ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

އިގްތިސޯދު މަސްވެރިންގެ އަތްމައްޗަށް!

ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބަކީ ޓޫރިޒަމްގެ ސިނާއަތެވެ. އެންމެން އުޅެނީ "ޓޫރިޒަމް" ވެގެންނެވެ. އެހީތައް ވެސް ލިބެނީ ޓޫރިޒަމްގެ ވިޔަފާރި ތަކަށެވެ. މޮޅު ޕްލޭންތައް ހަދަނީ ވެސް ޓޫރިޒަމަށްޓަކަ އެވެ. ދެވަނަ ސިނާއަތެއްގެ ގޮތުގައި އޮތީ އިމާރާތް ކުރުމުގެ ދާއިރާ އެވެ. ބޭންކު ތަކުން ހުރިހާ ލޯނެއް ދިނީ އެ ދާއިރާ އަށެވެ. ލުއި ފަސޭހަ ފައިނޭންސިންގެ އެތަށް އެހީއެއް އެ ސިނާއަތަށް ލިބެމުން ދިޔަ އެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ބަލާއާފަތް ދުނިޔޭގައި ފެތުރެން ފެށުމާއެކު ކުރިން ކުރަމުން އައި ހުރިހާ މަސައްކަތް ތަކެއް ބަދަލު އެކޮޅުކޮޅުން ޖެހިއްޖެ އެވެ.

ޓޫރިޒަމް ސިނާއަތާއި އިމާރާތް ކުރުން ވަގުތީ ގޮތުން ނަމަވެސް ހުއްޓިއްޖެ އެވެ. މިއާއެކު މިހާރު ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބަކަށް ނުވަތަ އިގްތިސޯދުގެ ލޭ ނާރަކަށް ވަގުތީ ގޮތުން ނަމަވެސް އަނެއްކާ ވެސް މި ވަނީ މަސްވެރިކަން އައިސްފަ އެވެ. ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމުގެ ހުރިހާ ޒިންމާއެއް މި ވަގުތު މިވަނީ މަސްވެރިންގެ އަތް މައްޗަށް ދޫވެފަ އެވެ. މިހާރު ކުރަން ޖެހޭ ކަމަކީ "ބެޔަސް ނުބެޔަސް ދިހަހާސް" ދީގެން ވިޔަސް މަސްވެރިން މަހަށް ފުރުވަން ހިތްވަރު ލިބޭނެ ބަދަލު ތަކެއް ގެނައުމެވެ.

"އެހެން ހުރިހާ މަސައްކަތްތެއް މި ވަނީ ހުއްޓިފައި. މިހާރު މި އޮތީ މަސްވެރިކަން. މަސްވެރިން ހިތްވަރުކޮށް، އެ ދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުން ވެސް މަސްވެރިންނާއެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ދަނީ ކުރަމުން،" ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި އެވެ.

މިހާރު ކުރަން ޖެހޭ ކަމަކީ މަސްވެރިން މަހަށް ފުރަން ހިތްވަރު ދޭނެ ބަދަލުތަކެއް ގެނައުމެވެ. މިއީ އެ މީހުން ލައްވައި މަސައްކަތް ކުރުވައި، މުޅިންއާ ހިސާބަކަށް މި މަސައްކަތް ގެންދަން ލިބޭނެ އާ ފުރުސަތެކެވެ.

އެކަމަކު މިހާރު ގެނެވޭނީ ކޮން ބަދަލެއް ހެއްޔެވެ؟

އަގު ދަށްކޮށް، ފައިސާ ދޭން ޖެހޭ ވަގުތު!

މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި މިހާރު ކުރަން ޖެހޭ އެއް ކަމަކީ މަސްވެރިންނަށް ފައިސާ ދެވޭނެ ހަރުދަނާ އުސޫލެއް ގާއިމް ކުރުމެވެ. ބަރާބަރަށް ފައިސާ ދެވޭނެ ގޮތަކީ ކޮބައިތޯ ހޯދައި އެކަން އެގޮތަށް ކުރުމެވެ.

ރާއްޖޭގެ ކަނޑުމަހާއި ކަންނެލީގެ މަސްވެރިކަމުގައި ގާތްގަނޑަކަށް 17،000 މީހުން މަސައްކަތް ކުރެ އެވެ. މިއީ ޓޫރިޒަމް ސިނާއަތުގައި ވެސް ގާތްގަނޑަކަށް މަސައްކަތް ކުރާ ދިވެހިންގެ އަދަދެވެ. ޓޫރިޒަމް ހުއްޓި ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާތީ މިހާރު ވަޒީފާ ގެއްލުމުނު ގިނަ ބަޔަކު ތިބީ އެކި ރަށްރަށުގަ އެވެ. އެހެންވެ އެ މީހުންގެ ޒިންމާ ވެސް އޮތީ މަސްވެރިންގެ ބޮލުގައި އެޅިފައޭ ބުނެވިދާނެ އެވެ.

