ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ރަނގަޅު އަގެއް ނުލިބުމެވެ. އެ މީހުންނަށް މަސައްކަތުގެ މާހައުލާއި އެ ނޫން ހާލަތެއްގައި ވެސް އިޖުތިމާއީ ރައްކާތެރިކަން ނުލިބުމެވެ. މިއީ މިއަދު އޮތް ޝަކުވާއެއް ނޫނެވެ. މި ޝަކުވާތަކަށް ހައްލެއް ނުލިބި އޮންނަތާ އެތަށް ޒަމާނެއް ވެއްޖެ އެވެ. ހާއްސަކޮށް ކަޅުބިލަ މަހުގެ މަސްވެރިން ބާނާ މަހަށް ރަނގަޅެއްް ނެތުމަކީ މިފަހުން އަންނަ އެންމެ ބޮޑު ޝަކުވާ އެވެ. ނަަމަވެސް މި އަހަރުގެ މަސްވެރިންގެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން މަސްވެރިންނަށް ރަނގަޅު އަގެއް ލިބެން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
މިއީ އިންތިހާބީ ކެމްޕޭންގެ އަހަރަށް "މަސް އައިނެއް" ތިލަވަނީ ހެއްޔެވެ؟ އަންނަ އަހަރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑު ވަނީ ހެއްޔެވެ؟ ނުވަތަ އަންނަ އަހަރު އީޔޫ އިން ރާއްޖެ އަށް ދޭ ޑިއުޓީ ކަނޑާލަނީ ހެއްޔެވެ؟ މަހުގެ އަގު ބޮޑު ކުރަނީ ކިހިނެއް ހެއްޔެވެ؟
"ރަނގަޅު އަގެއް ދެވޭތޯ ގިނަ މަސައްކަތް ތަކެއް އެބަކުރެވޭ. އެގޮތުން ކުރާ ގުޅުންހުރި މަސައްކަތްތަކުގެ ސަބަބުން އަގު މަތި ވާނެކަމުގެ އިޝާރާތެއް ރައީސް އެދެއްވީ،" ސަރުކާރު މަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި އެވެ.
މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާ އަށް ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ހަގީގަތަކީ މިއެވެ.
މި ކެޕޭސިޓީ ނަމްބަރަކުން "ހަމައަގެއް" ނުލިބޭނެ
ސަރުކާރުން ދަނީ މަސް ގަތުމުގެ ކެޕޭސިޓީ މަތި ކުރަން މަސައްކަތް ކުރެ އެވެ. އެގޮތުން ފިނިކުރި މަސް ގަންނާނެ ބޯޓެއް ވެސް ގެނެސްފި އެވެ. މި ބޯޓުގައި ދުވާލަކު 100 ޓަނު މަސް ފިނިކުރެވޭ އަދި 300 ޓަނު މަސް ސްޓޯ ކުރެވޭނެ އެވެ. އަދި 12 އަތޮޅެއްގައި ޖުމްލަ 18 އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މި ތަންތަން ހުޅުވުމުން މަހެއްގެ މައްޗަށް ޖުމްލަ 15000 ޓަނަށްވުރެ ގިނައިން އައިސް އުފެއްދޭނެ ގާބިލުކަން ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ލިބޭނެ އެވެ. އަދި ފެލިވަރާއި ކޫއްޑޫ، ކަނޑުއޮތްގިރި އަދި ތިނަދޫ އާއި މުލަކުގައި ގާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުގެ މަސައްކަތް ވެސް ކުރަން ވަނީ ޕްލޭންކޮށްފަ އެވެ. މިގޮތުން ފެލިވަރުގެ ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތްތަކާއެކު ޖުމުލަ ކެޕޭސިޓީ 9،000 ޓަނަށްވުރެ އިތުރުވެ ދުވާލަކު މަސް ގަތުމުގެ ކެޕޭސިޓީ 61 ޕަސެންޓަށް މަތިވާނެ އެވެ.
