މިފްކޯއިން ރާއްޖެ ގެނެސްފައިވާ މަސް ފިނިކޮށް އެކްސްޕޯޓްކުރެވޭ ބޯޓުގެ ސަބަބުން، މަސްވެރިންގެ އަތުން މަސް ގަންނަ އަގު މަތިކޮށް މަސްވެރިންނަށް ފައިދާކުރާނެ ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތިމަރަފުށީގެ މަސްވެރިންނާއި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ މަސްވެރިކަން ތަރައްގީކޮށް މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިފްކޯ ތަރައްގީ ކުރުމަށް ބޮޑު އިންވެސްޓްމަންޓެއް ފަށާފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ އިންވެސްޓްމަންޓްގެ ސަބަބުން މަހުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މިފްކޯއިން ގެނެސްފައިވާ އެކުންފުނީގެ އަމިއްލަ ބޯޓުގައި މަސް ފިނިކޮށް ބޭރަށް އެކްސްޕޯޓް ކުރަން ފެށުމާ އެކު މިފްކޯއަށް ލުއިތަކެއް ލިބި، މަސްވެރިންގެ އަތުން މިފްކޯ އަށް ގަންނަ މަހުގެ އަގު ބޮޑުވެގެންދާނެ ކަމަށެވެ. އެ ބަދަލު ގެނައުމަށް ހިސާބުތައް ހައްދަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ރަށްރަށުގެ ތަރައްގީއަށް ކުރެވެމުންދާ ކަންކަމާއި ކުރިއަށް ރާވަފައިވާ މަޝްރޫއުތައް ހުރި ކަން ފާހަގަކުރައްވާ ވިދާޅުވީ ފާއިތުވި ދޮޅު އަހަރު ދުވަހަކީ ކޮވިޑްގެ ސަބަބުން ބައެއް މަސައްކަތްތައް މަޑުޖައްސާލަން ޖެހުނު ދުވަސްތަކެއް ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެގެން ދިޔަ ކަމަށާއި، އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމުގައިވެސް ވިދާޅުވި އެވެ.
"ވިޔަފާރިތަކަށް އެހީތެރިވުމަށް ލުއި ލޯނާއި އެ ނޫންވެސް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނިން. ނަމަވެސް އެއީ ވިޔަފާރިތަކަށް އެންމެ ބޭނުންވާ އެހީތެރިކަމަށް ނުވި ނަމަވެސް ގިނަ ދަތިތަކެއް ހައްލުވި." ރައީސް ސޯލިހް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކޮވިޑްގެ ބަލި ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު އިގްތިސާދަށް ވެސް މިހާރު ކުރަން ފަށާފައިވާ ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
ބޭރަށް މަސް އެކްސްޕޯޓް ކުރެވޭ މިންވަރު އިތުރުކުރުމަށް މިފްކޯއިން 2500 ޓަނުގެ މަސް ފިނިކޮށް ރައްކާ ކުރެވޭ ބޯޓެއް ރާއްޖެ ވަނީ ގެނެސްފަ އެވެ. ތައިލެންޑްގެ ކުންފުންޏަކުން އޮޕަރޭޓް ކުރަމުން ދިޔަ، ދިގު މިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރުގެ ހުރި މި ބޯޓު މާލެ ގެނެސްފައި ވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.
ބޯޓަށް ދީފައިވާ ނަމަކީ "ޖަޒީރާ ރީފާ" އެވެ. މި ބޯޓު ގަތުމަށް ގާތްގަނޑަކަށް 27.8 މިލިއަން ރުފިޔާ މިފްކޯ އިން ވަނީ ހޭދަކޮށްފަ އެވެ.