ޒަހާ ވަހީދު

"މަސް ކުންފުނިތަކުގެ ގުޅުމެއް ނެތް، އެއީ މައްސަލަ"

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުކުރެވެނީ ސިނާއަތުހައި ހަރަކާތްތެރިވާ ކުންފުނިތައް އެކުވެ، ގުޅިގެން މަސައްކަތް ނުކުރާތީ ކަމަށް ވިދާޅުވެ މިހާރު އުފުލިފައިވާ މައްސަލަ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެހެން ދިމާއަކަށް އަނބުރާ ލައްވައިފި އެވެ.

މުޅި ރާއްޖެއަށް މަސްވެރިކަން ރަނގަޅުވެ، އަދި މުޅި ރާއްޖޭގައިހެން މަސްވެރިންގެ ޝަކުވާތައް ވަރަށް ބޮޑުވެފައި ވަނިކޮށް ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ޒަހާ ބައިވެރިވެ ވަޑައިގެންނެވި އިރު، އެކަމަނާއަށް ވެސް ވަނީ ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އެ ޕްރޮގްރާމްގައި ޒަހާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ކަޅުބިލަމަހުގެ މަސްވެރިކަމުގައި މަސް ގަންނަން ހަތަރު ކުންފުނި އޮތް ނަމަވެސް އެ ދާއިރާގައި ހަރަކާތްތެރި ވަނީ އޭގެ ތެރެއިން ދެ ކުންފުންޏެއް ކަމަށެވެ. -- އޭގެ ތަފުސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްވެރިންނަށް ދިމާވެފައިވާ ދައްޗާއި ތުރާ ހައްލު ކުރަން ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޮތް ކަންބޮޑުވުމަކީ ދިވެހި މަސްވެރިކަން ކުރި އަރައިދާ މިންވަރަށް އެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ކުރިއަށް ނުގޮސް މަޑު ޖެހިފައި ވުމެވެ.

އެގޮތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އޮޕަރޭޝަން ފެށި އިރު މަސްވެރިކަމަށް ނުކުތް ކުދި ދޯނިފަހަރުގެ ބަދަލުގައި މިހާރު ބޮޑެތި ދޯނިފަހަރު ބާލާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ އެ ފެންވަރުގައި މިފްކޯ ކުރިއަރައި ގޮސްފައި ނެތް ކަމަށެވެ. އަދި އެއީ އެންމެ ބޮޑު އެއް މައްސަލަ ކަމަށާ އެ މައްސަލަ ހައްލު ކުރަން ގިނަ ދުވަސްތައް ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ކުރިން ހަރަކާތްތެރިވި އަމިއްލަ ކުންފުންޏަކަށް ނިސްބަތްވާ ށ. ކީކިމިނީގެ މަސައްކަތްތައް މުޅީން ހުއްޓިފައި ވާއިރު ކީކިމިނީ އޮޕަރޭޝަންނަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވެސް ޒަހާ ރޭ ވިދާޅުވި އެވެ. ނަމަވެސް ދިގުލައިގެން ދާނެ އެ މަަސައްކަތް އޮތީ އަންނަ އަހަރުގެ ކިހާ ހިސާބެއް ކަމެއް ވިދާޅެއް ނުވެއެވެ.

ޗުއްޓީއަށް ފަހު ރައްޔިތުންގެ މަޖިިލިސް އަލުން ހުޅުވޭ އިރު އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލައްވަން ޖެހި ވަޑައިގަންނަވާނެ ކަމުގެ އިޝާރާތް އޮތް މިނިސްޓަރު ރޭގެ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި ސިނާއަތް ތަރައްގީ ކުރަން މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ބައެއް ތަފްސީލުތަކަށް ވެސް ވަޑައިގެންނެވި އެވެ. ވިދާޅުވީ މަސްވެރި ކަމަށް ތ. އަތޮޅު ފުނައައްޑޫ ބީލަމަށްލާފައިވާ ކަމަށާއި މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދާން އިތުރު ދެ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން މަސް ޕްރޮސެސް ކުރާ ކާރުހާނާ، ފެލިވަރާއި ދެކުނުގެ ކޫއްޑޫ އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ، 40 ޓަނުގެ ކެޕޭސިޓީއެއް އޮތް ފެލިވަރާއި 2000 ޓަނުގެ ކެޕޭސިޓީއެއް އޮތް ކޫއްޑޫއަށް 4000 ޓަނުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ މާޗް މަހު ފެލިވަރުން ބިން ހިއްކަން ފަށާނެ ކަމަށެވެ. އަދި ޖުލައި އެ ރަށުގައި އިތުރު ފެސިލިޓީތައް ގާއިމް ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 2021 ގައި މިފްކޯ ތަރައްގީ ކުރުމަށް 530 މިލިއަން ރުފިޔާ ސަރުކާރުން އިންވެސްޓް ކުރާނެ އެވެ. އަދި އޭގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ހީނުކުރާހާ ވަރުގެ ކުރިއެރުމެއް ލިބި މަސްވެރިންގެ ގިނަ ޝަކުވާތަކަށް ވެސް ނިމުން އަންނާނެ އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ހަމައެކަނި މިފްކޯ ކުރިއަރައިގެން މަސްވެރިންގެ މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށާއި ހުރިހާ ކުންފުނިތަކުން ވެސް ވާދަވެރި ކަމާއެކު މި މަސައްކަތުގައި ދެމިތިބެން ޖެހޭނެ ކަމަށެވެ.

ނިމޭން މިދާ ޑިސެމްބަރު މަހުގުގެ ކުރީ ކޮޅުން ފެށިގެން ރާއްޖޭގެ މަސްވެރިން ދަނީ އެކި ސިފަ ސިފައިގައި އިހުތިޖާޖްތައް ކުރަމުންނެވެ. އަދި ބޮޑު ކަންނެލީގެ މަސްވެރި ކަމުގެ ޔޫނިއަނެއް އުފައްދާ އަޑު ހަރުކޮށްފައި ވެސް ވެއެ އެވެ. އޭގެ ސަބަބުން ފުރަތަމަ ފަހަރަށް ފުލުހުން ބޭނުންކޮށްގެން މަސްވެރިންގެ އިހުތިޖާޖެއް ރޫޅައިލަން ވެސް ސަރުކާރަށް މަޖުބޫރުވި އެވެ. އެ މުޒާހަރާ ކުރީ ފެލިވަރު ކާރުހާނާގަ އެވެ.