ކެޕޭސިޓީ އިތުރު ކުރިނަމަވެސް ބޮޑު އަގެއް ލިބެން އޮތީ ދުނިޔޭގެ ބާޒާރުން ދިވެހި މަހަށް ބޮޑު އަގެއް ލިބިގެންނެވެ. މިކަންވާން އޮތީ ރާއްޖޭން އެކްސްޕޯޓް ކުރާ ރޯމަސް މަދުކޮށް ވެލިއުއެޑެޑް-ދަޅުގައި ބަންދުކޮށް- ޕައުޗް- ފަދަ އުފެއްދުންތައް ތައްޔާރުކޮށް އެކްސްޕޯޓްކޮށްގެނެވެ. ނަމަވެސް މިހާރު ކުރަމުންދާ ކެޕެސިޓީ މަތިކުރުމުގެ އެއްވެސް ކަމަކުން މި ކަމަށް ބަދަލެއް ނާދެ އެވެ.
ދެން އެހެންވީއިރު އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ރާއްޖޭގައި މަހުގެ އަގު ބޮޑު ވާނެ ކަމަށް އެ ވިދާޅުވަނީ ކޮން ކަމަކަށް ބަލާފައި ހެއްޔެވެ؟ ސަރުކާރަށް ދުނިޔޭގެ ކަޅުބިލަ މަހުގެ އަގަށް ބާރު ފޯރުވެވި ދާނެ ހެއްޔެވެ؟ ނޫނީ އިޔޫ އިން ނަގާ 22 ޕަސެންޓުގެ ޑިއުޓީ ކަނޑާލަނީ ހެއްޔެވެ؟
ބޮޑު އަގު، ދުނިޔެއާ ގުޅިފައި
މިހާރު އެންމެ ފޮނިވެފަ ވާހަކަ ދައްކާ "ބޮޑު އަގު ދިން ދުވަސްވަރު" ވެސް ބޮޑު އަގެއް ލިބުނު އެއް ސަބަބަކީ ދުނިޔޭގެ ބާޒާރަށް އައި ބޮޑު ބަދަލުތަކެއްގެ ނަތީޖާ އެވެ. މިހާތަނަށް އެންމެ ބޮޑު އަގެއް ދިން ކަމަށް މަޝްހޫރު 2008 އާއި 2012 އާ ދެމެދު މިކަންވީ ދުނިޔޭގެ ބާޒާރަށް އައި ހެޔޮ ބަދަލަކުންނެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯ ސްޕްލިޓްކޮށްލި ވަގުތު ދުނިޔޭގައި ސަސްޓޭނަބަލް މަސްވެރިކަމުގެ އަގު "ރަނަން" ވެގެން ދިޔަ އެވެ. ދާ އަޅާ މަަސްވެރިކަމަށް ގްރީންޕީސް ފަދަ ތިމާވެށީގެ އެކްޓިވިސްޓު ޖަމިއްޔާ ތަކުން ހުރަސް އެޅުން އާއްމުވެ އެކަން ކުރަން ދަތިވި އެވެ.
ހަމަ އެ ދުވަސްވަރުވީ އިންޑިއާ ކަނޑުގައި މަހުގެ ސްޓޮކަށް ބަދަލެއްއައި ދުވަސް ވަރަކަށެވެ. މި ހުރިހާ ކަމެއް އައިސް ވަށާ ޖެހިފައިވަނިކޮށް މަސްވެރިކަން އިސްތިހާރުކޮށްލުމާއެކު އެންގަނޑުގައި މަސް ހިފި އެވެ. ރާއްޖޭން އެކްސްޕޯޓް ކުރާ މަހަށް އިތުރު އަގު ލިބި މަސް ކިލޯއެއްގެ އަގު 35ރ. އަށް ވުރެ މައްޗަށް ޖައްސަން ޖާގަ ފަހިވި އެވެ. މިކަންވީ މިގޮތަށެވެ. ނަމަވެސް އޭގެ ފަހުން މި ފަދަ ހާލަތެއް ދުނިޔޭގެ ކަޅުބިލަމަހުގެ މާކެޓަކަށް ނާދެ އެވެ.
