ރިޕޯޓް

މަހުގެ އަގު ދޫކޮށްލިތާ 15 ދުވަސް، ތަޖުރިބާއަކީ ކޮބާ؟

Oct 11, 2020
3

ރާއްޖޭގައި މަސް ކިލޯއެއް 20ރ. އަށް ގަންނަމުން ގެންދާތާ ހަތް އަހަރަށް ފަހު މިދިޔަ މަހުގެ 25 ވަނަ ދުވަހު ސަރުކާރުން ވަނީ މަސް ގަންނަމުން ދިޔަ ކޮންޓްރޯލް އަގު ދޫކޮށްލާފަ އެވެ. މި ދޫކޮށްލި މައިގަނޑު ސަބަބަކީ ނުއަގުގައި މަސް ގަތުމުގެ ސަބަބުން ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ގެންލުންވަމުން ދިއުމެވެ. އޭގެ ސަބަބުން މަސްވެރިންނަށް ބަރާބަށް ފައިސާ ދޭން ދަތިވުމެވެ. އެކަން ނިމުމަކަށް ގެނައުމަށް ބަދަލު ގެނައިތާ މިހާރު މިވަނީ 15 ދުވަސްވެފަ އެވެ. މިހާރުގެ ތަޖުރިބާއަކީ ކޮބައި ހެއްޔެވެ؟ މަސްވެރިންނަށް ފައިސާ ދެވޭ ހެއްޔެވެ؟

"މިހާރު އޮތް އެންމެ ބޮޑު ހިތް ހަމަޖެހުމަކީ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވުން. މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ މިއީ،" ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި އެވެ.

މަަސްވެރިޔާގެ އެކައުންޓަށް ފައިސާ ޖަމާކުރުން

މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލިއިރު، މަސްވެރިންނަށް ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހަފުތާއިން ހަފުތާއަށް މަސްވެރިންނަށް ފައިސާކޮޅު ލިބުމެވެ. މިކަން ކުރަން މިފްކޯގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަނީ ހާޑްކޭޝް ދިނުން ހުއްޓާލައި އޮންލައިން ޓްރާންސްސެކްޝަން ހަދަން ފަށާފަ އެވެ. މަހުގެ އަގު ދޫކޮށްލިތާ 15 ދުވަހުގެ ތެރޭގައި މިހާރު މަސްވެރިން ތަޖުރިބާ ކުރާނެ އެއް ބަދަލަށް މިކަން ވެއެވެ. ނަމަވެސް ގައުމީ ބޭންކުގެ މި ހިދުމަތް އިތުރަށް ވަނީ ފުރިހަމަ ކުރަން ޖެހިފަ އެވެ.

ފައުޒީ ވިދާޅުވި ގޮތުގައި އޮންލައިން ޓްރާންސްސެކްޝަންގައި މަސްވެރިންނަށް އަދި ދަތިތަކެއް އެބަހުއްޓެވެ. އެކަން ބޭންކްއާ ގުޅިގެން ހައްލު ހޯދަން މަސައްކަތް ކުރަަން ޖެހެ އެވެ.

"މަސްވެރިޔާ ކާޑުގައި އެބަހުރި ލިމިޓްތަކެއް. އެހެންވުމުން މަސްވެރިންނަށް ދަތިވޭ. އެހެންވެ އެކަންކަމަށް ހައްލު ހޯދަން ޖެހޭ. ގިނަ ރަަށްރަށުގައި އޭޓީއެމް ނެތުމަކީ ވެސް ދައްޗެއް،" ފައުޒީ ވިދާޅުވި އެވެ.

"އެކަމަކު ރައްކާތެރިކަމުގެ ގޮތުން ބަލާއިރު މިއީ ވަރަށް ފުރިހަމަ ނިޒާމެއް. ކުރިން ބޭންކުގެ ސަރަހައްދުގެ ގޮތްޕެއްގައި ހުންނަ ފައިސާއަށް ވުރެ މަސްވެރިންނަށް ފައިސާ ދޭ ދުވަސްވަރު މިފްކޯ މަސް ގަންނަ ސެންޓަރުގެ ތިޖޫރީގަ ހުންނަ ފައިސާ ގިނަ. މިއީ ރައްކާތެރި ގޮތެއް ނޫން."

