ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ މަސްވެރިކަމެއް ކޮށްގެން ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާނެ ކަމަށާއި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ އަކީ އިގްތިސޯދަށް މަންފާ ހޯދަން މަސައްކަތްކުރާ މިނިސްޓްރީއަކަށްވާއިރު މިޔަރު މަސްވެރިކަމަށް ފުރުސަތު ދޭން މަޝްވަރާތައް ވެސް ކުރާ ކަމަށެވެ.
އެކަމަނާ ވިދާޅުވީ މިޔަރަކީ ރާއްޖެއަށް އާމްދަނީ ލިބޭނެ ވަސީލަތަކަށް ވާއިރު އޭގެ ބޭނުން ނުކޮށް ތިބޭންވީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން އެ މަސްވެރިކަން ހުޅުވައިލައި އެކަން ކުރާނީ ކޮންގޮތަކަށްތޯ ބަލަން މަޝްވަރާތަކެއް ކުރަމުން ގެންދާ ކަމަށެވެ.
"ދުނިޔޭގަ މިޔަރު ހިމާޔަތް ކޮށްފައި ވަނީ މަދު ގައުމެއްގައި... އެއީ އިގްތިސޯދީ މަންފާއެއް ލިބޭ އެއްޗެއް، އަޅުގަނޑުމެން އެކަނި ހުދޫދެއްގެ ތެރޭގަ ތިބޭކަށް ނުޖެހޭ. މެނޭޖް ފިޝަރީއެއް ގޮތަށް ވަކި މުއްދަތަކަށް ހުޅުވާލާފައި، އާބާދީއަށް ގެއްލުން ނުވާ ގޮތަށް އޭގެ މަންފާ ހޯދަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.
މިޔަރަކީ ކަނޑުގެ ދިރުންތައް ޝިކާރަ ކުރާ މަހެކެވެ. މިޔަރު އާބާދީ އިތުރުވުމަކީ ކަނޑުގެ އެހެން ދިރުންތަކަށް އަސަރުކުރާ ކަމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގައި މިޔަރު ހިމަޔާތްކޮށްފައިވާއިރު މިއަރުގެ ހަމަލާތަކުގައި މީހުނަނަށް އަނިޔާވަމުން ދެ އެވެ. އަދި ފަހަކަށް އައިސް މިޔަރު ނެގުން ހުއްދަ ކުރަން ގޮވާލުން އިތުރުވެފައި ވެއެވެ.