އެމްޓީސީސީ

ފެލިވަރު ބިންހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ހިންގާ ފެކްޓްރީ ހުންނަ ޅ. ފެލިވަރުގެ ބިން ހިއްކުން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ފެލިވަރުގެ ބިން ހިއްކުމާއި އެއްގަމު ތޮށިލުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއުގެ ދަށުން 179،780.40 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިން ހިއްކުމާއި 218.9 މީޓަރުގެ ސަރަހައްދުގައި ބޮޑު ހިލައިން ތޮށި ލުމާއި 574.6 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ޖެހުމާއި 264.8 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 2،466 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއު ކުރިއަށް ގެންދަނީ ލަފާފުރޭ ބަނދަރަކާއެކު ކޯލްޑް ސްޓޯރޭޖް ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުން ކަމަށެވެ. މި މަސައްކަތުގެ އަގަކީ 113.39 މިލިއަން ރުފިޔާއެވެ. މި މަޝްރޫއަކީ 365 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއެކެވެ.