ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން ނުކުރާ ރަށްތައް ފާހަގަކޮށް، އެ ރަށްތައް ދޫކޮށްފައިވާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން އުވާލައި އެ ރަށްތައް އަތުލަން ލާމަރުކަޒީ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުމާއެކު އެ ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލާގައި ލާމަރުކަޒީ ކޮމިޓީގެ ހުށަހެޅުންތާއެކު ތަޅުމަށް ފޮނުވި ރިޕޯޓް ފާސްކުރީ 54 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ލާމަރުކަޒީ ކޮމިޓީގެ ރިޕޯޓުގައި ވަނީ މިހާރު ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން އެ މަސައްކަތް ނުކުރާ ރަށްތައް ބެލުމަށް ފަހު އެ ރަށްތައް ސަރުކާރުން އަތުލުމަށް ހުށަހަޅާ ކަމަށެވެ. އެފަދަ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން އުވާލަން ވެސް ހުށަހަޅާ ކަމަށެވެ.
މީގެ އިތުރުން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައި ދަނޑުވެރިކަން ކުރަނީ ދިވެހިން ކަން ކަށަވަރު ކުރުމަށް ކައުންސިލްތަކާއި އެލްޖީއޭ މެދުވެރިކޮށް މަސައްކަތް ކުރަން ހުށަހަޅާފައިވެ އެވެ. އަދި ދަނޑުވެރިކަން ކުރާނެ ޖާގަ ނެތް ރަށްރަށުގެ މީހުނަށް އެފަދަ ރަށްރަށާއި އިތުރު ފަޅު ރަށްތައް ކުރު މުއްދަތަކަށް ދޫކުރަން ވެސް ހޫށަހަޅާފައިވެ އެވެ. އެ ގޮތަށް ދޫކުރަން ވާނީ ރަށެއްގެ ބިންތައް އެއް މީހަކަށް ވުރެ ގިނަ މީހުނަށް ދޫކުރާ އުސޫލަކުން ކަމަށް ރިޕޯޓުގައިވެ އެވެ.
ލާމަރުކަޒީ ކޮމިޓީގެ ރިޕޯޓުގެ އިތުރުން އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓުތައް ވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އެ މައްސަލަ ވަނީ މަޖިލީހުގެ 12 ކޮމިޓީއަކުން ދިރާސާކޮށްފަ އެވެ. އޭގެ ތެރެއިން 10 ކޮމިޓީއެއްގެ ރިޕޯޓު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައިވާއިރު މިއަދު ތަޅުމުން ފާސްކުރީ ހަތަރު ކޮމިޓީއެއްގެ ރިޕޯޓެވެ.
މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީތަކުން ފޮނުވާފައިވާ ރިޕޯޓުތަކުގައި ސަރުކާރަށް ފޮނުވާ ލަފާގައި ހިމަނާނެ 300 އަށް ވުރެ ގިނަ ހުށަހެޅުން ހިމަނާފައިވެ އެވެ.