ރިޕޯޓް

މިފްކޯ 30 މިލިއަން ޑޮލަރުގެ މަޝްރޫއަކަށް ތައްޔާރުވެފައި

ފެލިވަރުގެ ވަސީލަތްތައް މުސްކުޅިވެފައި ހުންނަތާ 43 އަހަރު ވެއްޖެ އެވެ. ކޫއްޑޫގެ އާބާތުރަ ފިލުވައިގެން، ގެންގުޅޭތާ 25 އަހަރު ވެއްޖެ އެވެ. މިފްކޯ ކަނޑު އޮތްގިރި ހަލާކުވެފައި އޮންނަތާ ލައްކަ ޒަމާން ވެއްޖެ އެވެ. ބަނދަރު ވެއްޓިގައިވުމުން ރަށަށް ވަށައިގެން ރާޅު އަރަ އެވެ. އެހެންވެ، މަސްވެރިކަން ތަރައްގީ ވެގެން މިއަދާ ހަމައަށްވެސް މި ވަސީލަތްތަކުގެ ހާލަތަކީ އެވެ. ނަމަވެސް ސަރުކާރުގެ މަސް ކުންފުނިން މިހާރު މިވަނީ މި ތަންތަން ތަރައްގީ ކުރަން ބޮޑު މަޝްރޫއު ތަކެއް ފަށަން ތައްޔާރުވެފަ އެވެ.

"ފެލިވަރާއި ކޫއްޑޫގައި މަޝްރޫއުތައް ފަށަން ފައިނޭންސް ވެސް ހަމަޖެހި ނިމިފައިވަނީ. މިކަން ވެގެންދާނެ މަސްވެރިންނަށް ވެސް ލިބިގެންދާނެ ބޮޑު ލުޔަކަށް. މަސްވެރިންނަށް ހިދުމަތް ދޭން މިފްކޯ އިން މިހާރު އުފުލަމުން ދާ ދަތި ތަކަށް ލިބޭނެ ބޮޑު ފަސޭހަ އަކަށް،" އަވަސް އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި އެވެ.

ފެލިވަރާއި ކޫއްޑު ތަރައްގީ ކުރުމުގެ ގޮތުން ފަށާ މަޝްރޫއަށް ފައިނޭންސް ދީފައިވަނީ ސައުދީ ފަންޑާއި އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގަ އެވެ.

ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް

އެގްޒިމް ބޭންކުގެ އެހީގައި ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގާނެ އެވެ. މި މަޝްރޫއުގެ ދަށުން ފެލިވަރު ފަޅުން ބައެއް ހިންގައިގެން މަސް ރައްކާކޮށް ފިނިކުރެވޭނެ ކާރުހާނާގެ އިތުރުން އިތުރު ފެސިލީޓީތައް ގާއިމް ކުރާނެ އެވެ. މި މަސައްކަތަށް ބޭނުންވާ ސަރަހައްދުގެ ބިން ހިއްކަން ފެށުމުގެ ގޮތުން ހަދަން ޖެހޭ ސާވޭއަށް މި މަހުގެ 21 ވަނަ ދުވަހު އެމްޓީސީސީގެ ޓީމެއް އެ ރަށަށް ދާނެ އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ފެލިވަރު ފަޅުން ތިން ހެކްޓަރު ހިއްކައިގެން ފަށާ މި މަޝްރޫއުގެ ދަށުން ފެލިވަރު ތަރައްގީ ކުރެވެނީ ދުވާލަކަށް 200 ޓަނު ފްރީޒް ކުރެވޭ ބްރެއިން ފެސިލިޓީ އާއި 4،000 ޓަނުގެ ސްޓޯރޭޖް ފެސިލިޓީ ގާއިމް ކުރާނެ ކަމަށެވެ.

