ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މި ފަހަރު ވެސް އިގްތިސޯދު ހިއްލާލީ މަސްވެރިކަން!

ޓޫރިޒަމް ހުއްޓުމުން ގިނަ ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ. ރަށުތެރޭގައި ހަލުވިކޮށް ދުވެލަ ދުވެލަ އޮތް، އިގްތިސޯދީ ދުވެލި ބުރަކި ޖެހި މަޑުވެއްޖެ އެވެ. އެހެންވެ، ގިނަ ބަޔަކު ތިބީ ހަދާނެ ގޮތް ނޭނގި ގޮތް ހުސްވެ، ބިރު ހީވެފަ އެވެ. އެކަމަކު ކޮވިޑް-19 އިގެ ބަލާއާފާތުގެ ތެރޭގައި ވެސް ހިތްވަރު ދޫނުދީ ތިބީ ދިވެހި މަސްވެރިންނެވެ. ޑޮކްޓަރުން ބަލި މީހުން ބަލަން ހޮސްޕިޓަލުގައި ތިބިއިރު، ވެއްޓިފައިވާ ރާއްޖޭގެ އިގްތިސޯދުގައި ބުރަކަށި ޖައްސައިގެން މިއަދާ ހަމަ އަށް ވެސް އެ ތިބީ ދިވެހި މަސްވެރިންނެވެ، މިހާލަތުގައި އިގްތިސޯދަށް ކިރިޔާ ވެސް ނޭވާއެއް ލެވެނީ މިހާރު މަސްވެރިކަން އޮތުމުންނެވެ. މަސްވެރިންގެ މި ހިތްވަރުވީ ގިނަ ރަށްރަށެއްގެ "ދިރުން" ހިފަހައްޓަން މުހިންމު ބާރަކަށެވެ. މިހާލަތުގައި ރާއްޖެ އަށް އެންމެ އެހީވި ހަރަކާތަކަށް ވެފައިވަނީ ހުރިހާ ސަރުކާރަކުން "އެއްލާފައި އޮންނަ" އެއްކަލަ މަސްވެރިކަމެވެ. މަސްވެރިންނެވެ.

"ސުނާމީ [2004] ގައި ޓޫރިޒަމް ހުއްޓި ރާއްޖޭގެ އިގްތިސޯދު މަޑުޖެހުނު، އެ ފަހަރު ވެސް ރާއްޖެ ބަނޑަށް ނުޖެހި ސަލާމަތްވީ މަސްވެރިކަމުގެ ސަބަބުން. ކޮވިޑް-19 އިގެ ހާލަތުގައިވެސް ރާއްޖޭގެ ރަށްތަށުގެ ގިނަ ބަޔަކު ހާލުގަ ނުޖެހި ސަލާމަތްވަނީ މަސްވެރިކަމުގެ ސަބަބުން. މަސްވެރިންގެ މަސައްކަތުން،" މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާތާ 38 އަހަރުވެފައިވާ، ހޮރައިޒަން ފިޝަރީޒްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދުނާން އަލީ ވިދާޅުވި އެވެ.

ރިސޯޓުން ކަނޑާލި ގިނަ ބަޔަކު ދޯންޏަށް

ރާއްޖޭގެ ރަންބިސް އަޅާ ކުކުޅުގެ ގޮތުގައި އަބަދު ބަލާ ޓޫރިޒަމް ސިނާއަތް ހުއްޓުމުން 150 ރިސޯޓުގެ ތެރެއިން ބޮޑުބައި ބަންދު ކުރި އެވެ. އަދި ގިނަ ބަޔަކު މުސާރަ ނުލިބޭ ގޮތަށް ރަށަށް ފޮނުވާލި އެވެ. މިގޮތަށް ރަށަށް ދިޔަ ގިނަ ބަޔަކު ގޮސް އެރީ މަސް އޮޑި ފަހަރަށެވެ. ރަށްރަށުގެ ފަޅުގެ ފައްތިޔާތަކުގައި ފަޅުވެރިން ހަމަ ނުވެގެން ނުފުރު އޮތް އޮޑި ފަހަރަށެވެ. އެހެންވެ ޒުވާނުންނާއެކު ލިބުނު ފޯރީގައި މި އޮޑި ފަހަރުގެ ފައްތިޔާތައް މޮހެލައި މަސް ކަނޑަށް ނުކުމެއްވެ އެވެ. މިހެންވީ ކޮވިޑް-19 ގެ ހާލަތަށް އައިއިރު، މަސްވެރި ކުންފުނި ތަކުން ވެސް ތައްޔާރީ ހާލަތުގައި ތިބުމުންނެވެ. ބައެއް ފަހަރު މަސްވެރިންނަށް ފައިސާ ދިނުން ލަސްވިނަމަވެސް މަސްވެރިންނަށް ދޭ ފައިސާ އަވަސް ކުރެވޭތޯ ކުންފުނިތަކުން މި ހާލަތުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. މަސްރުކާރުގެ މަސް ކުންފުނި މިފްކޯ އިން އެކަނި 80 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައިވެ އެވެ. ރިސޯޓު ތަކުން މުވައްޒަފުން މުސާރަ ނުދީ ގެއަށް ފޮނުވާލިނަމަވެސް އެއްވެސް މަސްވެރި ކުންފުންޏަކުން މީހުން ވަޒީފާ އިން ވަކިކޮށް "ބާކީކޮށްފަ" އެއް ނުވެ އެވެ.

ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން، މަސްވެރިކަމުގެ ތަޖުރިބާކާރެއް ކަމަށްވާ، އަދުނާން ވިދާޅުވި ގޮތުގައި މަސްވެރިކަމުން، ލިބޭ އާމްދަނީ ދެ ބިލިއަން ރުފިޔާ އަށް އަރާ ކަމަށާ، އެހެންވެ މި މަސައްކަތުގެ "ވެލިއު" ސަރުކާރަށް ވެސް އެނގެން ވެއްޖެ ކަމަށެވެ.

"ދެ ބިލިއަން ރުފިޔާއަކީ މަސް ގަންނަ ކުންފުނިތަކުން ހަމައެކަނި މަސްވެރިންނަށް އަހަރު ލިބޭ ފައިސާގެ އަދަދު. އެހެން މަސްވެރިކަންކަމުން ލިބޭ ވަރު މުޅިއަކުން ސާފެއް ނޫން. މި ހުރީ ވެސް ދެނެގަންނަން ޖެހޭކަންކަން. ސަރުކާރު ބަޖެޓަށް މަސްވެރިކަމުން ވަންނަ އާމްދަނީ މަދުވެ ދާނެ. އެކަމަކު، އެތަށް ބައެއްގެ ޒަރޫނީ ބޭނުންތައް ފުއްދަމުން ގެންދަނީ މަސްވެރިކަމުން. އެހެންވެ މިއީ ފަރުވާ ކުޑަ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން މިއީ،" އަދުނާން ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މޫސުން ގޯސް ވެގެން ނޫނީ މަސްވެރިން މަހަށް ނުފުރަ ނުތިބެ އެވެ. ހާއްސަކޮށް ކަޅުބިލަ މަހުގެ މަސްވެރިން ހިތްވަރު ދޫނުކޮށް މަސައްކަތް ކުރިކަން ފާހަގަ ކުރަން ޖެހެ އެވެ. ނަމަވެސް އެއާޕޯޓް ބަންދު ކޮށްފައިވުމުން ބޮޑު ކަންނެލީގެ މަސްވެރިކަމަށް ކޮންމެ ވެސް ވަރެއްގެ ހުއްޓުމެއްއަ އެވެ. ކަސްޓަމަސްގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެކަނި ރޯ މަހުގެ ގޮތުގައި 50 މިލިއަން ރުފިޔާގެ މަސް ވަނީ އެކްސްޕޯޓް ކޮށްފަ އެވެ. މިފްކޯ އިން އެކަނި 80 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ.

ރީސޯޓެއްގެ ޝެފެއްގެ މުސާރަ ލިބޭ

އިގްތިސޯދު ބަލިވުމުގެ ސަބަބުން އާމްދަނި ދަށްވެފައިވާ ވަގުތެއްގައި ތެލުގެ އަގު ހެޔޮވުމަކީ މަސްވެރިންގެ ނަސީބެވެ. ދުނިޔޭގެ ބާޒާރަށް ލޮޅުން އަރައި ތެލުގެ ލަގަން އޯކެކް ގައުމުގެ ތަކުގެ އަތުން ގެންލުމުން ރާސްލާފަ ތެލުގެ އަގު ވެއްޓުނެވެ. އެ ވެއްޓުން ގޮތަށް އަދި ވެސް ހުރީ ދަށުގަ އެވެ. އެހެންވެ މިއީ މަސްވެރިންނަށް ލިބުނު އަގު ނުކުރެވޭ ނަސީބެކެވެ. މަހަަށް ފުރަން ތެލަށް ކުރަން ޖެހޭ ހަރަދު ކުޑަވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ ވަނީ ބޮޑުތަން މަތިވެފަ އެވެ.

