ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ޓޫރިސްޓުންގެ އަތުން ކޮވިޑް ޓެކްސްއެއް ނަގަން ފާހެއް ނުކުރި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރުތައް ޓޫރިސްޓުންނަށް އަލުން ހުޅުވާލާއިރު ރާއްޖެއަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން "ކޮވިޑް ޓެކްސް" ގެ ނަމުގައި އާ ޓެކްޒޭޝަނެއް ތައާރަފު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާހެއް ނުކުރި އެވެ.

ރާއްޖެ އަލުން ހުޅުވާލުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ޑްރާޕްޓް ކަރުދާސް ދިރާސާކުރި އިގްތިސާދީ ކޮމިޓީން ވަނީ ޓޫރިސްޓުންގެ އަތުން ކޮވިޑް ޓެކްސްގެ ގޮތުގައި އަށް އެމެރިކާ ޑޮލަރު ނަގަން މަޖިލީހުން ސަރުކާރަށް ހުށަހެޅުމަށް ނިންމައިފަ އެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގައި ވެސް އިންނަވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ، ކޮވިޑް ޓެކްސްއެއް ނަގަން ކޮމިޓީން ނިންމީ ސަރުކާރަށް އާމްދަނީއެއް ހޯދުމުގެ ގޮތުން އިތުރު ފީއެއް ނަގަން ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ވިސްނުމުގައި ވެސް އޮތުމުން ކަމަށެވެ.

ނަމަވެސް ތަޅުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ މި ހާލަތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަތުން އިތުރު ޓެކްސްއެއް ނަގަން ދެކޮޅު ހައްދަވައިފަ އެވެ. އަދި އެހެން ގައުމަތަކަށްވުރެ ރާއްޖޭން ޓޫރިސްޓުންގެ އަތުން ނަގާ ފީތަކުގެ އަގާއި އިތުރު އަގުތައް ވެސް ކުޑަވާން ވާނެ ކަމަށް ގިނަ މެންބަރުން ވިދާޅުވި އެވެ.

ކޮމިޓީގެ ރިޕޯޓް މުޅި މަޖިލީހުގެ ކޮމިޓީއަކަށް ގެންގޮސް އަނެއްކާ ދިރާސާކުރަން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި އެވެ. މުޅި މަޖިލީހުގެ ކޮމިޓީއަކުން މިއަދު ދިރާސާކޮށް ނިންމަން ފާސްކުރީ 62 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވީ އިތުރު އެއްވެސް ޓެކްސްއަކާއި ފީއެއް ނުނެގުމަށް ސަރުކާރަށް މަޖިލީހުން ހުށަހެޅުމަށެވެ. އެ ހުށަހެޅުމާއެކު ކޮމިޓީގެ ރިޕޯޓް ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ޓޫރިޒަމްގެ ގައިޑްލައިނާ ގުޅޭ ގޮތުން ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުންނާ އެއް ގޮތަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދެވީ ޓެކްސްތަކެއް އިތުރަށް ނެގުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވެސް ވިދާޅުވީ އެހެން ގައުމަކަށްވުރެ ބޮޑު އަގެއްގައި ރާއްޖެއަށް ޓޫރިސްޓުން ގެންނަނަމަ ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދުވާނެ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގައި އެ ވިޔަފާރި ނުހިނގާނެ ކަމަށާއި ސަރުކާރަށް ވެސް އާމްދަނީއެއް ނުލިބޭނެ ކަމަށެވެ.