމަވެސް ފަސް ދުވަހުން ދޯންޏަކަށް އާމްދަނީގެ ގޮތުގައި 595،000ރ. ލިބޭނެ އެވެ. މީގެ ތެރެއިން ކެއުމާއި ތެލަށް އަދި އެހެނިހެން ހަރަދުތަކަށް 27،000ރ. ބެލި ނަމަވެސް ފަސް ދުވަހުން މަސްވެރިއެއްގެ ޖީބަށް އެންމެ ކުޑަކޮށް 15،000ރ. ވަރު ލިބޭނެ އެވެ. މިއީ ފަސް ދުވަހުގެ އާމްދަނީ އެވެ. މި އަދަދަކީ ވެސް އާއްމު ސިވިލް ސާވިސް އަދި ޕްރައިވެޓް ސެކްޓާގެ މަސް ދުވަހުގެ "ސެލެރީ" އެވެ.

ދެން އޮތީ މަސްވެރިން ބާނާ ހުރިހާ މަހެއް ކިރައިފިނަމަ ވާނެ ގޮތެވެ. އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ މަސްވެރި ސީޒަންގައި އެންމެ ރަނގަޅު ދުވަސްވަރު ގިނައިން 20 ޓަނާއި 50 ޓަނުގެ މަސް ދޯންޏަކުން ބާނަ އެވެ. މިވަރުން ބަލާނަމަ ގާތްގަނޑަކަށް 22-35 ފަޅުވެރިން ތިބި ދޯންޏަކަށް ދުވާލެއްގެ މައްޗަށް ހުރިހާ މަހެއް ކިރުވިއްޖެނަމަ 850،000ރ. ލިބޭނެ އެވެ. އޭރުން ކޮންމެ ދުވަހަކު ދުވާލަކު މަސްވެރިއެއްގެ ޖީބަށް 20،000ރ. އަށްވުރެ ބޮޑު އާމްދަނީއެއް ވަންނާނެ އެވެ މިއީ މަސް ދުވަހަށް ބަލާނަމަ މަސްވެރިއަކަށް ފަސް ލައްކަ ރުފިޔާގެ އާމްދަނީއެކެވެ. މަސްކޮޅު އެއްކޮށް ކިރުވިއްޖެނަމަ ވާނީ މިހެނެވެ.

މަސްވެރިން އެދެމުން އާދޭސް ކުރަމުން އެދަނީ އެކަން ކޮށްދިނުމަށެވެ. މަސް ދުވަހުގެ އާމްދަނީ ފަސް ލައްކަ ރުފިޔާއަށް އަރައިފިނަމަ މަސްވެރިން ވެގެންދާނީ އެންމެ މުއްސަނދިންނަށެވެ. އޭރުން މިހާރު މި ފެންނަ "ޒުވާން މަސްވެރިޔާ" ފަދަ އެތައް ޒުވާނުންނެއް މި މަސައްކަތް ކުރަން ނުކުންނާނެ އެވެ. އޭރުން އަހަރަކު ހަތަރު މަހު މަސްވެރިކަން ކޮށްފައި ބާކީ އޮތް ދުވަސްތަކުގައި ކުޑަ އިންޝުއަރެންސެއްގެ "ބެޔަސް ނުބެޔަސް 10،000" ވިޔަސް ދިނުމުން މަސްވެރިން ތިބޭނީ "ހެޕީ" ކޮށެވެ. އޭރުން "ހަމައަގު" ހޯދަން ޝަކުވާއެއް "ބެޔަސް ނުބެޔަސް" ނުލިބިގެން މުޒާހަރާއެއް ވެސް ނުކުރާނެ އެވެ.