މަސް ގަންނަ އަގު ދޫކޮށްލާނެ، އެއީ އަނދުނެއް
އޭގެ ފަހުން ވޭތުވެދިޔަ ހަތް އަހަރު މަސް ކިލޯއެއް ރާއްޖޭގައި ހުރީ އެވްރެޖުކޮށް 19ރ. އާއި 22ރ. އާ ދެމެދުގަ އަގެއްގަ އެވެ. ނަމަވެސް މި އަގުގައި ސަރުކާރުން މަސް ގަންނަމުން ދިޔައީ ދުނިޔޭގެ ބާޒާރަށް ބެލުމެއްނެތި ސަރުކާރުން މިފްކޯ އަށް ސަބްސިޑީއެއް ދީގެންނެވެ. ނަތީޖާއަކީ މިފްކޯ ދަރަނިވެރިވެ ކުންފުނީގެ ހާލަތު ހަމައިން ނައްޓާލުމެވެ. އެކަމުން ސަލާމަތްވާން މަސް ގަންނަ އަގު މާކެޓު ރޭޓަށް ދޫކޮށްލީ މި ސަރުކާރުންނެވެ. މިކަންވީ ސަރުކާރުގެ މަސް ކުންފުން މިފްކޯ ބަނގުރޫޓުވުމުން ސަލާމަތްވި ކަމަކަށެވެ.
ނަމަވެސް ކުރިއަށް އޮތް ހައެއްކަ މަހުގެ ތެރޭގައި މަހުގެ އަގު މަތިވާނެ ކަމަށް ރައީސް ވިދާޅުވުމަކީ މި ދާއިރާގެ މާހިރުންނަށްވެސް ހައިރާންކަން ލިބުނު ވާހަކަ ފުޅެކެވެ. ސަބަބަކީ ދުނިޔޭގެ ބާޒާރަކުން ވެސް މީގެ އެއްވެސް އަލާމާތެއް ފެންނަން ނެތްއިރު ރައީސް އެފަދަ ވާހަކަ ފުޅެއް ދެކެވުމެވެ. އަދި ރާއްޖޭގައި ހުރި ޑިވްލޮޕްމަންޓް ތަކުން ވެސް މިކަންވާނެކަމުގެ ނިޝާނެއް ނެތުމެވެ. އެހެންވެ މިހާރު ބެލެވެނީ މިކަމަކީ 2023 ގެ އިންތިހާބަށް "ތިލަކޮށްލާ" މަސް އައިނެއްގެ ގޮތުގަ އެވެ.
ސަރުކާރުން ހަދަން އުޅޭ ގޮތަކީ ކުރިން އޮތްގޮތަށް މަސް ގަތުން ބަދަލު ކުރުމެވެ. މިފްކޯ އިން ދަރަނި ހަޖަމް ކުރާ ނިޒާމަކަށް ނުވަތަ ސަބްސިޑީ ދީގެން އެކަން ކުރުމެވެ. މިކަން ކުރަން ސަރުކާރުން ވަނީ ދުރާލާ ތައްޔާރުވެފަ އެވެ. ފައިސާ ޗާޕު ކުރުން ފަދަ ކަންކަމަކީ މި ކަމަށް ބާރު ލިބޭނެ ކަމެކެވެ. މިގޮތަށް ހޯދާ ފައިސާ އިން އެއް އަހަރު މަސްވެރިންނަށް "ހަމަ އަގު" ދޭނެ އެވެ. ނަމަވެސް މިކަންވާނީ މަސްވެރިންގެ ލޮލުގައި އެޅުވޭ އަނދުނަކަށެވެ. އަދި މިއީ ވަގުތީ ފައިދާއަކަށް ކުރެވޭ ކަމަކަށެވެ. މިކަމުން މަސްވެރިންނާއި މަސްވެރިކަމުގެ މުޅި ސިނާއަތަށް ފައިދާއަށްވުރެ ބޮޑަށް ވާނީ ގެއްލުމެކެވެ.