ރިޕޯޓް

މަސްވެރި ސީޒަނަށް ސަރުކާރު ތައްޔާރު ނުވަނީ ކީއްވެ؟

ޓޫރިޒަމްގެ ސީޒަން ފެށޭނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެންނެވެ. އެހެންވެ އެ ދުވަސްވަރަށްޓަކައި ގައުމު ޕްރޮމޯޓް ކުރުން އިތުރުކޮށް ޓޫރިސްޓުންނަށް މަރުހަބާ ކިޔަން އެއާޕޯޓު ތައްޔާރުވެ އެވެ. ގިނަ ޖެޓުތައް އަންނާނެތީ ސަރުކާރުން ދުރާލާ އިސް ނައިގެން އިންތިޒާމުތައް ފުރިހަމަ ކުރެ އެވެ. މުއްސަނދި މަހުޖަނުން އަންނާނެ ކަމަށް ބަލައި، ވީއައިޕީ ލައުންޖުގެ އާބާތުރަ ފިލުވައި ރީތި ކުރެ އެވެ. އެކަމަކު މި އަހަރު ޓޫރިޒަމެއް ނެތެވެ.

ކުރިން ޓޫރިޒަމްގެ މައި ސީޒަންގައި އަންނަ ވަރާ ގާތަށް ވެސް ޓޫރިސްޓުން އަތުވެދާނެ ކަމާމެދު ތަޖުރިބާކާރުންގެ ހިތުގައި ޝައްކު އެބައޮތެވެ. ޓޫރިޒަމް ސީޒަންގައި މި އަހަރު ބާރު ބޮޑުވާނެ ކަމަށް ލަފާ ނުކުރި ނަމަވެސް އިގްތިސޯދީ ދެވަނަ ސިނާއަތް ކަމަށްވާ މަސްވެރިކަމުގެ މައި ސީޒަން ފެށެން އުޅޭކަމުގެ ހެކި ފެންނަން ފަށައިފި އެވެ. ރާއްޖެ ސަރަހައްދުގައި އޮއެވާލި ގިނަވާން ފަށައިފި އެވެ. އިންޑިޔާ ކަނޑަށް މަސް އައިންތައް ލެފެން ފަށައިފި އެވެ. އެކަމަކު، ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކު މަސައްކަތް ކުރާ މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރު ތައްޔާރުވޭތޯ މިއީ ސުވާލެކެވެ.

މި ސުވާލު އޮތީ ހަމައެކަނި މިއަދަކު ނޫންނެވެ. ދުވަހަކު ވެސް މި މޫސުމަށް ސަރުކާރުން ތައްޔާރު ނުވާކަމުގެ ޝަކުވާ މަސްވެރިން ކުރެ އެވެ. ސަބަބު ތަކެއް އޮވެގެންނެވެ. ރާއްޖެ އަށް އެންމެ ގިނައިން މަސް ބާނާ ދުވަސް ވަރަށް ސަރުކާރުން ތައްޔާރު ނުވަނީ ކީއްވެގެން ހެއްޔެވެ؟

"ހަމަ އަގު ދޭނަމޭ ބުންޏަކަސް ނުފުދޭ. ހަމަ އަގަކީ ބާނާ މަސްކޮޅު ކިރޭނެ ގޮތް ވުން. މަސް ކިރަންދާ ކޮންމެ ފަހަރަކު ކިލޯ އަކަށް 40ރ. ނޫނީ 50ރ. ނުދިނަސް ހެޔޮ. ބާނާ މަސްކޮޅު ކިރާފައި ބަބާބަރަށް ފައިސާ ލިބޭނަމަ ގިނަ މަސްވެރިން ތިބޭނީ ހިތް ހަމަޖެހިފައި،" އުތުރުގެ ރަށެއްގައި ދެ ދޯނި ދުއްވާ އޮޑިވެރިއަކު ނޫހުގައި ނަން ނުޖެހުމަށް އެދި ޝަކުވާ ކުރި އެވެ. މަސްވެރިންގެ އުންމީދު މިގޮތަށް ހުއްޓަސް ދުވަހަކު ވެސް ނުވާ ކަމަކީ މިއެވެ.