މަރުކާރުގެ މަސް ކުންފުނި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގައި 15،000 މީހުން މަސައްކަތް ކުރާއިރު މި ދުވަސްވަރު ހާއްސަކޮށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށާ، އެހެންވެ ފުރުސަތު ދޫކޮށްލުން ބުއްދިވެރި ނޫން ކަމަށެވެ.

"އެވްރެޖު ގޮތެއްގައި އިންކަމް ވެސް ރަނގަޅު. އާއްމުކޮށް ތިން ޓަނު ބޭނި ނަމަވެސް ގާތްގަނޑަކަށް 80-90 ފޫޓުގެ ދޯންޏަކަށް މިއަދު އަރާ މަސްވެރިޔާ އަށް ވެސް މިހާރު އެބަލިބޭ 22 ވަރަކަށް ދުވަހުން، 30،000ރ. ގެ އާމްދަނީއެއް، އަދި 90-100 ފޫޓުގެ ދޯންޏެއްނަމަ 25،000ރ. ލިބޭ. އެހެންވެ މިއީ ޒުވާނުނަށް ލިބޭ ރަނުގެ ފުރުސަތެއް. އެއްގޮތަކަށްވެސް ދޫކޮށްލަން ހެޔޮވާރުގެ ކަމެއް ނޫން،" އިސްމާއިލް ވިދާޅުވި އެވެ.

މަސްވެރިކަމަށް އެހީވާން ޖެހޭ ވަގުތު

ރާއްޖޭގެ މަސްވެރިމަކީ ސަރުކާރުން އަޅާނުލާ އެއްލާފާފަ އޮންނަ ކަމެވެ. އެކަން އެނގެނީ މަސް ކުންފުނިތަކުގެ ފެކްޓްރީތަކުގެ ހާލަތު ބަލައިލީމަ އެވެ. މަސް ކުންފުނިތައް ހިންގުމުގެ "މިސް މެނޭޖުމަންޓް" ގެ ސަބަބުން މި ތަންތަން ވަނި ވީރާނާ ވެފަ އެވެ. އެހެންވެ ސަރުކާރުން ކުރަން ޖެހޭ ކަމަކީ މި ސިނާއަތަށް އެހީވުމެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅުގައިވެސް ތެލަކީ އަގެއް ނެތް އެއްޗެއްގެ ގޮތުގައި ވީނަމަވެސް، މަހުގެ އަގު ދަށެއް ނުވެ އެވެ. ހާއްސަކޮށް ދަޅު މަހުގެ އަގު ހުރީ އިންތިހާއަށް މަތީގަ އެވެ.

އެންސިސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް (އެންސިސް ވަސީމް) ވިދާޅުވި ގޮތުގައި ޔޫރަޕުގައި ދަޅު މަހުގެ ޑިމާންޑް މަތި ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ދަޅު މަހަކީ ގިނަ ދުވަސް ވަންދެން ރައްކާކޮށްފަ ބެހެެއްޓޭ އެއްޗަކަށްވުމާއެކު ހޯމް ކަރަންޓީ ފަދަ ހާލަތްތަކުގައި ދަޅުމަސް ބޭނުންކުރާ އަދަދު މަތިވުމެވެ.

ދަޅު މަހުގެ ޑިމާންޑް މަތިނަމަވެސް، ރާއްޖެ އަށް ބާނާ މަސް ބަންދު ކުރުމުގެ ކެޕޭސިޓީ ރާއްޖޭގައި ނެތެވެ. އެހެންވެ ފިނި ކުރި މަހުގެ ގޮތުގައި ޖެހެނީ ތައިލެންޑް ބާޒާރަށް ގެންދާށެވެ. ރާއްޖެއަށް ބާނާ މަހުގެ 70 ޕަސެންޓް ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހެ އެވެ. އެހެންވެ މި ވަގުތަކީ ހިތްވަރުކޮށްގެން ނަމަވެސް "ވެލިއު އެޑެޑް" ކުރުމުގެ ކެޕޭސިޓީ މަތި ކުރަން ޖެހޭ ވަގުތެވެ. ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ޖެހޭ ވަގުތެވެ. އެން ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައިދޭން "އެންން ކަނދުފަތި އަޅަން ޖެހޭ ވަގުތެވެ. އެން ދަމަން ފީނާ މަސްވެރިންގެ ޑީކޯ މައްސަލަ ހައްލުކުރަން އެމީހުން ހޭލުންތެރިކޮށް، ޑީކޯ ޗެމްބާއެއް އަޅައިދޭން ޖެހޭ ވަގުތެވެ.

