ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަސް ގަންނަ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯނެއް

Mar 16, 2020
1

ކޮވިޑް-19 ގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން މިއަދު ގިނަ ލުއިތަކެއްދީ، އިތުރު ލޯނު ފެސިލިޓީއެއް ދިނުމަށް ނިންމައިފި އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން، މަސްވެރިކަމަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން، ސަރުކާރުން މިއަދު ވަނީ އެކްސްޕޯޓްކުރާ ފަރާތްތަކާއި މަސްވެރިންނާއި މަޝްވަރާކޮށް، މަސް ގަތުމަށް ވަގުތީ ހައްލެއް ހޯދައިދީފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގެންނެވި އެ މަޝްވަރާތަކަށްފަހު އޮޑިދޯނުފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް މިހާރު ދޫކޮށްފައިވާ ލޯނުތަކަށް ލުޔެއް ދިނުމުގެ އިތުރުން، މަސް ގަންނަ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަ ކުރަން ސަރުކާރުން "އިގްތިސޯދީ އެހީ" ގެ ޕެކޭޖެއް ނެރެން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މީގެ ކުރިން ވިދާޅުވެފައިވަނީ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ވަޒީފާތައް ގެއްލުމުން ސަލާމަތް ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ޕެކޭޖެއް ނެރެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޕެކޭޖުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުއި ފަސޭހަ ގޮތެއްގައި ފައިނޭންސް ހަމަ ޖެހިގެން ދާނެ ކަމަށެވެ.

ގައުމީ ބޭންކުން ވަނީ ޓޫރިޒަމް ސެކްޓާގެ ގެސްޓްހައުސް އާއި ރިސޯޓު ތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ދެ މިލިއަން ޑޮލަރާ ހަމައަށް (ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ) ނެގޭ ލޯނު ފެސިލިޓީއެއް ދީފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.