ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދިމާވެފައިވާ އިގްތިސޯދީ ދަތިތަކާ އެކުގައި ވެސް މަސްވެރިންނަށް އެކަށީގެންވާ ރަނގަޅު އަގެއް ދެވޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ސާފު ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިއަަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ މިހާރު މިއޮޔް ހާލަތުގައި މިފްކޯއަށް ވެސް ފައިސާ ލިބުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.
ވެބް ކޮންފެރެންސް މެދުވެރިކޮށް ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ޒަހާ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ކަނޑު މަހުގެ ބާވަތްތަކުގެ އަގު އުޅެނީ ޓަނެއް 1،450 ޑޮލަރަށްކަމަށެވެ. އެއީ މަސް ކިލޯއެއް 22 ރުފިޔާއަށް ކަަމަށާއި މިފްކޯއިން މަސްވެރިންގެ އަތުން 20 ރުފިޔާ އަށް މަސް ގަންނަ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ވެސް އާންމުކޮށް ކަނޑު މަހުގެ އަގު އުޅޭ ވަރަށް ވުރެ ކުޑަ މިންވަރެއް މި ދުވަސްވަރު އުފުލިފައިވާ ކަމަށާއި އެއާ ގާތް ކުރާ އަގެއް މިފްކޯއިން މަސްވެރިންނަށް ދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އެއީ އެކަށީގެންވާ ރަނގަޅު އަގެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދޮށީގެ މަސްވެރިކަމުގައި އަޅުގަނޑުމެންނަށް ކުންފުންޏަށް ވެސް ނުދެވޭ ވަރުގެ އަގެކޭ ދެމުން މި ދަނީ، ފައިސާ މި ލިބެނީ އެކްސްޕޯޓް ކޮށްގެން. އަޅުގަނޑު ދަންނަވާނީ ދޮށީގެ މަސްވެރިންނަށް ރަނގަޅު އެކަށީގެންވާ އަގެއް އެބަ ދެވެއޭ،" މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.
މިނިސްޓަރު ޒަހާ ވިދާޅުވި ގޮތުގައި މިއަދާ ހަމައަށް ވެސް 17 ދުވަހުގެ ފައިސާ މަސްވެރިންނަށް ދެވިފައި ނުވާ ކަމަށެވެ. އެއީ މަސް އެކްސްޕޯޓް ކުރުމަށާއި އެކްސްޕޯޓް ކޮށްގެން މިފްކޯއަށް ލިބޭ ފައިސާ ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ފައިސާ ދޫކުރެވެމުން ދާނެ ކަމަށް ޒަހާ ވިދާޅުވި އެވެ.
"ފައިސާ ލިބުމުގައި ދަތިތައް އެބަހުރި، މަސްވެރިން ވެސް އެ ދަތިތައް ތަހައްމަލު ކުރާ ކަން އިހުސާސް ކުރެވޭ، މިފްކޯ އިން މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް ފައިސާ ދިނުމަށް ޓަކައި،" މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.
ކަނޑު މަހުގެ މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ މަސްވެރިންނަށް އެއަށްވުރެ ރަނގަޅު އަގެއް ދެވޭނީ ކުރިއަށް ގެންދަން ޖެހޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނިންމައި ރޯ މަހުގެ ބަދަލުގައި ބަންދުކުރި މަސް ގިނަ އަދަދަކަށް ބޭރު ކުރެވެން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ގަންނަ ކަނޑު މަހުގެ ބާވަތްތަކުގެ ސްޓޯރޭޖް ބޮޑު ކުރާ ވާހަކައާއި ކޭނަރީ ޕްރޮޑަކްޝަން އިތުރު ކުރުމަށް ޓަކައި ޕްރޮޖެކްޓްތައް އެކުލަވާލައި އެ މަސައްކަތްތައް ކުރެވެމުން މި ދަނީ. އިންފްރާސްޓްރަކްޗާތަކެއް އައިސްގެން ނޫނީ ހައްލުތަކެއް ނާންނާނެ." ޒަހާ ވިދާޅުވި އެވެ.
މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ވައިގެ ދަތުރުފަތުރުތައް ހުއްޓި، ގައުމުތަކުގެ އިގްތިސާދަށް އަންނަނީ ހިނާރު ކަމެއް އަންނަމުންނެވެ. އެއިން ރާއްޖޭގެ އިގްތިސާދު ވެސް ދަށްވާތީ އާއި ފަރުދުންގެ އާމްދަނީއަށް އަސަރު ކުރާތީ ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް ވެސް ތައާރަފުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ދަނީ އެ ކޮމިޓީއަކާ ގުޅުން ހުރި ދާއިރާތަކުން ކޮވިޑް-19 ގެ ހާލަތުގައި ކުރަމުންދާ މަސައްކަތްތައް ދިރާސާކޮށް އެ ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ޓަކައި ސަރުކާރަށް ލަފައެއް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.