މަސްވެރިން

މާކެޔޮޅުކަން ބިދޭސީންނަށް

ރާ އްޖެއަށް ފަތުރުވެރިކަން ތައާރަފުވެ ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމަށް ފުރޮޅާލުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު ބަރޯސާވެފައި އޮތީ މަސްވެރި ކަމަށެވެ. އެއީ ދިވެހިންގެ ކާބަފައިންގެ ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އައި މަސައްކަތެކެވެ. ދިވެހިންގެ ފަހުރުވެރި މަސައްކަތެކެވެ.

މަސްވެރިކަން ދިވެހިން ޒަމާނުންސުރެ ސިފަކުރަމުން އައީ ދިވެހިންގެ "ލޭ ނާރު"ގެ ގޮތުގަ އެވެ. އެ ސިފަކުރުމުން އޭރު ދޭހަވީ ދިވެހިންނަށް މަސްވެރިކަން މުހިންމުވާ މިންވަރެވެ. ރާއްޖޭގެ ކުދިކުދި ރަށްތައް ވަށައިގެންވާ މާސިންގާ ކަނޑުން ދިވެހިން މަސްވެރިކަން ކުރާތާ ޒަމާންތަކެއް ފާއިތުވެ ހިނގައްޖެ އެވެ.

އެކަމަކު ދިވެހިންގެ އަމިއްލަވަންތަ ދިވެހިންގެ ފަހުރެއް ގޮތުގައި އޮތް މަސްވެރިކަން ދިވެހިންގެ އަތުން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުވެރި ރަނގަބީލުގެ އަޑު މިއަދު މިވަނީ ގަދަވެފަ އެވެ. މަސް ދޯނިތަކުން ބިދޭސީން ފެންނަން ފެށިތާ ކިތަންމެ ދުވަހެކެވެ. މިހާރު މިއޮތީ އެ ފުރުސަތު އިތުރަށް ފުޅާކޮށްލާފަ އެވެ.

"ގަވާއިދާ ހިލާފަށް މީގެ ކުރިންވެސް މަސްދޯނިތަކުގައި ބިދޭސީން އުޅޭ. މިހާރު ރަސްމީކޮށް ސިއްކަ ޖަހާފައި ހުއްދަ މިވަނީ ދީފައި. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް" ދެކުނުގެ މަސްވެރިޔަކު އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ބުންޏެވެ.

އެ މަސްވެރިޔާ އިޝާރާތްކުރީ މަސްވެރި އުޅަނދުތަކުގައި ބިދޭސީންނަށް އުޅެވޭ އަދަދު އިތުރުކުރެވޭ ގޮތަށް ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދަށް ސަރުކާރުން ގެނައި އިސްލާހަށެވެ.

ހަގީގަތަކީ މަސް ދޯނިތަކަށް އަރާނެ ދިވެހި ޒުވާނުންގެ އަދަދު މިއަދު މަދުވެފައިވާ ކަމެވެ. މަސް ދޯނިތަކުގެ ވެރިންނާއި ކެޔޮޅުންނަށް މަޖުބޫރުވީ މަސް ދޯނިތަކުގެ ހިންގުން ހުއްޓުމެއް ނެތި ކުރުމެވެ. ނަތީޖާއަކީ ބިދޭސީން ދޮށީގައި ހިފުމެވެ.

މާލޭގެ މަސް މާރުކޭޓާއި ދިމާލު ފަޅުތެރޭގައި އަޅާފައިހުރި މަސް ދޯނިތަކުގައި މިއަދު ބަސް ހިނގަނީ ވެސް ބިދޭސީންގެ އެވެ.

"މިހާރުވެސް މާލެ ތެރެ އާއި ފިހާރަތަކަށް އަދި ކައިރި ރަށްރަަށަށް މަސް ސަޕްލައި ކުރުމުގައި ބިދޭސީން އުޅޭ. މި ރޭޓުގައި ކަންކަން ހިނގާނަމަ ދެން ފެންނާނީ މަސްދޯނީގެ މާކެޔޮޅަކަށް ބިދޭސީއަކު ހުއްޓަ." މާލޭގެ މަސް މާރުކޭޓުގައި މަސް ވިއްކާ މީހަކު ބުންޏެވެ.

މީގެ ކުރިން ގަވާއިދުގައި އޮތީ އެ ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ އެއްވެސް މަސްވެރި އުޅަނދެއްގައި ސީދާ ގޮތެއްގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުން މަނާކޮށްފަ އެވެ.

ގަވާއިދަށް ގެނައި އިސްލާހާއެކު

  • 15 މީޓަރަށްވުރެ ކުދި އުޅަނދުތަކުގައި ގިނަވެގެން ހަތަރު ބިދޭސީން
  • 15 މީޓަރާއި 24 މީޓަރާ ދެމެދުގެ އުޅަނދުތަކުގައި ގިނަވެގެން ހަ ބިދޭސީން
  • 24 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައި ގިނަވެގެން އަށް ބިދޭސީން

ގަވާއިދުގައި ކުރިން އޮތް ގޮތުން ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ އެއްވެސް މަސްވެރި އުޅަނދެއްގައި ސީދާ ގޮތެއްގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާ ކަމެކެވެ. ނަމަވެސް ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުތަކުގެ ތެރެއިން ގަވާއިދުގައި ހިމެނޭ އުޅަނދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތައް ކުރުމަށްޓަކައި އުޅަނދެއްގައި ގިނަވެގެން ދެ ބިދޭސީންނަށް ވަޒީފާގައި ހަރަކާތްތެރިވެވިދާނެ ގޮތަށް އޮތީ އެވެ.

"މިހާރުވެސް ބިދޭސީން މިތަނަށް ގަދަ. ތި ގަވާއިދު އޮތް ތަނުގައި ބާއްވާ. ދެން ތި އަދަދަށްވުރެ ދެގުނަ ތިން ގުނަ އިތުރަށް ބިދޭސީން އުޅޭނެ ދޯނިތަކުގައި. އެކަން ސަރުކާރަށް ނުވެސް ބެލެހެއްޓޭނެ. ފިޔަވަޅެއްވެސް ނޭޅޭނެ" ސަރުކާރުން ގެނައި ބަދަލު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އާންމުންގެ މީހަކު ޝުއޫރު ފާޅުކުރި އެވެ.

ދިވެހި ޒުވާނުންގެ ތެރޭގައި ވަޒީފާއެއް ނުލިބިފައި ތިބި ޒުވާނުން މަދެއް ނޫނެވެ. ނަމަވެސް މަސްވެރިކަމަށް ނިކުންނަނީ ވަރަށް މަދު ޒުވާނުންނެވެ. ސަރުކާރުގެ ގަވާއިދަކީ މަސްވެރިކަމަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް އޮތް ހުރަހަކަށްވެ އެ މަގާމު ދެން ލިބުމުގެ ފުރުސަތު ބޮޑީ ބިދޭސީންނަށެވެ. އެހެންކަމުން ދިވެހިންގެ ދޯނިތަކުގައި މާކެޔޮޅުކަން ބިދޭސީންނަށް ލިބުންވެސް ދުރެއް ނޫނެވެ. ދިވެހިންގެ ލޭ ނާރުގެ ލަަގަން މިއޮތީ ބިދޭސީންނަށް ހަދިޔާކޮށްފަ އެވެ.