ރިއަލް ސްޓޭޓް ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ބޭންކްތަކުން ހަމަޖައްސާފައިވާ ލުއިތައް ދޭއިރު އެޕާޓްމަންޓްތަކާއި ގެތަކުގެ ކުލި ކުޑަ ކުރަން ޖޭ ގޮތަށް އެ ލުއިތައް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުމާއެކު އެ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލާގައި އިގްތިސާދީ ކޮމިޓީގެ ހުށަހެޅުންތަކާއެކު ތަޅުމަށް ފޮނުވި ރިޕޯޓު ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އިގްތިސާދީ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ، ރިއަލް ސްޓޭޓް ޕްރޮޖެކްޓްތަކަށް ނަގާފައިވާ ލޯނުތަކަށް ބޭންކްތަކުން ލުއި ދީފައިވާ ލޯނުތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކާއި ގެތަކުގެ ކުލި ކުޑަ ވާން ޖެހޭ ގޮތަށް ބަދަލެއް ގެނެސް ލުއި ދިނުމަށް މަޖިލީހުގެ ލަފާގައި ހިމެނުމަށް ހުށަހަޅައިފަ އެވެ.
ސަރުކާރުގެ އިކޮނިމިކް ޕެކޭޖްގެ ތެރެއިން ދޭން ނިންމާފައިވާ ވަޒީފާ ގެއްލޭ ފަރާތްތަކުގެ އެލަވަންސްގައި އަމިއްލަ މަސައްކަތް ކުރާ މީހުން ހިމަނަން ހުށަހަޅައިފަ އެވެ. ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރާ އަދަދު 30 ޕަސެންޓަށް އިތުރު ކުރުމަށާއި ކާބޯތަކެތި ހަދާ ފަރާތްތަކަށް ޕެކޭޖުން އިތުރު ފުރުސަތުތަކެއް ދނުމަށް ވެސް ހުށަހަޅާފައިވެ އެވެ.
އިގްތިސާދީ ކޮމިޓީން ހުށަހުޅުންތައް
- ވެލިއު އެޑެޑް ތަކެއްޗާއި ކާބޯތަކެތި ހަދާ ފަރާތްތަކަށް ރިލީފް ޕެކޭޖުން ފުރުސަތު ހޯދައިދިނުން
- ކާބޯތަކެތި އަދި ބޭސް އެތެރެ ކުރާ ފަރާތްތަކަށް ބޭރު ފައިސާ ލިބޭކަން އެމްއެމްއޭއިން ކަށަވަރުކުރުން
- ވަޒީފާ ގެއްލޭ ފަރާތްތަކަކުގެ އެލަވަންސްގައި އަމިއްލަ މަސައްކަތް ކުރާ މީހުން ހިމެނުން
- އެޕާޓްމަންޓްތަކާއި ގެތަކުގެ ކުލި ކުޑަ ވާން ޖެހޭ ގޮތަށް ލޯނުގެ ލުއިތައް ހަމަޖެއްސުން
- ރިސޯޓުތަކުގެ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާތައް ދެނެގަނެ ރިލީފް ޕެކޭޖެއް ދިނުން
- ރިލީފް ޕެކޭޖްގެ ދަށުން ކުދި ވިޔަފާރިތަކަށް ދޫކުރާ އަދަދު 30 އިންސައްތައަށް އިތުރު ކުރުން
- ޕެކޭޖް ތަންފީޒު ކުރެވެމުންދާ ގޮތުގެ ތަފުސީލުތައް ކޮންމެ 15 ދުވަހަކުން ކޮމިޓީއަށް ދިނުން
މިއަދުގެ ޖަލްސާގައި ވަނީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ރިޕޯޓު ވެސް ފާސްކޮށްފަ އެވެ. އެ ކޮމިޓީގެ ރިޕޯޓުގައި ހުށަހަޅާފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ދައުލަތުން ހިންގުމަށް ބޭނުންވާ ފައިސާ ހޯދަން ބޭރުގެ އެހީން ލިބޭ ފައިސާ ހޯދުން އަވަސް ކުރުމަށާއި ވީހާވެސް ލުއި ގޮތަކަށް އެ ފައިސާ އަނބުރާ ދެއްކޭނެ ގޮތްތަކެއް ހޯދުމަށެވެ.
މީގެ އިތުރުން އިއްޔެގެ ޖަލްސާގައި ވަނީ ލާމަރުކަޒީ ކޮމިޓީ އާއި، އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި، ޕެޓިޝަން ކޮމިޓީ އާއި، ޖުޑިޝަރީ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓުތައް ފާސްކޮށްފަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މަޖިލީހުން ލަފާ ދިނުމުގެ މައްސަލަ މަޖިލީހުގެ 12 ކޮމިޓީއަކުން މި މައްސަލަ ދިރާސާކުރާއިރު، ހަ ކޮމިޓީއެއްގެ ރިޕޯޓު މިހާތަނަށް ވަނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްފަ އެވެ.
މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މައްސަލަ ދިރާސާ ކުރިއިރު 12 ކޮމިޓީގެ ފަރާތުން ސަރުކާރަށް ފޮނުވާ މަޖިލީހުގެ ލަފާގައި ހިމެނުމަށް 300 އަށް ވުރެ ގިނަ ހުށަހެޅުން ކޮމިޓީތަކުގެ ރިޕޯޓުގައިވެ އެވެ.