ހަބަރު

މިފްކޯ ޕަބްލިކް ކުންފުންޏަކަށް ހެދުމުގެ އަމާޒު

މިފްކޯގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، މަސްވެރިންނާއި އާއްމުންގެ ބައިވެރިވުން އޮންނަ ގޮތަށް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ، މިފްކޯގެ ވަސީލަތްތައް ތަރައްގީކުރުމަށް، އަންނަ އަހަރު ވެސް 50 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މަޝްރޫއުތައް ރޭވިފައިވާ ކަމަށާއި، އެއާއެކު މިހާރު މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މިގޮތުން، އުތުރުގައި އިތުރު އައިސް ޕްލާންޓުތައް ގާއިމުކުރުމާއި، ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަކާއި ބްރައިން ފެސިލިޓީތަކުގެ އިތުރުން، މިފްކޯއަކީ މަސްވެރިން އަތުން މަސް ގަނެ، މަސް ޕްރޮސެސް ކުރެވޭނެ ގޮތަށް މުޅި ކުންފުނި ބަދަލުކުރުމުގެ ވިސްނުމާއި އަމާޒުހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އުންމީދަކީ އަންނަ އަހަރު މި ޕްރޮޖެކްޓްތައް ނިމޭއިރު މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެ ޒުވާން މަސްވެރިން ބޭނުންވާކަހަލަ ކުންފުންޏަކަށް ހެދުން. އެންމެ މުހިންމު ކަމަކަށް އިސްކަންދޭނީ ވަސީލަތްތައް ތަރައްގީކުރަން. އޭގެފަހުން މިފްކޯއަކީ ޕަބްލިކް ކުންފުންޏަކަށް އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި މަސްވެރިންގެ ބައިވެރިވުން އޮންނަ ގޮތައް އަދި އާންމުންގެވެސް ހިއްސާ އޮންނަގޮތައް ކުންފުނި ތަރައްގީކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރު ރާއްޖެއަށް ބާނާ މަސް ނުގަނެވޭ ކަމުގެ ޝަކުވާ މަސްވެރިން އަބަދުވެސް ކުރެ އެވެ. މަސްވެރިން މި ހަފްތާގައި ވަނީ ފެލިވަރަށް މަސް ނުކިރި ބަނދަރުގައި ގިނަ ދުވަހު އޮންނަން ޖެހުމާއި މަހުގެ އަގު ދަށްވުމުން ޝަކުވާކޮށް އިހުތިޖާޖުކޮށްފަ އެވެ. އެ އިހުތިޖާޖު ރޫޅައިލީ ފުލުހުން ނެރެގެނެވެ.

ދުނިޔޭގެ ބާޒާރާ އެއް ހަމައަކަށް ދޫކޮށްލައި ގަންނަމުންދާއިރު، ރާއްޖޭގައި މިހާރު ވެސް އެންމެ ރަނގަޅު އަގެއް ދޭ ކުންފުންޏަކީ މިފްކޯ ކަމަށް އިސްމާއިލް ވަނީ ތަކުރާރުކުރައްވައިފަ އެވެ.

"އަޅުގަނޑުމެން އެބަދެން 16 ރުފިޔާ. މިއީ އެހެން ކުންފުނިތަކާ ބަލާއިރު ބޮޑު އަގެއް،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މިއަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން 47،000 ޓަނުގެ މަސްގަނެ 845 މިލިއަން ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.

މިފްކޯ އުވާލުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުންތަކަށް އިޝާރާތް ކުރައްވައި، އިސްމާއިލް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ހެދޭނެ ކަމަށާއި، އެކަން ކުރާނީ މަސްވެރިންނާ ގުޅިގެން މިފްކޯ އިން ކަމަށެވެ.

"ޓޫރިޒަމް ކަހަލަ ސިނާއަތަކަށް ހެދޭނެ. އެކަމުގެ ޔަގީންކަން އަޅުގަނޑުމެން މަސްވެރިންނަށް ދެން. މި ސިނާއަތް ތަރައްގީ ކުރާނީ މިފްކޯއިން،" އެ މަންޒިލަށް ވާސިލުވެވެންދެން ކުންފުންޏާއެކު ކެތްތެރިކަމާއެކު ތިބުމަށް މަސްވެރިންނަށް އިލްތިމާސްކުރައްވަމުން އިސްމާއިލް ވިދާޅުވި އެވެ.

މިފްކޯއަކީ އެސްޓީއޯގެ 99.99 ޕަސަންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސަންޓް ހިއްސާވާ ކުންފުންޏެކެވެ.