މަސްވެރިން

ކަނޑުމަސް ލިބުން ދަތިވެ އަގުތައް އުފުލެނީ

ވެރިރަށް މާލޭގައި ކަނޑުމަހުގެ ބާވަތްތައް ލިބުން ދަތިވެ، އަގު އުފުލެން ފަށައިފި އެވެ.

މާލޭގައި މަސް ވިއްކާ ގިނަ ފިހާރަތަކުން ކަޅުބިލަމަހާއި، ހިއްކި މަހާއި، ދަޅުމަހުގެ ސްޓޮކް ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ކަނޑުމަހުގެ ބާވަތްތައް ގަތުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

މަސްމާރުކޭޓުގައި މިއަދު ކަޅުބިލަ މަސް ކިލޯއެއް ވިއްކަން ހުރީ 35 ރުފިޔާ އާއި 40 ރުފިޔާ އާއި ދެމެދުގެ އަގެއްގަ އެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަހުގެ އަގު ހުރީ 25 ރުފިޔާ އަށެވެ. ލޯކަލް މާރުކޭޓު ގޮޅިތަކުގައި މަހުގެ ބާވަތްތައް ވަރަށް ތަދެވެ. ހިކިމަސް، ވަޅޯމަސް ފަދަ ބާވަތްތައް ރަށްރަށުންވެސް ނުލިބޭ ކަމަށް ގޮޅިތައް ހިންގާ މީހުން މައުލޫމާތުދެ އެވެ. ރިހާކުރުވެސް ލިބެން ހުރީ ވަރަށް މަދު ގޮޅިތަކުންނެވެ.

"ހަގީގަތުގައިވެސް މަސް ލިބުން ދަތި. މަސް ލިބޭނަމަ އަގުހެޔޮކޮށް ވިއްކޭނީވެސް،" ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

މާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ކަނޑުމަސް ގަންނަން ލިބެނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މަސް ގަންނަ އަގަށްވުރެ ބޮޑުކޮށެވެ.

މަސްވެރިކަން ދަށްވެ، ކަޅުބިލަމަހުގެ ތާށިކަމެއް އައުމާ ގުޅިގެން މަހުން އުފައްދާ އުފެއްދުންތައް ލިބުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ މިކަމުގެ ސަބަބުން ކަނޑުމަހުގެ އުފެއްދުންތަކަށް ބަރޯސާވާ ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މިފްކޯ އިން އެ ކުންފުނީގެ މަސް ފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް މި ދުވަސްވަރު މަދުވެފައިވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދު ވެސް މި ދުވަސްވަރު ދަށްވުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް ދަޅު މަހުގެ އެއްވެސް ލިމިޓެއް ނެތް ކަމަށް ބުންޏެވެ.

މަހުގެ ބާވަތްތަކުގެ އަގު އުފުލުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިތުރުވެ، ކާބޯތަކެތީގެ އަގުތަކަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަަމަށް ތަޖުރިބާކާރުން ދެކެ އެވެ.