އަންނަ މަހު މަސްވެރި ސީޒަން ފަށާނެ

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުން ފެށިގެން ރާއްޖޭގެ މަސްވެރިކަން ފެށޭނެ އެވެ. ޓޫރިޒަމް ސީޒަނެކޭ އެއްގޮތަށް މަސްވެރިކަމުގެ ސީޒަން ވެސް ފެށިގެން ދާނެ އެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ 15 ވަރަކަށް އަހަރުގެ ތާރީހުގައި ވެސް އެންމެ ގިނަ އިން މަސް ބޭނި އެއް އަހަރެވެ. ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު، އޮކްޓޫބަރުން ފެށިގެން މަސްވެރިކަން ރަނގަޅުވެ އެވެ، ރާއްޖޭގެ ކޮންމެވެސް ހިސާބަކަށް މަސް ބާނަ އެވެ. އެކަމަކު ކޮންމެ އަހަރަކު ވެސް އޮންނަނީ އެއް ޝަކުވާ އެކެވެ. މަސްވެރިން ބާނާ މަސްކޮޅު ނުކިރުމާއި ކިރުވާނަމަ ފައިސާ ލިބުން ލަސްވުމެވެ.

މިކަން އަބަދު ތަކުރާރު ވަނީ ކީއް ވެގެން ހެއްޔެވެ؟ ހާއްސަކޮށް މަސްވެރި ސީޒަނަށް މިކަމަަށް ވަގުތީ ގޮތުން ނަމަވެސް ސަރުކާރަށް ގެނެސްދެވޭނެ ހައްލެއް ނެތީ ހެއްޔެވެ؟

މަސްވެރިންގެ އަތުން މަސް ކިރަން ސަރުކާރުގެ މަސް ކުންފުންޏެއް އޮތަސް، މިފްކޯގެ ވަސީލަތްތަކަކީ 50 އަހަރު ފަހަތަށް ސޮއްސާލާފައިވާ ވަސީލަތް ތަކެވެ. މަސްވެރިން 21 ވަނަ ގަރުގައި އުޅޭނަމަ މިފްކޯ އޮތީ 20 ވަނަ ގަރުނުގެ ތެރޭގަ އެވެ. މި ފަރަގުގެ ސަބަބަކީ ސަރުކާރުން މަސްވެރިކަމާ އަޅާނުލުމެވެ. މިފްކޯ ހިންގަން ހަވާލުވާ މެނޭޖުމަންޓުތަކުގެ "މިސް މެނޭޖު" ކުރުން ބޮޑުވުމެވެ. މިކަން ކުރިމަތިވާ މައިގަނޑު ސަބަބަކީ ސަރުކާރުން މިކަން ކުރަން "ޖާގަ ދީފައި" އޮތުމެވެ. ފާރަވެރިވާނެ ބަޔަކު ނުތިބުމެވެ.

މަސްވެރިކަން ބަލަހައްޓަން ވުޒާރާއެއް ހަދާފައި އޮވެ އެވެ. ކޮންމެ ސަރުކާރަކުން ވެސް މަސްވެރިކަމުގެ މިނިސްޓްރީ ހަދަނީ، "ފިޝަރީޒް" ގެ ފަހަތަށް އިތުރު ނަންތައް ލައިގެންނެވެ. ބައެއް ފަހަރު އެ މިނިސްޓްރީގެ ފަހަރަށް އެގްރިކަލްޗަރު އާދެ އެވެ. މިހާރު އަދި ކުރިއަށްވުރެ ގޯހެވެ. މިހާރު އެ މިނިސްޓްރީއަކީ އެގްރިކަލްޗަރާއި މެރިން ރިސޯސަސްގެ މަސައްކަތް ވެސް ކުރާ ތަނެވެ. ކަނޑު ދިރާސާތަކާއި ދަނޑުވެރިކަން ވެސް ބަލަހައްޓާނީ އެ ތަނުންނެވެ. ނަތީޖާ އަކަށް ވަނީ މަސްވެރިކަމުގެ އެއް ކަމެއް ވެސް ނުކުރެވުމެވެ. ކުރިން ވެސް ވަނީ މިހެންނެވެ. މިހާރު އަދި އަމުދުން އެއް ކަމެއް ވެސް ނުވެ އެވެ.

