ރާއްޖޭގައި މަސްވެރިކަން ނުކުރާ ދުވަހެއް ތާރީހުން އެނގޭކަން ނެތެވެ. ތާރީހެއް ލިޔަން ފެށުމުގެ ކުރީގައި ވެސް މި މަސައްކަތް ދިވެހިން ކޮށްފައި ވާނެ އެވެ. އެހެންވެ މިއީ އެންމެ ދުވަސްވީ މަސައްކަތެވެ. ރާއްޖެ ބިނާ ކުރުމުގެ ހަގީގީ ސިނާއަތަކީ މިއެވެ. އެކަމަކު އެންމެ ބޮޑު އިހުމާލެއް ފެންނާ އޮތް ސިނާއަތަކީ ވެސް މި އެވެ. މީގެ ހެކިތައް ފެންނަން އެ އޮތީ ސަރުކާރުގެ މަސް ކުންފުނިންނެވެ. ސަރުކާރުގެ މަސް ކުންފުނީގެ ވަސީލަތްތައް ގާއިމްވިތާ 40 އަހަރު ވެގެން ދިޔައިރު، އެ ތަންތަން ބާ ދަގަނޑަށް ކިރަން ވެސް ނުކެރޭ ހާލަތަށް ދިއުމަކީ ހަގީގީ މައްސަލަ އެވެ.
މި މައްސަލަ އިތުރަށް ގޯސްވެ ފާޅުވީ ބޮޑެތި މަސް އޮޑި ފަހަރު ހަލުއި ކަމާއެކު ދުއްވައި ގަތުމުންނެވެ. މަސްވެރިންގެ މަސައްކަތުގެ ޕެޝަންގައި ނުކުމެ ކުރި މަސައްކަތުން ދުއްވައިގަތް މަސްވެރި އުޅަނދު ފަހަރު މިފްކޯ ފަހަށްލައި އަރައިގެން ދިޔަ އެވެ. ހަގީގީ މައްސަލައަކީ މި އެވެ. ފަހަތުން އަރައި މަސްވެރިންނަށް މިފްކޯ އަތުވި ގޮތެއް ވެސް އޮންނާނެ އެވެ.
"ސަރުކާރުތަކުން މަސްވެރިކަން ތަރައްގީ ކުރަން ކޮންމެވެސް މަސައްކަތް ކުރި. އެކަމަކު ކުރަން ޖެހޭ ގޮތަށް ރަނގަޅަށް ކުރެވިފައެއް ނެތް. މިއީ ހަގީގީ މައްސަލައަކީ. މަސްވެރިނާ އެއްވަރަށް ސަރުކާރަކަށް ދަތުރެއް ނުކުރެވުނު،" މަސްވެރިންނާއެކު، މަސްވެރިކަމުގެ ހިދުމަތުގައި އުޅުއްވާތާ އެތައް އަހަރެއް ވެފައިވާ މައިޒާން އަހުމަދު މަނިކު، އާއްމު ނަމުން ނަމަ މައިޒާން އަހައްމަދޭ ވިދާޅުވި އެވެ.
ފަހަތުން ފަހާ ގޮސް މަސްވެރިންނަށް މިފްކޯ އަތުވީ ކީއްވެ؟ މިއީ ސުވާލެކެވެ. ސަރުކާރުން މަސްވެރިކަން ތަރައްގީ ކުރަން މަސައްކަތް ވެސް ކުރެ އެވެ. މަސްވެރިންނަށް އެހީވެސް ވެއެވެ. މަސްވެރިންނަށް ފައިސާ ވެސް ދެ އެވެ. އަގު ހެޔޮކޮށް އެކި ދުވަސްވަރު ތެޔޮ ވެސް ދިނެވެ. އައިސް ވެސް ދެ އެވެ.
މިދިޔަ ސަރުކާރަށް ބަލާއިރު މަސްވެރިކަމުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ވެސް ކުރި އެވެ. ފެލިވަރު ތަރައްގީ ކުރުމާއި އައްޑޫގައި މަސް ފެކްޓްރީއެއް އެޅުން ފަދަ މަސައްކަތް ތަކެއް ކޮށްދިނެވެ. ނަމަވެސް މަސްވެރިން ބޭނުން ވާނެ ހަގީގީ މަސައްކަތެއް ކޮށެއް ނުދެވުނެވެ.
ކުރި އިންވެސްޓްމަންޓްތައް ބޭކާރު
މަސްވެރިކަމުގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި މަސްވެރިން ބޭނުންވަނީ މައިގަނޑު ދެ ކަމެވެ. އެ މީހުން ބާނާ މަސް ކިރުވުމާއި ފައިސާ ލިބުމެވެ. އެހެންވެ ސަރުކާރުގެ އިންވެސްޓްމަންޓުތައް ބައްޓަން ކުރަން ޖެހެނީ އެ މަގަށެވެ.
"މިހާތަނަށް މިފްކޯ އަށް އައިސްފައި ހުރި ގިނަ އިންވެސްޓްމަންޓުތައް ބޭކާރު. މުޅިން އެހެން މަގުސަދެއްގައި އެކަންތައް ފެންނަން ހުރީ. ބޯޓުތައް ހުރީ ބާވެ ދަބަރަށްވެފައި. މަސް ގަނެވޭނެ ވަސީލަތެއް ނެތް. އެކަމަކު 40 އަހަރު ތެރޭގައި ވެސް އިންވެސްޓް ކުރި. މިއީ އަޖައިބެއް،" ސަރުކާރުގައި ވެސް މަސައްކަތް ކުރެއްވި އިސް ބޭފުޅަކު ވިދާޅުވި އެވެ.
