އިންޑިއާ އިން ލޯނު ނަގައިގެން ކުރިއަށް ގެންދާ ފެލިވަރު މަޝްރޫއަށް އިއުލާނުކޮށްގެން، އެ މަސައްކަތަށް ޕްރީކޮލިފައިވެފައިވަނީ އިންޑިއާގެ އެންމެ ކުންފުންޏެކެވެ. އެ ކުންފުންޏަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ދެވިފަ އެވެ.
އިންޑިއަން އެގްޒިމް ބޭންކުން ލޯނެއް ނަގައިގެން ކުރިއަށް ގެންދާ މަޝްރޫ އަށް އިންޑިއާ އިން ކުންފުންޏެއް ހޯދަން އިއުލާނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އިއުލާނުކުރިތާ އަހަރަށްވުރެ ގިނަ ދުވަސް ފަހުން އިއްޔެ ވަނީ ކުންފުންޏެއް ޕްރީކޮލިފައިވެފައިވާ ކަމަށް ބުނެފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ޕްރީކޮލިފައިން މަރުހަލާ ނިމި، ބީލަން މަރުހަލާ މިއަދު ފެށިފައިވާ ކަމަށެވެ. މި މަޝްރޫއަށް ޕްރީކޮލިފައިވެފައިވަނީ އިންޑިއާގެ އެންމެ ކުންފުންޏެވެ. އެހެންވެ އެ ކުންފުންޏަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ގާތްގަނޑަކަށް 20 އަކަށް މިލިއަން ޑޮލަރުގެ އަގުހުރި މި މަޝްރޫއުގެ ދަށުން އިންޑިއާގެ އެގްޒިމް ބޭންކް ލޯނުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކޮށް ދަޅުގައި އަދި ޕައުޗުގައި ބަންދު ކުރެވޭނެ ކާރުހާނާ އެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށެވެ.
ފެލިވަރު ތަރައްގީ މަޝްރޫގައި ހިމެނޭ ބައިތައް
- 4،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުން
- ދުވާލަކު 100 ޓަނު ޕްރޮސެސްކޮށް ޕައުޗް ބަންދު ކުރާނެ ތަނެއް
- ބްރައިން ފްރީޒިން ފެސިލިޓީ ހެދުން
- ރެފް ރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީއާ ހެދުން
- ފިޝްމީލް ޕްލާންޓެއް ހެދުން
- ގެނަމަފުށީގައި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ހެދުން
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ފެލިވަރާއި ކޫއްޑޫ ތަރައްގީ ކުރަން ފަށާ މަޝްރޫއަށް ފައިނޭންސް ކުރަނީ ސައޫދީ ފަންޑާއި އިންޑިއަން އެގްޒިމް ބޭންކް އިންނެވެ. ފެލިވަރު މަަޝްރޫއުގެ އަގަކީ ގާތްގަނޑަކަށް 17.5 މިލިއަން ޑޮލަރެވެ. މި މަޝްރޫއުގެ ދަށުން ފެލިވަރު ފަޅުން ބައެއް ހިންގައިގެން މަސް ރައްކާކޮށް ފިނިކުރެވޭނެ ކާރުހާނާގެ އިތުރުން އިތުރު ފެސިލީޓީތައް ގާއިމް ކުރާނެ އެވެ. މި މަސައްކަތް ކުރަން ފެލިވަރު ބިން ވަނީ ހިއްކާފަ އެވެ. މި މަޝްރޫއަކީ 113.39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކުމާއި، 229،663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.