މިކަން މިގޮތަށް އޮތުމާއެކު މަސްވެރިކަމުގެ މައި މޫސުން އަންނައިރު، ހުރިހާ ކަމެއް ކަނޑާލަނީ މަސް ގަންނަ ކުންފުނި މިފްކޯގެ ބޮލަށެވެ. އެކަމަކު މަސްވެރިކަމުގެ މައި މޫސުމަކީ ހަމައެކަނި މިފްކޯގެ ބޮލަށް ހުރިހާ ކަމެއް އަޅުވާފަ ސަރުކާރުން ބޯދަމައިގަނެގެން ތިބެވޭ ވަރަށް ވުރެ ބޮޑު ދުވަސް ވަރެކެވެ. މުޅި ސަރުކާރު ގުޅިގެން މި ދުވަސްވަރު މަސްވެރިން ނަށް އެހީތެރިވާން އެބަ ޖެހެ އެވެ.

މިދިޔަ އަހަރު 900 މިލިއަން ރުފިޔާ ދޫކުރި

މިދިޔަ އަހަރަށް ބަލާނަމަ ސެޕްޓެމްބަރު މަހުގެ ފެލިވަރު ބަނދަރަށް އާއްމުގޮތެއްގައި ދޯންޏަކުން 11 ޓަނާއި 22 ޓަނުގެ މަސް ކިރުވާފައިވެ އެވެ. މިދިޔަ އަހަރު މިފްކޯ އިން ޖުމްލަ 48,500 ޓަނުގެ މަސް ގަނެފައިވެ އެވެ. އަދި ރާއްޖޭން 39,606 ޓަނުގެ ފިނި ކުރި ކަޅުބިލަ މަސް ބޭރުކޮށް، މަސްވެރިންނަށް މިދިޔަ އަހަރު 900 މިލިއަން ރުފިޔާ ދޫކުރި އެވެ. އަދި މި އަހަރުގެ މިހާތަނަށް ވެސް 500 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިފްކޯ އިން މި އަދަދަށް މަސް ގަތް ނަމަވެސް މަސްވެރިންގެ އެންމެ ބޮޑު ޝަކުވާ އަކަށް ވަނީ ބަރާބަރަށް ފައިސާ ނުދެވުމެވެ. މިފްކޯގެ އާއްމު ގޮތެއްގައި 20 ދުވަސްވަރު ފައިސާ ދިނުމުގައި ޑިލޭއެއް އުޅެ އެވެ. އެ ޑިލޭއަކީ ރާއްޖޭން މަސް ގަންނަ އުޅަނދު މަސް ހިފައިގެން ގޮސް ބޭރަށް ކިރަން ނަގާ ވަގުތެވެ. މިފްކޯގެ އަބަދު ވެސް ޝަކުވާއަކީ ބޭރުން މަސް ގަންނަ އަގު ކިތަންމެ ދަށް ނަމަވެސް ރާއްޖޭގައި މަސް ކިލޯއެއް 20ރ. އަށް ގަންނަން ޖެހުމެވެ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު މިހާރު ހުރި ގޮތަށް ބަލާނަމަ މަސް ކިލޯއެއް 20ރ. އަށް ގަނެގެން މަސް ޓަނަކުން އެވްރެޖު ގޮތެއްގައި 400 ޑޮލަރު ވަރު މިފްކޯ އަށް ގެއްލުންވެ އެވެ. ކޮންމެ އަހަރަކު ވެސް މި ޒުވާބެއްގައި ސަރުކާރާއި މަސްވެރިން ތިއްބައި މަސްވެރި މޫސުން ލައްވާލައި މަސް ކޮޅު ނުކިރޭތަން ފެންނަން ފަށަ އެވެ.

ޓޫރިޒަމް ސީޒަނަށް ސަރުކާރު ބަހައްޓާ ސަމާލުކަން މަސްވެރިކަމުގެ ސީޒަނަށް ދޭން ޖެހެ އެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މާލީ ހާލަތަށް ބަލާއިރު، ސަރުކާރުގެ އެއްބާރުލުން ދީގެން ނޫން ގޮތަކަށް މިކަން ކުރެވޭކަން އެއްގޮތެއް ވެސް ނެތެވެ. މައިގަނޑު އެއް ސަބަބަކީ މިފްކޯ އިން މިހާތަނަށް ހިންގި މެނޭޖުމަންޓުތަކުގެ އިހުމާލާއި ސަރުކާރުގެ އަޅާލުން ނުލިބުމެވެ.

މިފްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި ގޮތުގައި ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ބޭންކް ތަކުން ދޫކޮށްފައިވާ "އޯވަޑްރާފްޓް" ތަކަށް ކުރިން ފައިސާ ދައްކަމުން ނުދިއުމުގެ ސަބަބުން އެ ލޯނަށް ބަދަލު ވެފައިވާ ކަމަށެވެ. ނަަމަވެސް އެ ފައިސާ ދެއްކުމަށް ވެސް އިންތިޒާމުތަކެއްގެ ދަށުން މިހާރު ފުރިހަމަ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"އޯވަޑްރާފްޓް ފެސިލިޓީ ތަކަށް ވެސް ފައިސާ ދައްކަމުން މިދަނީ. ބޭންކް ތަކަށް އެކަނި މަހަކު، 5.5 މިލިއަން ރުފިޔާ ވަރު ދައްކަން ޖެހޭ. މިހާރު ހުރި މި ހުރިހާ ލޯނެއް އިރާދުކުރެއްވިއްޔާ 2021 ވަނަ އަހަރު އެއްކޮށް ހަލާސް ކުރެވޭނެ،" ފައުޒީ ވިދާޅުވި އެވެ.

ފައިސާ ދޭން ފަންޑެއް ހަދަން ޖެހޭ

ޓޫރިޒަމްގެ މައި ސީޒަނަށް އިންޑަސްޓްރީއަށް ސަރުކާރުން ދޭ އެއްބާލުން މަސްވެރިކަމުގެ މައި ސީޒަނާ ދިމާކޮށް ނުދެނީ ކީއްވެގެން ހެއްޔެވެ؟ މި އަހަރުގެ މަސްވެރިކަމުގެ ސީޒަނާ ކުރިމަތިލާއިރު ސަރުކާރުގެ އެހީތެރިކަން މަސްވެރިކަމުގެ ދާއިރާ އަށް މާބޮޑަށް ބޭނުންވެ އެވެ. މި އަހަރު އިތުރު އެހީ ބޭނުން ވަނީ ކީއް ވެގެން ހެއްޔެވެ؟ މަސްވެރި ސީޒަނަށް ހާއްސަކޮށް ބާނާ މަހަށް ފައިސާ ދޭނެ "މަސްވެރި ފަންޑެއް" ނުހެދެންވީ ކީއްވެގެން ހެއްޔެވެ؟

މި ދައްކަނީ ތިން މަހެއްގެ ވާހަކަ އެކެވެ. މި ދުވަސްވަރު މަސް ގަންނަން ފްލޯޓިން ފިނިކޮށާރުތައް ސަރުކާރުން ނުގެނެސް ދެންވީ ކީއްވެގެން ހެއްޔެވެ؟

ދިވެހި މަސްވެރިން ތަރައްގީ ވެގެން ގޮސްފައިވާ ވަރަށް ބަލާއިރު، މިފްކޯގައި އެ ކެޕޭސިޓީއެއް ނެވެ. މިފްކޯގެ ކެޕޭސިޓީތައް މުސްކުޅިކަމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ބާ ވާހަކަ ތަކެވެ. އެ ކުންފުނިން ނޭވާ ކޮޅުން އެންމެ ގިނައިން ކިރުވޭނީ 450 މެޓްރިކް ޓަނުގެ މަހެވެ. އެހެންވީއިރު، މަސްވެރި ސީޒަނަށް ސަރުކާރު ކުންފުންޏަށް އިތުރު އެހީތެރިކަން ދީގެން އިތުރު ޗާޓަރު ބޯޓު ފަހަރު ގެނެސްދޭންވީ އެވެ. ގެނެސް މަސް ބާނާ ސަރަހައްދުގައި ބާއްވައިގެން ފުލް އޮޕަރޭޝަނެއް ފަށަން ތައްޔާރުވާންވީ އެވެ.