އެކަމަކު މިފްކޯ އެ ހާލަތުގައި އޮތްނަމަވެސް، މަސްވެރިން ދިޔައީ ކުރިއަރަމުންނެވެ. ދޯނި ފަހަރު ދިޔައީ ބޮޑު ވަމުންނެވެ. އޭގެ ނަތީޖާއަކަށްވީ މިފްކޯ ފަހަތަށްލައި މަސްވެރިން ކުރިއަރައި އޮބާލީ އެވެ. މިފްކޯއަށް ޖެހިފައި ވަނީ ފަހަތުން މަސްވެރިން ހޯދަން ދުއްވާށެވެ.
ސަރުކާރުގެ މަސް ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވި ގޮތުގައި މަސްވެރިންނާ އެއްވަރަށް މިފްކޯ ތަރައްގީއެއް ނުވި އެވެ. މިހާރު މަސްވެރިންގެ އުޅަނދު ފަހަރު ފެންނަނީ މިފްކޯ އިން މަސް ކިރަންދާ ކުދި ބޯޓު ފަހަރުތަކަށްވުރެ ވެސް ތަރައްގީކޮށް، ޖާގަވެސް ބޮޑުކޮށެވެ.
"މިހާރު ފެންނަ ފިފްތު ޖެނެރޭޝަން ދޯނި ފަހަރުގައި އެބަހުރި ހުރިހާ ވަސީލަތްތަކެއް. ދޯނި ފަހަރުގެ ވަތުގަ އާރް އެސް ޑަބްލިއުއާ [މަސް ފިނި ކުރާ ނިޒާމު] ގާއިމްކޮށްފައި ހުންނަނީ. މިހާރު އެބަފެނޭ 120 ފޫޓު ނޫނީ 115 ފޫޓުގެ ދޯނި ފަހަރު ވެސް. ދުވާލެއްގެ މައްޗަށް މީގެ ދޯންޏަކުން 50 ޓަނު އަދި 40 ޓަނު މަސް ކަލެކްޓް ކޮށްލާ،" އިސްމާއިލް ވިދާޅުވި އެވެ.
މި ފަހަރު ވާނީ ކިހިނެއް؟
މަސްވެރިން މިފްކޯއަށް ވުރެ މާކުރީގައި މިހާރު އުޅޭއިރު މަސްވެރިންނާ އަރާ ހަމަ އަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރެވޭތޯ މި ސަރުކާރުން ވެސް ވަނީ މަސައްކަތްތަކެއް ފަށަން ތައްޔާރުވެފަ އެވެ. ފެލިވަރު ތަރައްގީކޮށް، ކޫއްޑޫ މަސް ކާރުހާނާ އަޕްގްރޭޑް ކުރުމަށް 50 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަަށަން ވަނީ ތައްޔާރުވެފަ އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި މިފްކޯގެ ވަސީލަތްތައް ތަރައްގީ ކުރުމަށް މިހާރު ރޭވިފައިވާ މަސައްކަތް ނިމުމާ އެއާއެކު މިހާރު މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ އެވެ.
އުތުރުގައި އިތުރު އައިސް ޕްލާންޓުތައް ގާއިމު ކުރާނެ އެވެ، ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަކާއި ބްރައިން ފެސިލިޓީތަކުގެ އިތުރުން، މިފްކޯއަކީ މަސްވެރިން އަތުން މަސް ގަނެ، މަސް ޕްރޮސެސް ކުރެވޭނެ ގޮތަށް މުޅި ކުންފުނި ބަދަލު ކުރުމުގެ ވިސްނުން އަމާޒުގައި ވެއެވެ.
އިސްމާއީލް ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ހެދޭނެ އެވެ. އެކަން ކުރާނީ މަސްވެރިންނާ ގުޅިގެން މިފްކޯ އެވެ.
"ޓޫރިޒަމް ކަހަލަ ސިނާއަތަކަށް ހެދޭނެ. އެކަމުގެ ޔަގީންކަން އަޅުގަނޑުމެން މަސްވެރިންނަށް ދެން. މި ސިނާއަތް ތަރައްގީ ކުރާނީ މިފްކޯ އިން،" އިސްމާއިލް ވިދާޅުވި އެވެ.
ސަރުކާރުގެ އާ އިންވެސްޓްމަންޓުތަކާއެކު މަސްވެރިކަން ތަރައްގީވުމަކީ އެންމެންގެ އުންމީދެވެ. މީގެ ސަބަބުން 40 އަހަރުވެފައިވާ މިފްކޯގެ ވަސީލަތްތައް ތަރައްގީ ކުރުމަކީ މިހާރު ރާއްޖެ އަށް އެންމެ ބޭނުންވެފައިވާ އެއް ކަމެވެ. މިކަން ކޮށްގެން ނޫން ގޮތަކަށް މިފްކޯ އަށް މަސްވެރިންނަށް ވުރެ ކުރި އަށް އެރޭނެ ގޮތެއް ނެތެވެ.