ނަމަވެސް މަސް ކިރުވާ ފައިސާ ބަރާބަރަށް ނުލިބުމަކީ މަސްވެރިންނަށް އޮތް ހިތްދަތި ކަމެކެވެ. ކުރިއަށް ރޯދަ މަސް އޮތްއިރު، މަސްވެރިންނަށް ފައިސާ ދޭނެ ގޮތެއް ހޯދަން އެބަޖެހެއެވެ. އެއްވެސް އިރެއްގައި މަސްވެރިންނަށް ފައިސާއެއް ނުދެވެ އެވެ. ނަމަވެސް މިހާރު މިއޮތް ހާލަތުގައި ބަރާބަރަށް ފައިސާ ދޭން ހަދާނީ ކިހިނެއް ހެއްޔެވެ؟

މަސްވެރިން ކިރުވާފައިވާ މަހަށް މިހާރު ވެސް ގާތްގަނޑަކަށް 70 މިލިއަނެއްހާ ރުފިޔާ ލިބެން ޖެހެ އެވެ. މަސްވެރިންނަށް ފައިސާ ދޭން ސަރުކާރަށް އަބަދު ވެސް ދިމާވާ ގޮންޖެހުމަކީ ރާއްޖޭގައި މަސް ކިލޯއެއް 20ރ. އަށް ހުންނައިރު، ބޭރުގައި މަހުގެ އަގު ދަށްވުމެވެ. އޭގެ ނަތީޖާއަކީ މަސް ގަންނަ ކުންފުނިތަކަށް ގެއްލުންވުމެވެ. އެހެންވެ މިފްކޯ އަށް މަސްވެރިންނަށް ފައިސާ ދޭން ދަތިވަނީ އެވެ.

ނަމަވެސް މިހާރުގެ ހާލަތުން މަހުގެ އަގު ދަށްކޮށްގެން ނަމަވެސް ފައިސާ ދެވޭނެ ގޮތެއް ހަދަން އެބަ ޖެހެ އެވެ. މިއީ ހާއްސަ ހާލަތެކެވެ. މިހާރުގެ ހާލަތުން އަގު ދަށް ކުރި ނަމަވެސް މަސްވެރިންގެ ޝަކުވާއެއް ނޯންނާނެ އެވެ. މިހާރު މުހިންމީ ފައިސާކޮޅު ބަބާރަށް ލިބޭނެ ގޮތެއް ވުމެވެ. މި ކަމަށް އިތުރު ފަސޭހައެއް ލިބިގެންދާ އެއް ސަަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްކޮށް ހުރުމެވެ. އެހެންވެ، މަސް ގަންނަން ބޭނުންކުރާ އައިސްގެ އަގު ވެސް ދަށް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ބައެއް މަސްވެރިންގެ ވެސް މިހާރު ބޭނުންވާނީ އަގު ދަށްކޮށްގެން ނަމަވެސް މިކަން މިވަގުތަށް ކުރާށެވެ. މިއީ އެ ވަގުތެވެ. ރާއްޖޭގެ ރަށްރަށް ފަގީރު ކަމުން ސަލާމަތް ކުރަން ވެސް އޮތް މުހިންމު އެއް މަގަކީ މަސްވެރި ކަމަށް ދިރުން ލިބޭނެ ބަދަލުތަކެއް ގެންނަން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމެވެ.

މަސްވެރިކަމުގައި ގިނަ އަދަދެއްގެ ޒުވާނުން މަސައްކަތް ކުރާ، ކޮލަމާފުށީ ދޯންޏެއްގެ މަސްވެރިއަކު ބުނި ގޮތުގައި ކުރިއަށް ރޯދަ މަސް އޮތްއިރު، މަހުގެ އަގު ދަށްކޮށްގެން ނަމަވެސް ފައިސާ ދިނުން މުހިންމުވެ އެވެ.

"ރިސޯޓުތަކުން އައި ގިނައަދަދެއްގެ ޒުވާނުން ތިބީ ރަށުގައި. އޭގެ ގިނަ ކުދިން ތިބީ މުސާރަ ނުލިބި. ނޫނީ ބައެއް ދީފަ ދޫކޮށްލާފައި. އެހެންވެ އެ ހުރިހާ ބުރައެއް މި އަަންނަނީ މަހަށް ދާ މީހުން ތިބި އާއިލާ ތަކަށް. އެހެންވެ ބަރާބަރަށް ފައިސާ ލިބުން ވަރަށް މުހިންމު،" އޭނާ ބުންޏެވެ.

ސަރުކާރުން އަބަދުވެސް މަސްވެރިންނަށް ފައިސާ ދޭން މަސައްކަތް ކުރާ ކަމަށް ބުނެ އެވެ. އަދި ޑިލޭއެއް ލައިގެން ނަމަވެސް ފައިސާ ދެ އެވެ.

