ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގު މަތިވާން ފަށާނެ: ރައީސް

އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގު މަތިވާން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ މަހުގެ އަގު މަތިވާނެ ކަމަށް އެމަނިކުފާނު ދެންނެވީ އެކަމަށްޓައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާތީ ކަަމަށެވެ. އަދި އެކަަން ހާސިލުވާނެ ކަމުގެ އުންމީދު ލިބިވަޑައިގެންފައިވާތީ އެވެ. ރަނގަޅެއް ހޯދުމަށް މަސްވެރިންނާ ސަރުކާރު އެކުގައި ތިބުމަށް ބޭނުންކުރި ބޭހުގެ ފޮނި ނަތީޖާ ފުރަތަމަ ފެންނަން ފަށާނީ އެ ދުވަހު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަހުގެ އަގާ ގުޅޭ އެންމެ ބޮޑު އެއް ކަމަކީ މަހުގެ ކޮލިޓީ ކަމަށާ އެ ކޮލެޓީ އެ ގޮތުގައި ހިފެހެއްޓުމަށްޓަކާ ވަށާޖެހޭޜ ނިޒާމެއް ބިނާ ކުރަމުން ގެންދަވާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ބާރަށް އެބަ ކުރެވޭ. މި ރަށާ [ގާފަރު] ހއ. ހޯރަފުށީ އައިސްޕްލާންޓްވެސް އެވަނީ ނިމިފައި. ފެލިވަރުގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ވަނީ ގާއިމުކުރެވިފައި. މީގެ އިތުުރުން 12 އަތޮޅެއްގައި ޖުމްލަ 18 އައިސްޕްލާންޓް ގާއިމުކުުރުމުގެ މަސައްކަތް ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 18 ޕްލާންޓްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން މަހެއްގެ މައްޗަށް 15،000 ޓަނަށްވުރެ ގިނައިން އައިސް އުފެއްދޭނެ ގާބިލުކަން ދިވެހި މަސްވެރިކަމުގެ ސިނާއަތަށް އިތުރުވެގެންދާނެ ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހިން ބާނާ މަސް ޕްރޮސެސް ނުކޮށް ރޯމަހުގެ ގޮތުގައި އެކްޕޯސްޓް ކުރުމަކީ އެ ސިނާއަތް ކުރިއަރަން އޮތް ހުރަހެއް ކަމުގައި ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މަހުގެ އުފެއްދުންތެރިކަން ގައުމުގެ އެތެރޭގައި ހިފެއްޓި ހުއްޓުން އަރާފައި އޮވެ ދިވެހި މަހުގެ ފައިދާ އެހެން ގައުމުތަކުން ނަގަމުންދާ ކަމަށް ވިދާޅުވިއެވެ.

"މިކަން މިގޮތަށް ކޮއްލަ ކޮއްލާ ނޫނީ ގާނާލަ ގާނާލާ ތިބީ އެކަން ކުރި ބަޔަކަށް އޭގެ ގެއްލުން ނޭންގި ގެނެއް ނޫން. އެ ގޮތުގައި ދެމި ތިބުމުން ގައުމުގެ މަސްވެރި ސިނާއަތަށް ދިވެހި މަސްވެރިންނަށް ގެއްލުން ބޮޑުކަން އެ ބަޔަކަށްވެސް އެނގޭނެ. އެހެން ނަމަވެސް އެކަމުގައި އުޅޭ ބަޔަކަށް ބޮޑު ފައިދާއެއް ނެގެނީ އެގޮތުގައިކަން ވަރަށް ސާފު. އަޅުގަނޑުމެން މި ދަނީ މި ދެންނެވި ގެއްލުން ބޮޑު ޒަމާންވީ އާދަ އިންގިލާބުކޮށްލަން. މިހާރު ހިފާފައިމިވާ އަމާޒާ މިސްރާބުން ދިވެހި މަސްވެރި ސިނާއަތުގައި އެޅުވިފައިވާ މި ދެންނެވި ތަޅު ނެއްޓޭނެ،"

ރައީސް ވިދާޅުވީ މަހުގެ ސިނާއަތް ފުޅާކޮށް އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލައިގެން ކަމަށެވެ. އޭގެ ބަދަލުގައި ބާނާ މަހަށް އެކުވި އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެން ކަމަށެވެ. އެކަމަށްޓަކާ ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ގޮތުން ފެލިވަރުގެ އެކްސްޕޭންޝަން ޕްރޮޖެކްޓްގެ ދަށުން ފެލިވަރުގެ ޕްރޮސެސިން ކެޕޭސިޓީ ދެގުނަ އިތުރުކޮށް މުޅީން އަލަށް ދުވާލަކަށް އިތުރު 100 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން އެ ކާރުހާނާއަށް ލިބިގެންދާނެ ކަމަށެވެ.

އަދި ފެލިވަރާއި ކޫއްޑޫގެ އިތުރުން ކަނޑުއޮތްގިރި އާއި ތިނަދޫ އަދި މުލަކުގައި ގާއިމުކުރެވޭ ކޯލްޑްސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތާއެކު ޖުމްލަ ކެޕޭސިޓީ 9،000 ޓަނަށްވުރެ އިތުރުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި މަަސައްކަތް ނިމުމުން މަސްވެރިންގެ އަތުން މަސް ގަނެވޭ މިންވަރު ދުވާލެއްގެ މައްޗަށް 61 އިންސައްތަ އިތުރު ކުރުމުގެ ގާބިލުކަން މިފްކޯގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ބޮޑު ކަންނެލީގެ މަސްވެރިކަމަކީ ބޮޑު އަގުލިބޭ މައިގަނޑު އަމިއްލަ ސެކްޓަރު ވިޔަފާރިއަކަށްވާތީ އެ ވިޔަފާރި ފުޅާކުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެެވެ. ރަައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެ ވިޔަފާރިއަށް މިފްކޯ ނުވަނުން ކަމަށާ އޭގެ ބަދަލުގައި އަމިއްލަ ވިޔަފާރިތަކަށް އެހީތެރިވެދިނުމުގައި ދެމި އޮތުން ކަމަށެވެ.

"ހަގީގަތުގައި ބޮޑު ކަންނެލީގެ މަސްވެރިންނަށްވެސް ނަފާ އިތުުރުކުރެވޭނީ އެކުވި-އަގުގެ އުފެއްދުންތެރިކަން އިތުރުކުރެވިގެން. ރާއްޖޭގައި ޕްރޮސެސްކުރުން މަތި ކުރެވިގެން. މިކަމަށްޓަކައި ކަނޑު އޮތްގިރި އިތުރަށް ތަރައްގީކޮށް ސްޓޯރޭޖާއި ޕެކޭޖިން ކެޕޭސިޓީ އިތުރުކުރުމަށް މި އަންނަނީ ތައްޔާރުވަމުން. މި މަސައްކަތް ނިމުމުން އަމިއްލަ ފަރާތްތަކަށް މި ފެސިލިޓީގައި ބޮޑު ކަންނެލި އެކްސްޕޯޓް ކުރުމަށް ޕެކޭޖިންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ،" ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަށް 775 މިލިއަން

ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ބާނާ މަަސް ނުކިރި އުކާލަން ޖެހުން ކަމަށާ އެކަމަށް ދާއީމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާއިރު މިހާރުވެސް ވަގުތީ ހައްލުތަކެއް ގެނެވިފައިވާ ކަމަށެވެ. މިފްކޯގެ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރެވި ދުވާލަކު 100 ޓަނު މަސް ފިނިކުރެވި 300 ޓަނުގެ މަސް ސްޓޯ ކުރެވޭ ބޯޓެއް އަލަށް ހޯދާ ހިދުމަތަށް ނެރެން ތައްޔާރުވެފައިވާ ކަމަށެވެ.

އަދި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ގަނެ ގެނެސްފައިވާ ކަމަށެވެ. މި އަހަރަކީ ރެކޯޑް އަދަދަކަށް މަސް ކިރާފައިވާ އަހަރެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިހާތަނަށް 5،000 މެޓްރިކް ޓަނަށްވުރެ ގިނަ މަސް މިފްކޯއަށް ކިރާ 775 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް 5،000 މެޓްރިކް ޓަނަށް ވުރެ ގިނަ މަސް މިފްކޯއަށް ވަނީ ކިރާފައި. މި އަހަރުގެ މިހާތަނަށް ޖުމްލަ 775 މިލިއަން ރުފިޔާ ވާނީ މަސްވެރިންނަށް ދީފައި. މިއީ އަތުން އަތަށް ސީދާ މަސްވެރިންނަށް މިފްކޯއިން ދީފައިވާ އަދަދު. މިއީ މި ފާއިތުވީ 15 އަހަރުގެ ތެރޭގައި އެންމެ ގިނައިން މިފްކޯއަށް މަސްގަނެފައިވާ އަހަރު. ހަމަ ޔަގީނުންވެސް ފާއިތުވެ މިދިޔަ ދަތި ދުވަސްތަކުގައި ކަނޑުރޯދިން ފަހިވި އިލާހީ ރަހުމަތްފުޅު ކިތަންމެހާވެސް ބޮޑު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | މަސްވެރިންގެ ދުވަސް 2021

ރައީސްގެ ވާހަކަފުޅުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް މަސް އެކްސްޕޯޓުން ކުރިއެރުން ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު އެކްސްޕޯޓްގެ ނިސްބަތް 37.9 އިންސައްތަ އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަސްބޭނުމަށްޓަކައި އޮއިވާލި ކަނޑުފަތީގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެވިއެވެ. އޮއިވާލި ކަނޑުފަތި އަޅަން ފެށިފަހުން މިހާތަނަށް އެޅިފައިވަނީ 56 ކަނދުފަތި ކަމަށާ އެ ވިއުގައަށް 30 އިތުރުކޮށް މަސްކަނދުފަތީގެ އަގު 86 އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި އާމްދަނީ ދަށްވި މަސްވެެެރިންނަށް ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސްގެ ތަފްސީލުވެސް ރަައީސް ހިއްސާ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޮޑު ކަންނެލީގެ ސިނާއަތުގެ 98 ފަރާތަކަށް 1.2 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ފަރުމަހުގެ މަސްވެރިކަންކުރާ 1،394 މީހަކަށް 30 މިލިއަން އަދި ހުއިފި ލަނޑާ އާއި ފަރުވެރިކަމުގައި އުޅުނު 362 މީހަކަށް 8 މިލިއަން ރުފިޔާ ދޫކުރިއެވެ. އަދި ބޮޑުކަންނެލީގެ މަސްގަންނަ ފަސް ކުންފުންޏަކަށް 55.4 މިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަދި ހަމަ އެހެންމެ އެސްޑީއެފްސީ މެދުވެރިކޮށް މަސްވެރިކަމުގައި ހަރަކާތްތެރިވާ 102 ފަރާތަކަށް 144.3 މިލިއަން ރުފިޔާގެ ލޯން ސަރުކާރުން ވަނީ ދޫކޮށްފައި،" ރައީސް ވިދާޅުވިއެވެ.