ގޮތެއް ނެތިގެން ގެނައި ބަދަލެއް

މިފްކޯ އިން ވޭތުވެދިޔަ ހަތް އަހަރު މަސް ކިލޯއެއް 20ރ. އަށް ގަންނަމުން ދިޔަ ނަމަވެސް ދުނިޔޭގެ ބާޒާރަށް ބޮޑެތި ބަދަލު ތަކެއް އައެވެ. އެ އަހަރުތަކުގައި ދުނިޔޭގެ ބާޒާރުގައި މަސް ޓަނެއްގެ އަގު 800 ޑޮލަރަށް ތިރިވެފައި ވެސް އެބަހުއްޓެވެ. އަދި ހަތް އަހަރުތެ ރޭގައި ނުއަގުގައި މަސް ގަތުމުގެ ސަބަބުން އެކްސްޕޯޓް ކުރާ ކޮންމެ ރޯމަސް ޓަނަކުން މިފްކޯ އަށް 400 ޑޮލަރުގެ ގެއްލުމެއް ވެ އެވެ. ނަމަވެސް މި ބަދަލުގެ އެއްވެސް އަސަރެއް މަސްވެރިންނަށް ވިޔަ ނުދީ، އެ ކުންފުނިން ދިޔައީ ހިދުމަތް ދެމުންނެވެ. އޭގެ ނަތީޖާއަކަށްވީ މަސްވެރިންނަށް ލަހުން ނަމަވެސް ފައިސާ ކޮޅުު ލިބެމުން ދިއުމާއެކު މަސްވެރިން ކުރިއަރައިގެން ދިއުމެވެ.

ޒަމާނީ ދޯނި ފަހަރުތައް އުފެދިގެން ދިޔަ އެވެ. މަސްވެރިން އާއިލާ ތަކަށް ތަނަވަސްކަން ލިބުނެވެ. އޮޑިވެރިންނަށް ތަނަވަސްކަން ލިބި ފުލުފުލުގައި އޮޑި ފަހަރު ބާނައި ޒަމާނީ އާލާތްތައް އޮޑި ފަހަރުގައި ހަރު ކުރަމުން ދިޔަ އެވެ. ނަމަވެސް މިފްކޯ ދިޔައީ ދުވަހެއް ދުވަހަށް ފަހަތަށެވެ. އެ ކުންފުނީގެ މެނޭޖުމަންޓުތަކުގެ އިހުމާލާއި އަަޅާ ނުލުމުގެ ސަބަބުން ކުންފުނީގެ ވަސީލަތްތައް ހަލާކު ވެގެން ދިޔަ އެވެ. މަސް ކިރުވާ ބޯޓު ފަހަރު ބާދަނޑަށް ވެގެން ދިޔަ އެވެ. މަސްވެރިންނަށް ފައިސާ ދޭން ބޭންކް ތަކުން ނަގާފައިވާ ޑްރާފްޓްތައް ނުދެއްކި އެ ވެސް ލޯނަށް ވެގެން ދިއަ އެވެ. ނަމަވެސް މިހާރުގެ މެނޭޖުމަންޓުން ވަނީ މިކަންކަން އިސްލާހު ކުރަން ފިޔަވަޅުތައް އަޅަން ފަށާފަ އެވެ. އިތުރު އިންވެސްޓްމަންޓްތަކަށް ކުންފުނީގެ މާލީ ކަރުދާސްތައް ސާފު ކުރަން ފަށާފަ އެވެ. މިހާރުގެ ދަރަނިތައް 2021 ގެ ނިޔަލަށް ދައްކާ ހަލާސް ކުރަން ވަނީ އަޒުން ކަނޑައަޅާފަ އެވެ.

