ވިޔަފާރި

އެންސިސް އިން މަސް ގަތުން މުޅިރާއްޖެއަށް ފުޅާ ކުރަނީ

މަސްވެރިންނަށް ދިމާވެފައިވާ މަސް ނުކިރި ލަސްވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކޮށް މަސް ގަތުން ފުޅާ ކުރަން ވިސްނަމުންދާ ކަމަށް އެންސިސް ފިޝަރީޒް އިން ބުނެފި އެވެ.

ހުޅުމާލޭގައި ދަޅު މަސް ބަންދު ކުރުމަށް ކާރުހާނާއެއް ހިންގާ، އަދި ޔޫރަޕަށް ރާއްޖޭން އެންމެ ގިނައިން ބޮޑު ކަންނެލި ބޭރުކުރާ އެއް ކުންފުނި ކަމަށްވާ އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި ހުރިހާ ޒޯން ތަކުން މަސް ގަތުމުގެ ހުއްދަ ސަރުކާރުން ކުންފުނި ތަކަށް ދީފައިވުމާއެކު މަސް ގަތުމުގެ ކެޕޭސިޓީ ފުޅާ ކުރަން ވިސްނަމުންދާ ކަމަށެވެ.

"ކުންފުނިތަކަށް ހުއްދަ ދިންތާ އަދިވީ ހައެއްކަ މަސް އެހެންވެ އިތުރު ކުންފުނިތައް އަންނާނެ ކަމަށް ބެލެވޭ. އަޅުގަނޑުމެންގެ ވިސްނުން ވެސް އެބަހުރި ކެޕޭސިޓީ އިތުރު ކުރަން،" ވަސީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު އެ ކުންފުނިން ގަންނަނި 30 މެޓްރިކް ޓަނުގެ ކަނޑުމަހާއި 30 މެޓްރިކް ޓަނުގެ ކަންނެލި ކަމަށެވެ.

"ކެޕޭސިޓީ އިތުރު ކުރަށް އިންވެސްޓް ކުރުމުގެ ވިސްނުން އެބަހުރި. އެކަމަކަށް ވިސްނަމުން މިދަނީ. އެކަމަކު ހުޅުމާލޭގައި ޖާގައިގެ ދަތިކަން އެބަހުރި. އެހެންވެ ސަރުކާރުގެ އެއްބާރުލުމާއެކު އެކަން ކުރެވޭނެ،" ވަސީމް ވިދާޅުވި އެވެ.

ރާއްޖޭގެ ބާޒާރުގައި މިހާރު މަސް ގަންނަނީ ފެލިވަރުގެ އިތުރުން އެންސިސް ފިޝަރީޒް އާއި ހޮރައިޒަން ފިޝަރީޒް އެވެ. ނަމަވެސް ރާއްޖެއަށް ބާނާ މަހުގެ 60 ޕަސެންޓަށްވުރެ ބޮޑުބައި ގަންނަނީ މިފްކޯއިންނެވެ.