އެމްޑީ އިސްމާއިލް ވިދާޅުވި ގޮތުގައި މަސްވެރިންނަށް ފައިސާ ދޭން އެ ކުންފުނިން މިހާރުވެސް ބުރަކޮށް ސަރުކާރާއެކު މަސައްކަތް ކުރަމުން ގެންދެ އެވެ.

"މަސްވެރިންނަށް ފައިސާ ފޮނުވަން އުޅެނިކޮށް ޓޯޓަލް ލޮކްޑައުން އަކަށް ދިޔައީ. އެހެންވެ ބޭންކްތައް ވެސް ބަންދުވީ ނަމަވެސް މިހާރު މަސައްކަތް ކުރަމުން މިދަނީ މަސްވެރިންނަށް ފައިސާ ދޭން،" އިސްމާއިލް ވިދާޅުވި އެވެ.

ބޭރު ފައިސާ ލިބޭނެ ހަމައެކަނި މަގު

ރާއްޖޭގެ އިގްތިސޯދު ހީނަރުވެއްޖެ އެވެ. ޓޫރިޒަމެއް މިވަގުތަކު ނެތެވެ. މީގެ ސަބަބުން ބޭރު ފައިސާ ލިބެން ހުރި ދޮރުތައް ވެސް ވަނީ ބަންދު ވެގެން ގޮސްފަ އެވެ. އެހެންވެ މިހާރު އޮތް ހަމައެކަނި މަގަކީ މަސްވެރިކަމެވެ. ދުނިޔޭގެ ގިނަ މާކެޓުތަކުގައި "ބޮޑު ތަޅު" އަޅުވާފައި ވިޔަސް ކޮންމެ ވެސް ވަރަކަށް އެކްސްޕޯޓް ކުރެވުމަކީ ދިވެހިންގެ ނަސީބެވެ. ތައިލެންޑުގެ ބާޒާރަށް ރޯމަސް އެކްސްޕޯޓް ކުރެވެ އެވެ. މިދިޔަ އަހަރު ރޯމަހާއި ދަޅު މަހުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާގެ މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވެ އެވެ.

މަސްވެރިކަން ރަނގަޅު ވަގުތެއް

ތެލުގެ އަގު ދަށްވެފައި ވަނިކޮށް، މަސްވެރިކަން ރަނގަޅުވުމަކީ މަސްވެރިންނަށް ލިބޭނެ ހިތް ވަރެކެވެ. އާއްމުކޮށް މަހަށްދާ ދޯންޏަކުން 70،000ރ. ހޭދަ ކުރާއިރު، މިހާރުގެ ހާލަތުން މި އަދަދު ދަށްވާނެ ކަމަށް ބެލެވެ އެވެ. މަސްވެރިކަން ރަނގަޅުވުމުން މިހާރު ދުވާލެއްގެ މައްޗަށް 300 ޓަނުގެ މަސް މިފްކޯއަށް ކިރުވަ އެވެ.

މަސްވެރިންނަށް މިހާރު ދަތި ތަކެއް އެބަހުއްޓެވެ. ކޮވިޑް-19 އާ ގުޅިގެން ބައެއް ރަށްރަށަށް އެރުން ބަންދު ކޮށްފައިވާތީ، މަސްވެރިންނަށް އައިސް ހޯދުމުގައި ދަތިވެ އެވެ. އެހެންވެ މިކަމަކީ ކޮންމެވެސް އުސޫލެއްގެ ދަށުން ބަދަލު ގެންނަން ޖެހޭ ކަމެކެވެ. އަދި ކުރިއަށް އޮތީ މަސްވެރިކަން އެހާ ރަނގަޅު ނޫން ދުވަސް ވަރެކެެވެ. އެހެންވެ، މިހާރު ކުރަން ޖެހޭ ކަމަކީ މަސްވެރިން މަހަށް ފުރަން ހިތްވަރު ލިބޭނެ ބަދަލު ތަކެއް އަވަހާ ގެނައުމެވެ.

ރާއްޖޭގެ އިކޮނޮމީ މިހާރު އޮތް ގޮތުން މަސްވެރިކަން ނޫން މަސައްކަތެއް ނެތެވެ. ހާއްސަކޮށް ބޭރު ފައިސާ ލިބޭނެ އިތުރު ވަސީލަތެއް ނެތެވެ. އަދި ދިވެހިންގެ ފުޑް ސެކިއުރިޓީ ޔަގީން ކޮށްދޭނެ އެއް ވަސީލަތަކަކީ ވެސް މި ދާއިރާ އެވެ. އެހެންވެ މަސްވެރިކަމަށް ދިރުން ލިބޭނެ ހެޔޮ ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ސަރުކާރަށް އެ ފޯމިއުލާ ނުހޯދިއްޖެއްޔާ ހާލަތު ވަރަށް ގޯސްވާނެ އެވެ.