ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ހިންގާ ފެކްޓްރީ ހުންނަ ޅ. ފެލިވަރުގެ ބިން ހިއްކަން ފަށައިފި އެވެ.
އެމްޓީސީސީން އެ މަސައްކަތް ފެށީ މީގެ ދެ ދުވަސްކުރިން ނެވެ.
މިފްކޯގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ފެލިވަރުން ފަސް ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި ހިއްކާ ބިމުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމްކޮށް 8.5 މީޓަރުގެ ފުން އަދި 90 މީޓަރުގެ ބޮޑު ޖެޓީއެއް ގާއިމުކުރާނެ އެވެ. އެ ބަނދަރު ހަދަނީ 3500 ޓަނުގެ ބޮޑެތި އާގު ބޯޓު ފަހަރުތައް ވެސް ކައިރިކުރެވޭ ގޮތަށެވެ.
މީގެ އިތުރުން މަސް ކިރަން ވަންނަ ބޯޓުތަކަށް ވަދެވޭ ގޮތަށް 750 ފޫޓުގެ ދިގު އަދި 5.5 މީޓަރުގެ ފުން ބަނދަރަކާއި މިފްކޯގެ އާންމު ބޭނުންތަކަށް 1100 ފޫޓު، 3.5 މީޓަރުގެ ފުން ބަނދަރެއް ހަދާނެ އެވެ.
މި މަޝްރޫއުގެ ދަށުން ބޮޑު ހިލައިން ތޮށި ލައި ޝީޓްޕައިލް ޖަހައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުން ވެސް ކުރިއަށް ދާނެ އެވެ.
އޮފިޝަލް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ފެލިވަރުގެ ފަޅު ފުންކޮށް ނިމުމުން މަސްވެރިންނަށް އެއްވެސް ދަތިކަމެއް ނެތި އެ ފަޅަށް ވަދެވޭނެ ކަމަށެވެ.
ބިން ހިއްކުމުގެ މަޝްރޫއު މާޗު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިފްކޯ އިން ބުނެ އެވެ.
ފެލިވަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ޖުމްލަ 113.39 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އީއައިއޭ ހެދުމާއި އެހެނިހެން ކަންކަމާހުރެ މަޝްރޫއު ދިގުލައިގެން ދިޔައީ އެވެ.