"ވޭތުވެދިޔަ 43 އަހަރު މި ފެކްޓްރީ ހިންގަމުން ގޮސްފައިވަނީ އެތަނުގައި ހުރި ދުވަސްވީ ވަސީލަތްތަކާއެކު އެތާނގެ މުވައްޒަފުންގެ ވަރަށް ބޮޑު ހިތްވަރަކުން. އެތަނުގައި މިހާރު ހުރީ ގިނައިން މެނުއަލް ވޯކްސް ކުރާ ގޮތަށް. ލޭބަލް މެޝިން ކަމަށް ބެލި ނަމަވެސް މިހާރު ހުރީ ވަރަށް ކުރީގެ މެޝިންތަކެއް. މި ހުރިހާ އެއްޗެއް ބަދަލުކޮށްފަ. ފެކްޓްރީގެ ފްލޯ ވެސް ރިޑިޒައިން ކުރާނެ. އޭރުން ޕައުޗް ފެސިލިޓީ ވެސް 100 ޓަނަށް މަތި ވެގެންދާނެ،" ފައުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް އަވަސް ކުރަން ފިޔަވަޅު ތަކެއް އަޅަން ނިންމާފައިވާ ޓާކެޓަކީ 15 މަހުން މަސައްކަތް ނިންމުން ކަމަށެވެ.

"އަޅުގަނޑުމެން ކުރި ކަމަކީ މަސައްކަތް ފާސްޓް ކުރަން ކޮންސެލްޓެންޓެއް ހޯދީ. ޑީޓެއިލް ޑިޒައިންތަކާއި ހުރިހާ އެއްޗެއް އަޅުގަނޑުމެން ހަމަ ކުރާނީ. އެކަން ނިންމީ ސަރުކާރުން އިންޑިއަން އެގްޒިމް ބޭންކްއާ ވާހަކަ ދައްކައިގެން. މިއީ މަސައްކަތް ފަށަން އަވަސް ކުރަން އެޅި ފިޔަވަޅެއް،" ފައުޒީ ވިދާޅުވި އެވެ.

ކޫއްޑޫގައި 11.7 މިލިއަން ޑޮލަރުގެ މަޝްރޫއެއް

ކޫއްޑޫގައި ތަރައްގީ ކުރަން މިފްކޯ އިން ހިންގަން ނިންމާފައިވަނީ، ސައޫދީ ފަންޑުގެ އެހީގައި 11.7 މިލިއަން ޑޮލަރުގެ މަޝްރޫ އެކެވެ.

އެމްޑީ ފައުޒީ ވިދާޅުވީ މި މަޝްރޫއަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށާ، މިހާރު މަސައްކަތް ކުރަމުންދަނީ މަސައްކަތް ފެށުމުގެ ބައި ކަމަށެވެ. އަދި މި ދެ މަޝްރޫއަށް ވެސް އެއް ކޮންސެލްޓެންޓެއް ހޯދުމަކީ އެ ކުންފުނީގެ ވިސްނުމެއް ކަމަށެވެ.

"ބަނދަރު ހެދިއިރު، ރާއްޖޭގައި ބޭނުންކުރީ ކުރީގެ ސެކަންޑް ފިޝަރީޒް ދޯނި ފަހަރު. އެކަމަކު މިހާރު ދޯނި ފަހަރުގެ ސައިޒު 120 ފޫޓު ނޫނީ 130 ފޫޓަށް ބޮޑު ވެއްޖެ. އޭގެ ދެ ދޯނި ތިން ދޯނި ވަނީމަ މަސް ކިރަން ދަތިވޭ. އެހެންވެ، އަޅުގަނޑުމެން މި ބަލަނީ އެ ވަރުގެ އިތުރު ބަނދަރެއް އަދި ހަދަން ވިލިނގިއްޔާ ދިމާލަށް. އޭރުން މަސް ހިފައިގެން އަންނަ ކުދި ބޯޓު ވެސް ވަދެވޭނެ. ބަނދަރު ބޮޑުކުރީމަ މިހާރުގެ އެންމެ ބޮޑެތި ހަ ދޯނި އެއް ފަހަރާ ވަދެ ހަރަކާތްތެރިވެވޭނެ،" ފައުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުގެ ބޭރުން ވެސް ކޫއްޑޫ އާއި ފެލިވަރަށް ދެ ޖަނަރޭޓަރު ސެޓް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ލަސްވާ ވަރަކަށް މަހުގެ ކޮލެޓީއަށް ބަދަލު އާދެ. މިހާރު ކުރިއަށްދާ ޕްރޮޖެކްޓް ތެރެއިން ނޫން ނަމަވެސް ޖަމަރޭޓަރު ސެޓެއް ކޫއްޑު އާއި ފެލިވަރުގައި ވެސް ބަހައްޓަމުން މިދަނީ، ކޯލްޓް ސްޓޯރު ކޫއްޑޫގެ ޕަވާ ޕެސިފިޓީ މަތި ކުރަނީ. އެހެންވެ އެއް މެގައިގެ ޖަނަރޭޓަރުން އައިސް ޕްލާންޓާއި އެއްޗިހި ވަކިން ޖެއްސޭނެ،" ފައުޒީ ވިދާޅުވި އެވެ.