މިފްކޯ އިން މަހުގެ ކޮންޓްރޯލް އަގު ހަތް އަހަރަށް ފަހު ދޫކޮށްލާފައި ވަނީ ދެވަނަ ޗޮއިސްއެއް ނުވަތަ ގޮތެއް ނެތިގެނެވެ. ސަބަބަކީ ކުރިން ގެއްލުންވަމުން ދިޔަ ނަމަވެސް ފައިސާ ދޭން ފަހަތުގައި ސަރުކާރު އޮވެ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެ އާމްދަނީ 50 ޕަސެންޓް ދަށްވުމާއެކު ފައިސާ ދޭން ސަރުކާރަށް ވެސް ދަތި ވެގެން ދިޔައީ އެވެ. އެހެންވެ މިފްކޯ އަށް ޖެހުނީ "ހިތި ބޭސް ބޮއެގެން" ނަމަވެސް މި ބަލިން ސަލާމަތްވާން މަސައްކަތް ކުރާށެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަަށަށް

މަހުގެ އަގު ކޮންޓްރޯލް ކުރާ ބާޒާރުތަކުގެ އަގުތަކަށް ބަލާއިރު، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަނީ ދަށްވެފަ އެވެ. މިހާރު މަސް ޓަނެއްގެ އަގު ވަނީ 1،300 ޑޮލަރަށް ވެއްޓިފަ އެވެ. މިހާރު ރާއްޖޭގައި މަސް ކިލޯއެއްގެ އަގު ހުރީ 16ރ. އަށް ވެއްޓިފަ އެވެ. މަހުގެ އަގު ދަށްވުމަކީ މަސްވެރިންނަށް ހިތް ނުތަނަވަސްވާނެ ކަމެކެވެ. ނަމަވެސް މަސްވެރިންނަށް އޮތް އުފާވެރި ހަބަރަކީ މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވާއިރަށް އަގަށް ބަދަލު އައުމުގެ ފުރުސަތު އޮތުމެވެ.

މިފްކޯގެ ބެލެނިވެރި ކުންފުނި، އެސްޓީއޯއާ ގުޅިގެން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވަނީ މަހުގެ އަގު ކޮންޓްރޯލް އަގު ދޫކޮށްލުމާއެކު ހެޔޮ ކޮށްފަ އެވެ. މިދިޔަ މަހުގެ 22 ގެ ނިޔަލަށް ދެ ފަހަރެއްގެ މަތިން މަސްވެރިންނަށް ތެލުގެ އަގު ވަނީ ހެޔޮކޮށް ދީފަ އެވެ. މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް ޑީސަލް ލީޓަރެއް މިދިޔަ މަހުގެ 22 ގެ ނިޔަލަށް 8.65ރ. އަށް ވިއްކި ނަމަވެސް މިހާރު ޑީސަލް ލީޓަރެއް ވިއްކާނީ 7.33ރ. އަށެވެ. މިއީ ކޮންޓްރޯލް އަގު ދޫކޮށްލުމުން މަސްވެރިންނަށް އޮތް ނުތަނަވަސް ކަމަށް ލިބޭނެ ހިތް ހަމަޖެހުމެކެވެ.

މަހުގެ އަގު ދޫކޮށްލިއިރު، ސަރުކާރުން ވަނީ މިފްކޯ ތަރައްގީ ކުރަން 30 މިލިއަން ޑޮލަރުގެ މަަޝްރޫއެއް ފަށަން ވެސް ތައްޔާރު ވެފަ އެވެ. މީގެ މަގުސަދަކީ މަސްވެރިން ވަކާލާތު ކުރާ "ހަމައަގު" ހޯދައި ދިނުމެވެ. މި ހަމައަގު ދެވޭނީ ރޯ މަސް އެކްސްޕޯޓް ކުރުން މަދުކޮށް ދަޅުމަސް ބަންދުކޮށް އިތުުރު މާކެޓުތަކަށް އެކްސްޕޯޓް ކޮށްގެންނެވެ. އެކަން ކުރެވެން އޮތީ ފެލިވަރާއި ކޫއްޑޫ ތަރައްގީ ކޮށްގެނެވެ. މަހުގެ އަގު ދޫކޮށްލުމާއެކު މިފްކޯގެ މިސްރާބު މިހާރު ހުރީ އެ ދިމާލަށެވެ.