ވިޔަފާރި

ހަތް އަހަރަށްފަހު މަސް ގަންނަ އަގު ދޫކޮށްލަނީ

ހަތް އަހަރަށް ފަހު، މަސްވެރިންގެ އަތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ސަރުކާރުން މިއަދު ނިންމައިފި އެވެ. މި ގޮތަށް ނިންމި ނަމަވެސް މި ބޮޑު ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންވެ.

މިފްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މަސް ގަންނަމުން ދިޔަ ކޮންޓްރޯލް އަގު ދޫކޮށްލުމާއެކު ހަފުތާއަކު އެއް ފަހަރު މަސްވެރިންނަށް ފައިސާ ދެވޭނެ އުސޫލެއް ހަދާފައިވާ ކަމަށެވެ.

"ހަތް އަހަރު މިދިޔައީ މަހުގެ އަގު ފިކްސްޑް ކޮށްގެން ގެންދާތާ. އެހެންވުމުން މިފްކޯއަށްވެސް ވަރަށް ދަތި. ނަމަވެސް މިހާރު ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތަށް ބަލާފަ ކޭޝް ފްލޯ ވެސް މެނޭޖު ކުރެވޭނެ. ފައިސާ ނުދެވި ދަތިތަކެއް ދިމާވީ ވެސް އެ މަގުން ދިޔައީ. އެހެންނަމަވެސް މިހާރު މި ބަދަލު ކުރަނީ ފްލޯޓިން ޕްރައިޒް މެކޭނިޒަމް އަކަށް. މިހެން ހެދުމުން އޭރު ބާޒާރުގައި ހުންނަ އަގަކަށް އަޅުގަނޑުމެން ކުރިއަށްދާނެ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ ތާރީހުގައި މިހާތަނަށް ފައިސާ ދެމުން ގެންދިޔައީ ނަގުދު ފައިސާ ބޯޓުގައި ގެންގޮސް މަސްވެރިންގެ އަތަށް ދޭ އުސޫލުން ކަމަށެވެ. ނަމަވެސް ބީއެމްއެލްގެ "މަސްވެރިޔާ ކާޑް" އާއި އެކައުންޓް މެދުވެރިކޮށް މަސްވެރިންގެ އެކައުންޓަށް ފައިސާ ޖަމާ ކުރެވޭނެ އުސޫލެއް ގާއިމް ކޮށް އެގޮތަށް ފައިސާ ދޭން ފަށާފައިވާ ކަމަށެވެ.

މި ބަދަލު ސަރުކާރުން މި ގެނައީ މަސް ގަންނަ އަގު ދޫކޮށްލުމަށް މަސްވެރިން ވެސް ގޮވާލަމުން ދަނިކޮށެވެ. މަސްވެރިންގެ އަބަދުގެ ޝަކުވާއަކީ މަހަށް ފައިސާ ނުދެވުމެވެ. އެހެން ދިމާވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވި ނަމަވެސް ސަރުކާރުން މަސް ގަންނަ އަގު ހިފަހަޓާފައި އޮންނާތީ އެވެ.

މަސްވެރިންނަށް ތެލުގެ އަގު ހެޔޮ ކުރަނީ

އިސްމާއިލް ވިދާޅުވި ގޮތުގައި މަސްވެރިންނަށް މިހާރުވެސް ތެލުގެ އިނާޔަތް ދޭ ކަމަށާ، މިހާރަށްވުރެ ވެސް އިތުރަށް ތެޔޮ އަގު ހެޔޮ ކުރަން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އައިސް ލިބުމުގެ މައްސަލައަށް ހައްލު ހޯދަން ފެލިވަރަށްވެސް ވަން މެގައިގެ ޖަނަރޭޓަރެއް ގެނެވި އިންސްޓޯލްކޮށްފަ ކޮމިޝަން ކުރީމަ އައިސް ލިބުމުގެ ދަތިވެސް ހައްލުވާނެ،" އިސްމާއިލް ވިދާޅުވި އެވެ.

މަސް ގަންނަ އަގު ދޫކޮށްލުމާއެކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ކޮންމެ ބަދަލެއް ގެނައުމުގެ ބާރު ލިބިގެން ދާނެ އެވެ. މީހާތަނަށް ވެސް ސަރުކާރު މަސް ކުންފުނި، މިފްކޯ އިން މަސް ކިލޯއެއް ގަންނަމުން ގެންގޮސްފައި ވަނީ 20ރ. އަށެވެ.

ދުވާލެއްގެ މައްޗަށް 200 ޓަނުގެ މަސް ބާނާނަމަ އާއްމު ގޮތެއްގައި ދުވާލަކު މައްޗަށް ފަސް މިލިއަން ރުފިޔާ މިފްކޯ އިން މަސްވެރިންނަށް ދޫކުރާނެ އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ކެފޭ ރެސްޓޯރަންޓްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މަހަށް އޮންނަ ޑިމާންޑް ދަށްވެ އެކްސްޕޯޓް ކުރަންޖެހޭ މިންވަރު ދަށެވެ. މިފްކޯ އަށް މިދިޔަ އަހަރު 48،000 ޓަނުގެ މަސް ކިރުވި އެވެ. އަދި މަސްވެރިންނަށް 908 މިލިއަން ރުފިޔާ ދޫކުރި އެވެ.