ކަނޑުއޮތް ގިރި "ޑުއަލް" އޮޕަރޭޝަނަކަށް

ކަނޑުއޮތް ގިރިވެސް އޮތީ ހާލަތުގަ އެވެ. އެރަށުގެ ބަނދަރު ވެއްޓިފައިވާއިރު ރަށަށް ރާޅު އަރަ އެވެ. އެހެންވެ މި ބަނދަރު ރަނގަޅު ކުރަން އެކަނި ވެސް ފަސް މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އެމްޓީސީސީގެ ސާވޭއަކުން ވަނީ ދައްކާފަ އެވެ. އެމްޑީ ވިދާޅުވި ގޮތުގައި މީގެ އިތުރުން މި މަޝްރޫއުގެ ބައެއްގެ ގޮތުގައި ކަނޑުއޮތްގިތި ތަރައްގީ ކުރުން ވެސް ހިމެނޭ ކަމަށާ، އެކަން ނިމުމުން މާލެ އަތޮޅުގެ މަސްވެރިންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

"ކަނޑުއޮތް ގިރި ބަނދަރު އޮތީ ހަލާކުވެފަ. އެމްޓީސީސީ އިން ބެލިއިރު އެ މަސައްކަތަށް ފަސް މިލިއަން ޑޮލަރު ވަރުދޭ. އެހެންވެ އެކަން ކުރާނެ ގޮތެއް ވިސްނަނީ. ކަނޑުއޮތް ގިރީގައި 200 ޓަނުގެ ސްޓޯރޭޖްއާއެއްކޮށް ތަރައްގީ ކުރަން. ކަނޑުމަހާއި ބޮޑު ކަންނެލި ހިމެނޭ ގޮތަށް ޑުއަޕް އަޕަރޭޝަންއަކަށް ދާން،" ފައުޒީ ވިދާޅުވި އެވެ.

މަސްވެރިކަމަށް ފަހުން ހިންގާ ބޮޑު މަޝްރޫއުއެއް

ފައުޒީ ވިދާޅުވި ގޮތުގައި މި މަޝްރޫއު ވެގެންދާނީ މަސްވެރިކަން ތަރައްގީ ކުރަން ފަހުގެ ތާރީހުގައި ނުހިންގާ ވަރުގެ ބޮޑު ދެ މަޝްރޫ އަށް ކަމަށެވެ.

"އޭރުން ބޮޑު 150 ދޯނިން މަސްގެނައި ނަމަވެސް ގަނެވޭނެ. އަޅުގަނޑުމެން ގަބޫލު ކުރަނީ މަސްވެރިކަމަށް މިހާރު ހުރި ކަންބޮޑުވުންތަކަށް ލުއި ލިބޭނެ ކަމަށް. މި ބަލަނީ މެދު ރާއްޖެ ތެރޭގައި ވެސް އަޅުގަނޑުމެންގެ ހަރަކާތް މެދު ރާއްޖޭގައި ވެސް ހިންގަން. ފެލިވަރު ތަރައްގީވާއިރު، މޮބައިލް ކޮށް ކަލެޓްކޮށް މަސައްކަތް ކުރަން،" ފައުޒީ ވިދާޅުވި އެެވެ.

މިފްކޯގެ މިޝްރާބު ހުރީ މި މަޝްރޫއުތައް ނިމޭއިރު މިފްކޯ އަށް ދުވާލަކު 1،000 ޓަނުގެ މަސް ކަލެޓްކޮށް، 800 ޓަނު ފްރީޒް ކުރުމުގެ ގާބިލްކަން ހޯދުމެވެ. މިއީ މަސްވެރިންގެ ހިތަށް ލިބިގެންދާނެ އިތުރު ފިނި ކަމެކެވެ.