މިފްކޯ

378 ޓަނުގެ މަސް ކިރޭ ބޯޓެއް މިފްކޯއަށް ގަނެފި

Oct 16, 2021
1

މިފްކޯއަށް ގަންނަ މަސް އިތުރު ކުރަން 378 ޓަނުގެ މަސް އުފުލޭ ވަރުގެ ބޯޓެއް ގަނެ، ރާއްޖެ ގެނެސްފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ މިއަދު ވިދާޅުވީ އަލަށް ގެނައި ބޯޓު މާލެ ސަރަހައްދުގައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. މިހާރު ކުރަމުން ދަނީ ބޯޓުގެ ރަޖިސްޓްރީ މިފްކޯއަށް ބަދަލުކުުރުމުގެ މަސައްކަތް ކަމަށާއި މަސް ދުވަހުގެ ތެރޭގައި އާ ބޯޓުގެ އޮޕަރޭޝަނަށް ގެންދާނެ ކަމަށެވެ.

މި ބޯޓު މިފްކޯ އިން ގަނެފައި ވަނީ ތިން އަހަރުން ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށެވެ. ބޯޓުގެ އަގާ އޭގެ އުމުރާ ގުޅޭގޮތުން ފައުޒީ ވިދާޅުވީ އެ މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އާ ބޯޓެއް ގެނައީ ފެލިވަރުގައި މިހާރު ބޭނުންކުރާ "ވަންޒީރޯވަން" ބޯޓު ވަރަށް ބޮޑަށް ބާވެ، އެ ބޯޓު ބޭނުން ނުކުރެވޭވަރު ވެފައިވާތީ އޭގެ ބަދަލުގައި ކަމަށެވެ. "ވަންޒީރޯވަން" އަކީ ޑޮކް ނުކުރާތާ 17 ވަރަކަށް އަހަރު ވެފައިވާ ބޯޓެކެވެ.

"ފެލިވަރުގައި މިވަގުތު ސްޓޯރޭޖެއް ވެސް ނެތް. އެކަމަކު ފެލިވަރުގައި ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ކުރަމުންދާތީ އެ މަސައްކަތް ނިމެންދެން އަލަށް ގެނައި ބޯޓު އޮންނާނީ ފެލިވަރު ބަނދަރުގައި. ފަހުން މަސް ގަތުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުވެސް ކުރާނެ،" ފައުޒީ ވިދާޅުވި އެވެ.

މިފްކޯގެ އޮފިޝަަލަކު ވިދާޅުވި ގޮތުގައި އަލަށް ގެނައި ބޯޓުގައި 378 ޓަނުގެ މަސް އުފުލުނު ނަަމަވެސް ފިނިކޮށްގެން ބޯޓުގައި އެއް ފަހަރާ ގެންގުޅެވޭނީ 120 ޓަނު މަހެވެ. އޮޕަރޭޝަނަށް ނެރުމުގެ ކުރިން ބޯޓަށް ބައެއް ބަދަލުތައް ގެންނަން ޖެހޭތީ އެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މިފްކޯ އިން ވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް އާ ބޯޓެއް ގެނެސްފަ އެވެ. މިފްކޯ އަށް ގަންނަ މަސް ރާއްޖެއިން ބޭރަށް ގެންދިއުމަށް އަމާޒުކޮށްގެން ގެނެސްފައިވާ އެ ބޯޓަކީ 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެކެވެ.

ޖަޒީރާ ރީފާގެ ނަން ދީފައިވާ އެ ބޯޓު ގަނެފައިވާ އަގު ވެސް މިފްކޯ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ބޯޓުގެ ރަޖިސްޓްރޭޝަން ނިމިފައިވާތީ ވަރަށް އަވަހަށް ހިދުމަތް ދޭން ފަށާނެ ކަމަަށް މިފްކޯ އިން ބުނެ އެވެ.

މިފްކޯ އިން އާ ބޯޓުތައް ގެނެސް އެ ބޯޓު ތަކުގައި ރާއްޖެއިން މަސް ބޭރުކުރަން ފެށުމުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ދެއްވާފަ އެވެ.