ރާއްޖޭގެ މަސްވެރިކަމަކީ، ޓޫރިޒަމް ފަދަ ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ހެދޭނެ ސިނާއަތެއްކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
މަސްވެރިން ބާނާ މަސްކޮޅު ނުކުރި ގިނަ ދުވަސްތަކެއް ހޭދަވާކަމުގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، މި ހަފްތާގެ ތެރޭގައިވެސް މަސްވެރިން ވަނީ ފެލިވަރުގައި އިހުތިޖާޖުވެސް ކޮށްފައި އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ، މިފްކޯގެ ވަސީލަތްތައް ތަރައްގީކުރުމަށް، އަންނަ އަހަރު ވެސް 50 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މަޝްރޫއުތައް ރޭވިފައިވާ ކަމަށާއި، އެއާއެކު މިހާރު މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މިގޮތުން، އުތުރުގައި އިތުރު އައިސް ޕްލާންޓުތައް ގާއިމުކުރުމާއި، ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަކާއި ބްރައިން ފެސިލިޓީތަކުގެ އިތުރުން، މިފްކޯއަކީ މަސްވެރިން އަތުން މަސް ގަނެ، މަސް ޕްރޮސެސް ކުރެވޭނެ ގޮތަށް މުޅި ކުންފުނި ބަދަލުކުރުމުގެ ވިސްނުމާއި އަމާޒުހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން، އުތުރުގައި އިތުރު އައިސް ޕްލާންޓުތައް ގާއިމުކުރުމާއި، ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަކާއި ބްރައިން ފެސިލިޓީތަކުގެ އިތުރުން، މިފްކޯއަކީ މަސްވެރިން އަތުން މަސް ގަނެ، މަސް ޕްރޮސެސް ކުރެވޭނެ ގޮތަށް މުޅި ކުންފުނި ބަދަލުކުރުމުގެ ވިސްނުމާއި އަމާޒުހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މިފްކޯ އުވާލުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުންތަކަށް އިޝާރާތް ކުރައްވައި، އިސްމާއިލް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ހެދޭނެ ކަމަށާއި، އެކަން ކުރާނީ މަސްވެރިންނާ ގުޅިގެން މިފްކޯ އިން ކަމަށެވެ.
"ޓޫރިޒަމް ކަހަލަ ސިނާއަތަކަށް ހެދޭނެ. އެކަމުގެ ޔަގީންކަން އަޅުގަނޑުމެން މަސްވެރިންނަށް ދެން. މި ސިނާއަތް ތަރައްގީ ކުރާނީ މިފްކޯއިން،" އެ މަންޒިލަށް ވާސިލުވެވެންދެން ކުންފުންޏާއެކު ކެތްތެރިކަމާއެކު ތިބުމަށް މަސްވެރިންނަށް އިލްތިމާސްކުރައްވަމުން އިސްމާއިލް ވިދާޅުވި އެވެ.
މިފްކޯގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، މަސްވެރިންނާއި އާއްމުންގެ ބައިވެރިވުން އޮންނަ ގޮތަށް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ.