މިފްކޯ

މިފްކޯއަށް މަސްކިރުވި ފައިސާއެއް ނުލިބުނު، މަސްވެރިން ބިކަވެއްޖެ

Oct 31, 2018
9

ކޮލާފުށި ރަސް އައިން '3' ދޯނީގެ ކޭޝިއަރު އަހުމަދު ސަލީމްއަކީ ބައްޕަ އެކެވެ. އޭނާގެ ދަރިން ވެސް ތިބެ އެވެ. އެ ކުދިންގެ ހަރަދުތަކުގެ އިތުރުން ގޭގެ އެހެނިހެން ހަރަދުތައް ވެސް ކޮންމެ ދުވަހަކު ހިނގަ އެވެ. އެކަމަކު މަސްވެރިކަމުގެ އާމްދަނީއަށް ބަރޯސާވެފައިވާ މި އާއިލާ އަށް މިހާރު އޮތް އެންމެ ހިތްދަތި ކަމަކީ ކުރި މަސައްކަތުން ފައިސާކޮޅު ނުލިބުމެވެ. އެ އާއިލާގެ ޝަކުވާއަކީ މިއީ އެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ކޫއްޑޫ އަށް ކިރުވި މަސްކޮޅަށް ފައިސާ ނުލިބޭތާ ތިން ހަފުތާއަށްވުރެ މިހާރު ގިނަ ދުވަސްވީ އެވެ. އަހުމަދު ސަލީމެކޭ އެއްގޮތަށް މަސް ކިރުވުމަށް ފަހު ފައިސާ ކޮޅު ނުލިބި ހުސްއަތާ ތިބި އެތައް މަސްވެރިއަކު އެބަތިއްބެވެ. އެ މީހުންގެ ޝަކުވާ ފުނިޖެހި، މި ވަނީ
ބޮއްސުންލައިފަ އެވެ.

"އަޅުގަނޑުމެންގެ ވެސް އާއިލާއެއް އޮންނާނެ. ކޮންމެ މަހަކު ކަރަންޓު ބިލާއި ފެން ބިލާއި ކުދިންގެ ހަރަދުތައް ވެސް އޮވޭ. މި ކަމަށް ބޭނުންވާ ފައިސާ ނުލިބެންޏާ ދަތިވާނެ ތާ؟" ރަސްއައިން 3އިން ވާހަކަ ދެއްކި ސަލީމް ބުންޏެވެ. "މަސްކިރާލީމާ މިދެނީ ގަނޑުކޮޅެއް ދީފައި މި ބުނަނީ ފަހުން ފައިސާ ލިބޭނޭ. އެކަމަކު ކިހިނެތްތޯ އެހެން އަޅުގަނޑުމެން ކަންކަން ހަމަޖައްސާނީ،"

މަސް ކިރުވާފައި މަސްވެރިންނަށް ފައިސާކޮޅު ނުލިބުމުގެ ޝަކުވާއަކީ ސަރުކާރުގެ މަސް ކުންފުންޏަށް ތާއަބަދު އޮތް ޝަކުވާ އެވެ. އެކަމަކު ފަހަކަށް އައިސް މި މައްސަލަ ބޮއްސުންލާފައިވާ ކަމަށް މަސްވެރިން ބުނެ އެވެ. މިގޮތުން ބައެއް އޮޑި ފަހަރަށް ތިން ހަފުތާ އަދި ބައެއް އޮޑި ފަހަރަށް ދެ ހަފުތާ މަަސްކިރުވި ފައިސާކޮޅު ނުލިބި އެބަ އޮތެވެ. ބައެއް ދޯނި ފަހަރަށް ދެ ލައްކަ ރުފިޔާއިން އިން މަތި އަދި ބައެއް އޮޑި ފަހަރަށް މިލިއަނެއްހާ ރުފިޔާ ވެސް ނުލިބި އެބަ ހުއްޓެވެ.

ކޮލާފުށީ 'ސީބާޑް' ދޯނިން ވާހަކަ ދެއްކި މުހައްމަދު ޝާހީން ބުނި ގޮތުގައި އެ ދޯނިން ކޫއްޑު އަށް މަސް ކިރުވި ފައިސާ ނުލިބިގެން ފަޅުވެރިންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

"މި ދޯނީގައި 19 މީހުން މަސައްކަތް ކުރޭ. މީގެ އެއްވެސް މީހަކަށް ފައިސާ ނުލިބިގެން މި އުޅެނީ،" ޝާހީން ބުންޏެވެ.

މަސްވެރިންނަށް ފައިސާ ނުލިބުމުގެ ޝަކުވާތައް ފުނި ޖެހިފައިވާއިރު ސަރުކާރުގެ މަސް ކުންފުނި އޮތީ މާލީ ގޮތުން އެހާ ރަނގަޅު ހާލަތެއްގައެެއް ނޫނެވެ. މިފްކޯގެ މާލީ ހާލަތުން އަރައިގަނެވޭތޯ މީގެ ދެ އަހަރު ކުރިން ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ވެސް ހަމަޖެއްސި އެވެ. އެކަމަކު ނަތީޖާ އަދި ސުމެކެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހަމަޖެއްސި އެއް ސަބަބެއް ކަމަށް އޭރު ސަރުކާރުން ބުނީ މަސްވެރިންނަށް ދިމާވެފައިވާ ފައިސާ ނުލިބުމު މައްސަލަ ހައްލުކޮށް މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރުމެވެ. ދަރަނިވެރިވެފައި އޮތް މިފްކޯ ދަރަނީގެ ހާލަތުން އަރައިގަތުމެވެ. ނަމަވެސް އެ ފިޔަވަޅުންވެސް މަސްވެރިންނަށް ފައިސާ ނުދެވުމުގެ މައްސަލައަ އަށް އެދެވޭ ހައްލެއް ނުލިބެ އެވެ. އެ ފައިސާކޮޅު ހޯދަން އަދިވެސް މަސްވެރިން ތިބެން ޖެހެނީ ސަލާން ޖަހަޖަހަ އެވެ.

މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލާގައި މިފްކޯއިން އަދި ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ އެނގިފައިވާ ގޮތުގައި މަސްވެރިންނަށް ހޯމަ ދުވަހު ފައިސާ ދޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ހޯމަ އަދި އަންގާރަ ދުވަސް ވޭތުވެދިޔަ އިރުވެސް އެ ބުނާ ފައިސާކޮޅު މަސްވެރިންނަކަށް ނުލިބުނެވެ. އަދި ދޭން ޖެހޭ ފައިސާގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ކަމަށްވެ އެވެ. ސުވާލަކީ ފައިސާ ނުދެވި ލަސްވަނީ ކީއްވެގެން ހެއްޔެވެ؟ މިފްކޯވެސް ބައެއް އެހެން ކުންފުނިތައް ގޮތަަށް "ކޭޝް ފްލޯ"ގެ މައްސަލަތަކެއް ދިމާވީ ބާ އެވެ؟

މަސް ކިރުވާފައި ފައިސާ ނުލިބިގެން ތިބި ކޮލަމާފުށީ އެހެން ދޯންޏެއްގެ ކެޕްޓަނެއް ކަމަށްވާ ޖަމާލް ބުނި ގޮތުގައި މަސްވެރިންނަށް ފައިސާ ދިނުން ލަސްވެގެންދާއިރު އެ ފައިސާ ބަލާވެސް ކޫއްޑޫއާ ހަމަޔަށް ދާން ޖެހެނީ މަސްދޯނިތަކެވެ. މިފްކޯއިން އެ ފައިސާ އެ މީހުންނަށް ފޮނުވޭނެ އިންތިޒާމެއް ހަމަޖައްސާފައެއް ނުހުރެ އެވެ، ނަތީޖާއަކަށް ވަނީ ފައިސާ ހޯދަން ދާންވެސް ދޯނިތަކުން ބޮޑު ހަރަދެއް ކުރަން ޖެހުމެވެ.

"މަސް ކިރުވާފަ ފައިސާ ހޯދަން މި ޖެހެނީ [ކޮލަމާފުށިން ފުރައިގެން] 18 މޭލު ދުއްވައިގެން ކޫއްޑު އަށް ދާން. މި ކަމަށް ވެސް ހައްލެއް ހޯދައެއް ނުދެވުނު. މަސް ކިރުވަން ދާ ހަމައެކަނި ކޮންމެ ފަހަރަކު އެބަ ހަރަދު ވޭ ދެ ފީފާ ތެޔޮ. މި ދޯނީގައި އެބައުޅޭ 26 މީހުން. މި ހުރިހާ މީހުންނަށް ފައިސާ ދޭން ޖެހޭ،" ޖަމާލު ބުންޏެވެ. "ފައިސާ ނުލިބޭތީ ދޯނީގައި މަސްލަހަތުވެސް ގޯސްވެއްޖެ. މިހާރު މަހަށް ނުގޮސް ފަޅުގައި ދޯނި ބާއްވައިގެން މިތިބި."

މިފްކޯއިން މަސްވެރިންނަށް ދަރާވިކުމުން އޭގެ ތަކްލީފުތައް އުފުލަން މިޖެހެނީ ނިކަމެތި މަސްވެރިންއަށެވެ. ސުވާލަކީ މި ނޫން ހާލެއް ދައުލަތުގެ މަސްކުންފުނި މިފްކޯއަށް ހަމަ ނެތީ ހެއްޔެވެ؟