މަސް ގަންނަ އެހެން އަމިއްލަ ކުންފުނި ތަކުން މޫސުމުގައި މަސް ގަންނަން ބާރު އަޅަން ޖެހެ އެވެ. މިދިޔަ އަހަރަށް ބަލާއިރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމުން މަސް ގަންނަ ބައެއް ކުންފުނި ތަކުން މަސް ގަތުން ހުއްޓާލި އެވެ. ނަތީޖާއަކަށްވީ މިފްކޯ އަށް ލޯޑު ބޮޑުވެ، އެ ކުންފުނި ކޮށި އެރުމެވެ.

މިހާރު ބޭރު ފައިސާ ވަންނަ ހަމައެކަނި ދޮރު

ޓޫރިޒަމް ނެތުމުން މިހާރު އޮތީ މަސްވެރިކަން އެކަންޏެވެ. ރިސޯޓު ތަކުން ދިޔަ ކުދިން ވެސް އުޅެނީ މަސް ދޯނީގަ އެވެ. ބޭރު ފައިސާ ލިބެން އޮތީ ހަމައެކަނި މި ދާއިރާއިންނެވެ. މިދިޔަ އަހަރު ކިރުވި މަހަށް ވެސް 50 މިލިއަން ޑޮލަރު ވަރު ރާއްޖެ އަށް ލިބުނެވެ. މި އަދަދު މަތި ކުރުމުގެ ބާރު ސަރުކާރުގެ އަތުގައި އޮވެ އެވެ. އެކަމަކު ހަމަ ނުކުރަނީ އެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ތިބި މީހުންގެ އެހީ ވެސް މަސްވެރިންނަށް ދޭންވީ ވަގުތެވެ. ޓޫރިޒަމް ފެށެންދެން ވެސް މިއޮތް ހައެއްކަ މަހު ހިފެހެއްޓޭނީ މި އެހީތެރިކަން ދީގެންނެވެ. އެންމެ މަހެއް ވެސް ނުކިރިގެން އެއްލާލަން ނުޖެހޭ ވަރަށް ތައްޔާރު ވާން ޖެހެ އެވެ.

ރާއްޖޭގައި މިހާރު މަސް ކިރުވާ 20ރ. އަށް ކިލޯއަކީ "ހަމަ އަގު" ނޫން ކަމަށް ދެ ކޮޅަށް ވަކާލާތު ކުރެވިދާނެ އެެވެ. އެކަމަކު މިހާރުގެ އަގަށް މަސް ކިރުވި ނަމަވެސް އެވްރެޖު ގޮތެއްގައި ތިން ޓަނު ބާނާ ދޯންޏެއްގެ މަސްވެރިއަކަށް ކޮންމެ 20 ނުވަތަ 25 ދުވަހުން 30،000ރ. ގެ އާމްދަނީއެއް ލިބުނުގެ ފުރުސަތު އޮންނާނެ އެވެ. މިއީ ސަރުކާރުގެ ކުންފުންޏެއްގެ އެމްޑީއެއްގެ ބޭސިކް މުސާރަ އަށް ވުރެ ބޮޑު އަދަދެކެވެ. އަދި މިއީ ސިވިލް ސާވިސްގެ އެންމެ މަތީ މާސްޓާސް ޑިގްރީ ހަދައިގެން ހުންނަ ޑިރެކްޓަރަކަށް ވެސް ނުލިބޭނެ އަދަދެކެވެ. އެހެންވީއިރު، މަސްވެރިން ބާނާ ހުރިހާ މަހެއް ކިރައި ފައިސާ ދޭން ފަށައިފިނަމަ މަސްވެރި ސީޒަން ނިމޭއިރު ރާއްޖޭގެ ބޮޑު ބައެއް ތިބޭނީ ފުރިހަމަ ތިޔާގިކަމުގަ އެވެ. ފުދިގެންނެވެ.

އެކަމަކު މިކަން ކުރުމުގެ ބާރުއޮތީ ސަރުކާރުގެ އަތުގަ އެވެ. މިކަން ކުރެވެން އޮތީ މުޅި ސަރުކާރު ގުޅިގެން ކުރެވޭ މަސައްކަތެއްގެ މައްޗަށެވެ. މަސްވެރި ސީޒަނަށް ތައްޔާރު ވެގެންނެވެ.