ޅ. ފެލިވަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް "އިންޑިއަން އެގްޒިމް ބޭންކު" ން އިންޑިއާއިން ކުންފުންޏެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފެލިވަރު ތަރައްގީ ކުރުމުގެ މަސައްކަތާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކޮށް ދަޅުގައި އަދި ޕައުޗުގައި ބަންދު ކުރެވޭނެ ކާރުހާނާ އެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށެވެ.
ފެލިވަރު ތަރައްގީ މަޝްރޫގައި ހިމެނޭ ބައިތައް
- 4،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުން
- ދުވާލަކު 100 ޓަނު ޕްރޮސެސްކޮށް ޕައުޗް ބަންދު ކުރާނެ ތަނެއް
- ބްރައިން ފްރީޒިން ފެސިލިޓީ ހެދުން
- ރެފް ރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީއާ ހެދުން
- ފިޝްމީލް ޕްލާންޓެއް ހެދުން
- ގެނަމަފުށީގައި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ހެދުން
އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި ބާނާ ގިނަ އަދަދެއްގެ މަސް ގަނޑުކުރި މަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުން އެ މަހުން ލިބޭ އާމްދަނީ ދަށްވުމެވެ.
"... މި ކަމަށް އަލިމަގެއް ހޯދައި، މަސްވެރިން ބާނާ މަހުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ތެރެއިން ޕްރޮސެސް ކުރުމަށް ފަހު ބޭރުކުރާ މަހުގެ މިންވަރު އިތުރު ކުރުމެވެ. މި މަޝްރޫއުގެ ސަބަބުން މިފްކޯގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ ބޮޑުތަން އިތުރު ވެގެންދާނެ އެވެ،" އެ މިނިސްޓްރީގެ ލިޔުމެއްގައި ބުނެފައިވެ އެވެ.
"މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކިރޭނެ މަގުފަހިކުރުމީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ސިޔާސަތެކެވެ. އަދި ވަކިން ހާއްސަގޮތެއްގައި މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި މަސްވެރިންނަށް ތަކުލީފަކާ ނުލާ މަސްކިރޭނެ އިންތިޒާމު ހަމަޖެއްސުމީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް ކޮންމެހެން މުހިއްމު ކަމެއްކަމުގައި ސަރުކާރުން ދެކެއެވެ. މިކަމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަސް ގަނޑުކުރުމާއި ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމެވެ."
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ޤާއިމުކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ފްރީޒިން ފެސިލިޓީތަކުގެ ސަބަބުން ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުން މަސްވެރިންނަށާއި، މިފްކޯއަށާއި އަދި ރާއްޖޭގެ އިގްތިސޯދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ފެލިވަރާއި ކޫއްޑޫ ތަރައްގީ ކުރަން ފަށާ މަޝްރޫއަށް ފައިނޭންސް ކުރަނީ ސައޫދީ ފަންޑާއި އިންޑިއަން އެގްޒިމް ބޭންކް އިންނެވެ. މި މަަޝްރޫއުގެ އަގަކީ 17.5 މިލިއަން ޑޮލަރެވެ. މި މަޝްރޫއުގެ ދަށުން ފެލިވަރު ފަޅުން ބައެއް ހިންގައިގެން މަސް ރައްކާކޮށް ފިނިކުރެވޭނެ ކާރުހާނާގެ އިތުރުން އިތުރު ފެސިލީޓީތައް ގާއިމް ކުރާނެ އެވެ. މި މަސައްކަތް ކުރަން ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުވެސް ކޮށްފަ އެވެ.