ރާއްޖޭގައި އެންމެ ގިނަ މަސްވެރިން ހަރަކާތްތެރިވާ، ހުވަދު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ، ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ވިދާޅުވި ގޮތުގައި މި ހާލަތަކީ މަސްވެރިކަމަށް އެހީތެރި ވާން ޖެހޭ ކަމަށެވެ. އަދި މިހާލަތުގައި އެހީނުވެއްޖެނަމަ މުޅި ރާއްޖެއަށް ވެސް ގެއްލުން ތަކެއް ވެގެންދާނެކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"މަސްވެރިކަމުގެ ސިނާއަތަށް އަންނަ ޕޮލިސީ ޗޭންޖުގެ ސަބަބުން، މަސްވެރިކަމަށް އަސަރު ކުރޭ. މަސްވެރިޔާ އަށް ވެސް އެބަޖެހޭ ލުއި ތަކެއް ލިބެން. މިހާރު މަސްވެރިން މަހަށް ގޮސް އެންމެ ދުވަހަކު މަސް ނުބާނައި އައި ނަމަވެސް މަސްވެރިން އެބަ ޖެހިލުންތަކެއްވޭ މަހަށް ފުރަން. ހަރަދުތަކާ ހެދި، އެހެންވެ، މަސްވެރިކަމުގެ އިންޑަސްޓްރީ އަލުން ރީބްރޭންޑްކޮށް، މަސްވެރިން މަހަށް ފުރަން އެހީތެރިކަން ދެވެން ޖެހޭ،" ސައުދު ވިދާޅުވި އެވެ.

އެންސިސް ވަސީމް ވިދާޅުވި ގޮތުގައި ކަޅުބިލަ މަހުގެ މަސްވެރިކަން މިފަހަރު ރަނގަޅުވީނަމަވެސް، ކަންނެލި މަސްވެރިން ކުޑަކޮށް ހުއްޓުމަކަށްފަހު އެކްސްޕޯޓް ފެށިގައިވާ ކަމަށާ އެހެންވެ، މަސްވެރިކަން އިތުރަށް ދިރުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ރިކުއެސްޓަކީ މަސްވެރިން މަހަށް ނުހުންނާށޭ. އެއާޕޯޓްތައް ހުޅުވާ ވަރަކަށް ރަނގަޅު އަގު ވެސް ލިބިގެން ދާނެ،" ވަސީމް ވިދާޅުވި އެވެ.

މަސްވެރިން އަބަދު ވެސް ތިބޭނީ ތައްޔާރަށެވެ. އެމީހުންގެ ވާޖިބު ސިކުން ތަކަށް ވެސް ހަނދާނުން ކައްސާ ނުލަ އެވެ. އެކަމަކު ކޮންމެ ފަހަރަކު މަސްވެރިންގެ މަތިން ހަނދާން ނެތެނީ ސަރުކާރެވެ. ވެރިކަން ހިންގަން ތިބޭ މީހުންނެވެ. މިއީ މަސްވެރިކަން ތަރައްގީ ކުރަން، ބޮޑު ހަރަދުކޮށްގެން މަސްވެރިކަމުގެ ޕްލެޓްފޯމް އަޅަންވީ ވަގުތެއް ނޫނެވެ. މިއީ މަސްފެކްޓްރީތައް ތަރައްގީކޮށްދޭން ޖެހޭ ވަގުތެވެ. އޭރުންދެން ވެސް މިފަދަ ހާލަތްތަކުގައި ނުކުންނަން މަސްވެރިނަށް އިތުރު ރޫހެއް އޮންނާނެ އެވެ. ދެން ފަހަރަކުންވެސް އިގްތިސޯދު ހިއްލާލާނެ "ޕަވަރު" މަސްވެރިކަމުގައި ހުންނާނީ އޭރުންނެވެ.