ކޮވިޑް-19 ގެ ސަބަބުން އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ކޮންމެ ދިވެހި ފަރުދަކަށް އިނާޔަތެއް ސަރުކާރުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފި އެވެ.
ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލާގައި މަޖިލީހުގެ އިގްތިސާދީ ކޮމިޓިން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ ބައިނަލް އަގްވާމީ އިގްތިސާދީ އަދި މާލީ އިދާރާތަކުގެ ލަފައާ އެއް ގޮތަށް ހަގީގަތުގައި މަސައްކަތް ނުކުރެވޭ ކަމަށެވެ.
ބައިނަލް އަގްވާމީ ބައެއް މާލީ އިދާރާތަކުގެ ރިޕޯޓުތަކާ ހަވާލާދީ ބޮންޑެ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހެނީ ރައްޔިތުންގެ ފުރާނައާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. ދެން އިސްކަމެއް ދޭން ޖެހެނީ ރައްޔިތުންގެ ދިރިއުޅުން އާރާސްތުކޮށް ރައްކާތެރި ކުރުމަށެވެ. އިގްތިސާދު ރިކަވާ ކުރުމުގެ މަސައްކަތަކީ އޭގެ ފަހަށް ކުރަން އޮންނަ މަސައްކަތެއް ކަމަށް ބޮންޑެ ވިދާޅުވި އެވެ.
އެހެންކަމުން ސަރުކާރުންނާއި މަޖިލީހުން ވެސް ފުރަތަމަ މަސައްކަތް ކުރަންވީ މި ވަގުތު މާލީ ހާލަތު ދަށްވާ ރައްޔިތުންނަށް އެހީތެރިކަން ދިނުމަށް ކަމަށާއި ކޮންމެ ދިވެއްސަކަށް 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދިނުމަށް ގޮވާލައްވާ ކަމަށް ބޮންޑެ ވިދާޅުވި އެވެ.
ބޮންޑެ ވިދާޅުވީ ކޮވިޑް-19 ގެ އިގްތިސާދީ ހިނާރު ކަމުގެ ހާލަތު ނިމުމުން އަލުން އިގްތިސާދު އާރާސްތު ކުރާއިރު ނުވަތަ ރިކަވާ ކުރާއިރު ސަރުކާރުން ތައާރަފު ކުރާ ޓެކްސްއެއް މެދުވެރިކޮށް އިނާޔަތް ދިނުމަށް ކުރި ހޭދަ އަލުން ހޯދޭނެ ކަމަށެވެ.
"އަޅުގަނޑު ހަމަ ގޮވާލަން ސަރުކާރުން ކޮންމެ ފަރުދަކަށް 5،000 ރުފިޔާ އާއި 10،000 ރުފިޔާގެ އެލަވަންސްއެއް ދޭން. ދެން މި ހާލަތު ނިމުން އިކޮނޮމިކް ރިކަވަރީ ޓެކްސްއެއް ތައާރަފު ކުރަންވީ. އެ ޓެކްސް ނަގާނެ ޝެޑިއުލްއެއް ހަމަޖައްސައި މި ފައިސާ އަނބުރާ ދައުލަތަށް ނެގޭނެ، ކުރެވިދާނެ ކަމެއް އެއީ ޖީއެސްޓީ އިތުރު ކުރުން ވެސް،" ބޮންޑެ ވިދާޅުވި އެވެ.
މި ހާލަތުގައި ވިޔަފާރިތަކާއި އާންމު ފަރުދުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން ތައާރަފުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖްގެ ދަށުން ވަޒީފާ ގެއްލޭ ފަރާތްތަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް 5،000 ރުފިޔާގެ އިނާޔަތަކާއި ވިޔަފާރިތަކަށް ލޯނު ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ އެ ޕެކޭޖްގެ ދަށުން ތިން އަހަރު ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިޑިއަކާއި ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރެވޭނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފައި ކުންފުނިތަކަށް މުވައްޒަފުން މަދުނުކުރަން ޝަރުތު ކުރެ އެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައި ވަނީ ވަޒީފާ ގެއްލޭ ފަރާތްތަކުގެ އެލަވަންސްގައި އަމިއްލަ މަސައްކަތް ކުރާ މީހުން ނުވަތަ ފްރީލާންސަރުން ހިމަނަން ހުށަހަޅައިފަ އެވެ. ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރާ އަދަދު 30 ޕަސެންޓަށް އިތުރު ކުރުމަށާއި ކާބޯތަކެތި ހަދާ ފަރާތްތަކަށް ޕެކޭޖުން އިތުރު ފުރުސަތުތަކެއް ދނުމަށް ވެސް ހުށަހަޅާފައިވެ އެވެ.